އުނދަގޫ މޮޅަކަށް ފަހު ބާސެލޯނާ އެއް ވަނަ އަށް

ބާސެލޯނާ (މާޗް 8) – ރެއާލް ސޮސިއެޑާޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.


އެކަމަކު އެއީ ކުރިން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެން، 58 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ. އެ ޓީމުން މިރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް ޖެހީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ މި ލަނޑު ޖެހީ 81 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. މިއީ ސޮސިއެޑާޑުގެ ރޮބިން ލެ ނޯމާންޑުގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ވީއޭއާރް ބަލައިގެން ދިން ޕެނަލްޓީއެކެވެ.

މޮޅުވި ނަމަވެސް ޖުމްލަކޮށް އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އަދި މިދިޔަ ހަފުތާގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވި ބަލިވުމުން އަރައިނުގަނެވޭހެން ވެސް ހީވި ދަނޑިވަޅުތަކެއް ދިޔަ އެވެ.

އެކަމަކު ބާސެލޯނާގެ ކޯޗު ކުއިކީ ސެޓިއެން ބުނީ އެ ޓީމަށް އިތުބާރު ނުގެއްލޭ ކަމަށެވެ. ރޭގެ މެޗުގައި ސަޕޯޓަރުން ވަނީ ބާސެލޯނާގެ ކުޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސެޓިއެން ބުނީ އިދިކޮޅު ޓީމުން ކުރާ މަސައްކަތް ބައެއް ފަހަރަށް ސަޕޯޓަރުންނަށް ނުފެންނާނެ ކަމަށާއި އެކަމަކު ސޮސިއެޑާޑަކީ ވަރުގަދަ ޓީމެއްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.