18 އަހަރު ކުރިން ޔުވެންޓަސް އަށް ރޮނާލްޑޯގެ ޑީލެއް

ނޭޕްލްސް (ފެބްރުއަރީ 25) - ޒުވާން އުމުރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއާ ބަދަލުވުމާ ގާތަށް ދިޔަ ކަމަށް ނަޕޯލީގެ ކުރީގެ ކޯޗެއް ކަަމަށްވާ ޖިއޮވާނީ ޑި މާރްޒިއޯ ބުނެފި އެވެ.


ސްޕޯޓިން ލިޒްބަން އަށް 2002 ވަނަ އަހަރު ރޮނާލްޑޯ ކުޅުނުއިރު، އޭރު އެ ޓީމަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ރިކާޑޯ ކުއަރެސްމާ އަށް ފާރަލުމުގެ ގޮތުން ޑި މާރްޒިއޯ ލިސްބަން އަށް ދިޔަ އެވެ. އޭނާގެ މި ދަތުރަކީ ޔުވެންޓަސްގެ ކުރީގެ ޑިރެކްޓަރު ލޫޝިއާނޯ މޮގީގެ އެދުމުގެ މަތިން ޑި މާރްޒިއޯ ކުރި ދަތުރެކެވެ. އެކަމަކު މި ދަތުރުގައި އޭނާ ލޮލުގައި އަޅައިގަތީ ރޮނާލްޑޯ އެވެ. ޑި މާރްޒިއޯ ވަގުތުން ޔުވެންޓަސް އަށް އެންގީ ރޮނާލްޑޯ ގަތުމަށެވެ.

އެކަމަކު ޔުވެންޓަސް އިން އޭރު ހުށަހެޅި ޑީލު ކުރިއަށްނުދިޔައީ ޗިލީގެ ކުރީގެ ކުޅުންތެރިޔާ މާސެލޯ ސަލާސްގެ ސަބަބުންނެވެ. އޭރު ޔުވެންޓަސް އަށް ކުޅެމުންދިޔަ ސަލާސް އާއި ރޮނާލްޑޯ ބަދަލުކުރަން ދެ ކްލަބުން އެއްބަސްވި ނަމަވެސް އެ ޑީލް ކުރިއަށްނުދިޔަ އެވެ.

"ރޮނާލްޑޯ އޭރު ސްޕޯޓިން އަށް ކުޅުނީ ތިން ވަރަކަށް މެޗު. އަހަންނަށް އޭރު ވެސް ޔަގީންކަން އޮތް ރޮނާލްޑޯ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ވާނެކަމުގެ. އަހަރެން ލޫޝިއާނޯ އަށް އެންގިން މި ޑީލް ކުރިއަށްގެންދަން. ޔުވެންޓަސް އިން ރޮނާލްޑޯގެ މެޑިކަލް ވެސް ތައްޔާރުކޮށްފައި ވަނިކޮށް ސަލާސް މި ޑީލަށް ނޫނެކޭ ބުނުމުން ހުރިހާ ކަމެއް ނިމުނީ،" ކުރިން އިޓަލީގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި ޑި މާރްޒިއޯ ބުންޏެވެ.

ގިނަ ކްލަބްތަކެއް ފާރަލުން އަންނަނިކޮށް ރޮނާލްޑޯ ހޯދުމުގެ ރޭހުގައި އެ ފަހަރު ކުރިހޯދި މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން 2003 ވަނަ އަހަރު ރޮނާލްޑޯ ގަތީ 12.3 މިލިއަން ޕައުންޑް ދައްކައިފަ އެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ ގިނަ ރެކޯޑްތަކެއް ހަދައި ކާމިޔާބީތަކެއް ހޯދުމަށް ފަހު ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދި 100 މިލިއަން ޕައުންޑަށެވެ.

މިދިޔަ ސީޒަނުގައި އިޓަލީ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ އަށް ޔުވެންޓަސްގައި ހުރެ ވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދޭނެ ކަމަށް ޑި މާރްޒިއޯ ގަބޫލުކުރެ އެވެ.