ޔުނައިޓެޑުގެ ކުޑަކުޑަ ސަޕޯޓަރެއްގެ ސިޓީއަށް ކްލޮޕް ޖަވާބު ދީފީ

ލިވަޕޫލް (ފެބްރުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑްގެ އުމުރުން 10 އަހަރުގެ ސަޕޯޓަރެއް ކަމަށްވާ ޑެރާގް ކާލީ ފޮނުވި ސިޓީ އަކަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ޖަވާބުދީފި އެވެ.


ޔުނައިޓެޑަކީ އިނގިރޭސި ފުޓްބޯޅައިގައި ލިވަޕޫލްގެ ޒަމާންވީ ވާދަވެރިންނެވެ. ލިވަޕޫލާއި ޔުނައިޓެޑްގެ ވާދަވެރިކަން ސަޕޯޓަރުންގެ މެދުގައި ވެސް އިންތިހާ އަށް އޮވެ އެވެ. ސީޒަނުގެ މުހިއްމު ހިސާބަކުން ކްލޮޕް ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ސިޓީ އަކަށް ރަސްމީކޮށް ޖަވާބެއް ފޮނުމުން އެކަމަށް އިނގިރޭސި މީޑިއާގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.

އަޔަލެންޑުގެ ޓެރިޓަރީއެއް ކަމަށްވާ ކައުންޓީ ޑޮނެގާލް ސަރަހައްދަށް ނިސްބަތްވާ ޑެރާގްގެ ސްކޫލު ޕްރޮޖެކްޓެއްގައި އޭނާ ކްލޮޕަށް ސިޓީއެއް ފޮނުވައިގެން އެދުނީ ޔުނައިޓެޑަށް އެހީތެރިވުމުގެ ގޮތުން މެޗުތަކަކުން ބަލިވުމަށެވެ.

"ލިވަޕޫލް އެ އަންނަނީ ވަރަށް ގިނަ މެޗުތަކަކުން މޮޅުވަމުން. ލިވަޕޫލުން ދެން ކުރިއަށް އޮތް ނުވަ މެޗުން މޮޅުވެއްޖެނަމަ އެ ވެގެންދާނީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ބަލިނުވެ އެންމެ ގިނަ މެޗު ނިންމާލުމުގެ ރެކޯޑަށް. އެއީ ޔުނައިޓެޑް ސަޕޯޓަރެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ދެރަ ކަމަކަށްވާނެ. އަހަރެން އުއްމީދަކީ ކުރިއަށް އޮތް މެޗުތަކުން ލިވަޕޫލް ބަލިކޮށްދިނުން. އެހެން ޓީމުތަައް ލަނޑުޖަހަން ފުރުސަތު ދިނުން. އަހަރެން ދެކެނީ ލިވަޕޫލް މެޗަކުން މޮޅުނުވެ ލީގު ނުހޯދަން އަހަރެން އެދުނު ގޮތަށް ކަންތައް ކޮށްދޭނެކަމަށް،" ކްލޮޕަށް އެޑްރެސްކޮށް ޑެރާގް ފޮނުވި ސިޓީގައިވެ އެވެ.

ލިވަޕޫލްގެ ސަމާލުކަމަށް މި ސިޓީ އައި ޑެރާގްގެ ސްކޫލު މެދުވެރިކޮށެވެ. އޭގެ ޖަވާބުގައި ކްލޮޕް ފޮނުވި ސިޓީގައި ވަނީ ޔުނައިޓެޑަށް ޑެރާގްކުރާ ސަޕޯޓަށް ތައުރީފުކޮށްފަ އެވެ. އެކަމަކު އޭނާ އެދުނު ގޮތަށް ލިވަޕޫލް މެޗުތަކަކުން ބަލިކޮށްދެވެން ނެތް ކަމަށް ކްލޮޕް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިވަޕޫލް މޮޅުވާން އެދޭ ގިނަ ސަޕޯޓަރުންތަކެއް އެބަތިބި ކަމަށާއި އަދި އޭނާގެ ވަޒީފާ އަކީ ލިވަޕޫލަށް ކާމިޔާބު ހޯދައިދިނުން ކަމަށް ކްލޮޕް ބުނެފައިވެ އެވެ.

"(ޑެރާގް ފޮނުވި) މި ސިޓީ ބަލާފައި އަހަންނަށް ޔަގީންވާކަމަކީ ފުޓްބޯޅަ އަށް ޑެރާގްގެ ހިތުގައި ތި އޮތް ލޯބި ބަދަލެއްނުވާނެކަން. މެންޗެސްޓާ ޔުނައިޓެޑް ވަރަށް ނަސީބުގަދަ ތި ވަރުގެ ސަޕޯޓަރެއް ލިބުނީތީ،" ކްލޮޕްގެ ސިޓީގައިވެ އެވެ.

ޑެރާގްގެ ބައްޕަ އައިރިޝް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އާއިލާގައި ވެސް ތިބީ މުޅިން ޔުނައިޓެޑްގެ ސަޕޯޓަރުންކަމަށާއި ޑެރާގް ފޮނުވި ސިޓީ ކްލޮޕާ ހަމައަށް ދިޔަ ގޮތެއް ނޭނގޭ ކަމަށެވެ. އެކަމަކު އެ ސިޓީ އަށް ކްލޮޕް އަމިއްލަ އަށް ޖަވާބުދީފައިވާކަން އެނގޭ ކަމަށާއި އެހެންވެ ޑެރާގް ވެސް ކްލޮޕަށް ހާއްސަ އިހުތިރާމެއްކުރާ ކަމަށެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ވަނީ އެ ސިޓީއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަންނަށް ލިބޭ ހުރިހާ ސިޓީ އަކަށް ޖަވާބެއް ނުދެވޭނެ. އެ ޔަގީންކަމެއް. އެއީ ވަރަށް ގިނަ ސިޓީ އަންނާނެ. އެކަމަކު މި ސިޓީ ވަރަށް ހާއްސަ. އެ ވަރުގެ ކުދިންގެ ހިތުގައި އޮންނަ ލޯބި ދިރުވަންޖެހޭ. ފުޓްބޯޅައިގައި ވާދަވެރިކަން އޮންނަންވީ ދަނޑުމަތީގައި. ދެން ޖެހޭނީ މި ކުޅިވަރު ކުރިއަށްގެންދަން،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ އެހެން އެއްވެސް ޓީމެއްގެ ސަޕޯޓަރަކާ މެދުގައި އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ނެތް ކަމަށެވެ. ލިވަޕޫލް މެޗަކުން ބަލިނުވެ ލީގުގެ އެއް ވަނައިގައި އޮތީ 26 މެޗުން 76 ޕޮއިންޓާ އެކު އެވެ. މި ސީޒަނުގައި ލިވަޕޫލް އަތުން ޕޮއިންޓު ގެއްލުނީ ރަށުންބޭރުގައި ޔުނައިޓެޑާ އެއްވަރުވި މެޗުގަ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ލިވަޕޫލަށް ދެން ބޭނުންވަނީ ފަސް މޮޅެވެ. ޔުނައިޓެޑް ލީގުގެ ހަތް ވަނައިގައި އޮތީ 26 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.