ބާސެލޯނާ އާއި ނަޕޯލީ އެއްވަރު

ނޭޕްލްސް (ފެބްރުއަރީ 26) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އިން ނަޕޯލީގެ ދަނޑުގައި އެ ޓީމާ 1-1 އިން އެއްވަރުކޮށްފި އެވެ.


މި ނަތީޖާއާ އެކު، ބާސެލޯނާގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އެ މެޗު 0-0 އެއްވަރުވެއްޖެ ނަމަ ބާސެލޯނާ ކޮލިފައިވާނެ އެވެ. އެ މެޗު 1-1 އިން އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތުން ކުޅެން ޖެހޭއިރު އެ ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ފުރުސަތު ލިބޭނީ ނަޕޯލީ އަށެވެ.

މިދިޔަ ދެ ސީޒަނަށް ބަލާއިރު ފުރަތަމަ ލެގުން ތަފާތު ބޮޑު ނަތީޖާ އިން މޮޅުވި ނަމަވެސް ބާސެލޯނާ އަށް ފައިދާއެއްކޮށްފައެއް ނުވެ އެވެ. އެގޮތުން 2018 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރޯމާ އަތުން އަމިއްލަ ދަނޑުގައި 4-1 އިން މޮޅުވި ނަމަވެސް ދެ ވަނަ ލެގުން 3-0 އިން ބަލިވެ ކެޓީ އެވެ. އަދި މިދިޔަ ސީޒަނުގެ ސެމީގައި ވެސް ފުރަތަމަ ލެގުން ޗެމްޕިއަން ލިވަޕޫލް އަތުން 3-0 އިން މޮޅުވި ނަމަވެސް ދެ ވަނަ ލެގުން 4-0 އިން ބަލިވެ ކެޓީ އެވެ.

ނަޕޯލީގެ ސްޓޭޑިއަން ސެން ޕައޮލޯގައި ކުޅުނު މެޗުގައި ނަޕޯލީން ކުރި ހޯދީ 30 ވަނަ މިނެޓުގައި ބެލްޖިއަމް ވިންގާ ޑްރިއެސް މާޓިންސް ޖެހި ގޯލުންނެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިނީ 57 ވަނަ މިނެޓުގައި އެންޓޮއިން ގްރިޒްމަން އެވެ. މެޗުގެ 89 ވަނަ މިނެޓުގައި ބާސެލޯނާގެ މިޑްފީލްޑަރު އަރްޓޫރޯ ވިޑާލަށް ދެ ވަނަ ރީނދޫކާޑާ އެކު ރަތްކާޑެއް ވަނީ ދައްކައިފަ އެވެ. އެހެންވެ އޭނާ އަށް އަނެއް ލެގުގައި ނުކުޅެވޭނެ އެވެ.

އިޓާލިއަން ލީގުގައި މިދިޔަ އަހަރުތަކުގައި ގަދަބާރެއްގެ ގޮތުގައި ނަޕޯލީ އޮތް ނަމަވެސް މި ސީޒަނުގައި އޮތީ ފޯމުން ކަޓައިފަ އެވެ. ކާލޯ އަންޗެލޮޓީ ވަކިކޮށް ޖެނާރޫ ގަޓޫސޯ ހަވާލުވި ފަހުން މަޑުމަޑުން އަންނަނީ ހަމަޔަކަށް އެޅެމުންނެވެ. ގަދަގަދަ ބާސެލޯނާއާ އެއްވަރުކުރެވުމަކީ އެ ޓީމަށް އެގޮތުން ބަލާއިރު ޕޮޒިޓިވް ނަތީޖާއެކެވެ.

"މިއީ މޮޅުވެވޭނެ މެޗެއް. އެހެންވެ (އެއްވަރުވުމުން) މިތިބީ ކުޑަކޮށް ހިތްހަމަނުޖެހިފައި،" ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ ބުންޏެވެ. "މެސީ ފަދަ ކުޅުންތެރިންނާ ކުރިމަތިލުމަކީ ޖަޒުބާތީކަމެއް."

ބާސެލޯނާގެ ކޯޗު ކުއިކީ ސެޓިއެން ބުނީ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގެއް އޮތުމުން، މި މެޗު އެއްވަރުވުމަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި ރޭ ރަތްކާޑު ދެއްކި ވިޑާލާއި ކާޑުހަމަވެގެން ސަސްޕެންޑްވެފައިވާ ސާޖިއޯ ބުސްކެޓްސް ނެތްތަން ފޫބައްދާނެ ކަމަށް އޭނާ ބުންޏެވެ.