ޕީއެސްޖީން ކޯޓީނިއޯ އަށް 60 މިލިއަން ހުށަހަޅަނީ

ޕެރިސް (އޮކްޓޫބަރު 9) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ އަށް 60 މިލިއަން ޕައުންްޑް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގައި ވެސް ކޯޓީނިއޯ އަށް 30 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. ލިވަޕޫލުން ވަނީ ކޯޓީނިއޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ އަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ ޕްލޭނުގައި މުހިއްމު ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް ކުޅުނު ގިނަ މެޗުތަކުގައި ކޯޓިނިއޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިހާރު ކޯޓީނިއޯ އަންނަނީ ބްރެޒިލް ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ބޭނުންވާނަމަ ކޯޓީނިއޯގެ ބަދަލުގައި 40 މިލިއަން ޕައުންޑާއި ލޫކަސް މޯރާ ދޭން ވެސް ޕީއެސްޖީން ތައްޔާރެވެ.

ކޯޓީނިއޯ ލިވަޕޫލަށް ބަދަލުވީ 2013 ވަނަ އަހަރު 8.5 މިލިއަން ޕައުންޑުގެ އަގަކަށް އިންޓަ ދޫކޮށްލުމަށް ފަހު އެވެ. ފާއިތުވި ތިން ސީޒަނުގައި ކޯޓީނިއޯ ވަނީ ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އުމުރުން 24 އަހަރުގެ ކޯޓީނިއޯ ހޯދުމަށް ސްޕެެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އިން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.