މުހިއްމު މޮޅުތަކާ އެކު އާސެނަލާއި ޔުނައިޓެޑް ރޭހުގައި ކުރިއަށް

ލަންޑަން (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން މުހިއްމު މޮޅެއް ހޯދައި ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށް ޖެހިލައިފި އެވެ.


އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 3-0 އިން މޮޅުވެ ޔުނައިޓެޑް ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އަދި އާސެނަލް ކުޅުނު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު 3-2 އިން އެވަޓަން ބަލިކޮށް ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ.

ކޮންމެ ޓީމެއް ވެސް 27 މެޗު ކުޅެފައިވާއިރު ލީގުގެ ހަތަރެއްގައި ޗެލްސީ އޮތީ 44 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް 41 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޓޮޓެންހަމް އަދި ހަތް ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށް ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި އޮތް ވުލްވްސް ވަނީ ރޭގެ މެޗުން 3-0 އިން ނޯވިޗް ސިޓީ ބަލިކޮށް 39 ޕޮއިންޓް ހަމަކޮށްފަ އެވެ. ނުވަ ވަނައިގައި އޮތް އާސެނަލާއި 10 ވަނައިގައި އޮތް ބާންލީގެ އޮތީ 37 ޕޮއިންޓެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑަށް ބަދަލުވި ފަހުން ފެނާންޑޭސް ޖެހި ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފްގައި ޔުނައިޓެޑްގެ އަނެއް ދެ ގޯލު ޖެހީ އެންތަނީ މާޝިއަލް އަދި މޭސަން ގްރީންވުޑް އެވެ.

ރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ފެނާންޑޭސް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވުމާ އެކު ޓީމު އޮތީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި ގަދަ ފަސް ޓީމު ތެރެއަށް ވަދެވުނު ކަމުގައި ވިޔަސް އަދިވެސް ހިތްނުފުރޭ ކަމަށެވެ.

އާސެނަލުން ރޭގެ މެޗު ފަށަން ޖެހުނީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މެޗުގެ ފުރަތަމަ މިނިޓްގައި ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ އެވަޓަން އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު ހާފުގެ މެދުތެރެއިން ހަ މިނިޓް ތެރޭ ދެ ގޯލު ޖަހައި އާސެނަލުން ވަނީ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ. އެއްވަރުކޮށްދިން ލަނޑު މެޗުގެ 27 ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ އެވެ. އަދި 33 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ވަނީ އާސެނަލަށް ލީޑުނަގައިދީފަ އެވެ.

ފުރަތަމަ ހާފުގައި ލީޑުގައި އޮވެ މެޗު ނިންމާލަން އާސެނަލުން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. އެއީ ހާފުގެ އިތުރު ވަގުތު ތެރޭ ރިޗާލިސަން އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނުމުންނެވެ. އާސެނަލް މޮޅުވި ގޯލު ދެ ވަނަ ހާފް ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އޮބާމަޔަން އެވެ.

އެވަޓަން އިން މި މެޗު ހާއްސަވާނެ އެއް ކުޅުންތެރިޔަކީ އަނިޔާއިން އެނބުރި އައިސް ފުރަތަމަ ފަހަރަށް ކުޅުނު ޕޯޗުގަލްގެ މިޑްފީލްޑަރު އަންދްރޭ ގޯމޭސް އަށެވެ. މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމްގެ ހޮއެން ސަން މިންގެ ޓެކުލަކަށް ވެއްޓި ސާޖް އޮރިއޭއާ މުޑިއަރައި ގޯމޭސްގެ ކުޑަހުޅާ ދިމާލުން ތަނބިކަށިގަނޑު ބިނދި އަދި ހުޅު ނެއްޓުނީ އެވެ. އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ކުރުމާ އެކު ބެލެވުނީ ގޯމޭސް އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށެވެ. އެކަމަކު އެނބުރި އައިސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ.