އިޓަލީގެ ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލަން ގޮވާލައިފި

ރޯމް (މާޗް 8) - ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން، އިޓަލީގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓާލަން އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިންގެ ޖަމިއްޔާގެ ރައީސް ޑަމިއާނޯ ޓޮމާސީ ގޮވާލައިފި އެވެ.


އިޓަލީން މި ބަލި 5000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެހެންވެ އިޓަލީ ސަރުކާރުން ވަނީ އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވޭނީ ސަޕޯޓަރުން ނުވައްދާ ކަމަށް އަންގައިފަ އެވެ.

އެއާ އެކު މެދުކަނޑާލާފައިވާ އިޓާލިއަން ލީގު، ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް މިއަދު އަލުން ފަށާނެ އެވެ. އެކަމަކު އިޓަލީގެ އުތުރުގެ ލޮމްބާޑީ އާއި އަވަށްޓެރި 14 ޕްރޮވިންސެއް ކަރަންޓީނުކުރަން އިޓަލީ ސަރުކާރުން ނިންމުމާ އެކު، އެހެން ސަރަހައްދުތަކަށް ދިއުމަށް ހުރަސް އެޅޭނެތީ ފުޓްބޯޅަ އަށް ވާނެ ގޮތެއް ނޭގެ އެވެ. ލޮމްބާޑީ އަކީ އިޓާލިއަން ލީގުގެ އޭސީ މިލާނާއި އިންޓަ މިލާނާއި އެޓަލާންޓާ އަދި ބްރެޝިއާ ނިސްބަތްވާ ސަރަހައްދެވެ.

ލީގު ހުއްޓާލަން ގޮވާލައި ޓޮމާސީ ކުރި ޓްވީޓެއްގައި ބުނީ އެންމެ އިސްވާން ޖެހޭނީ ސިއްހަތު ކަމަށާއި ފުޓްބޯޅަ ހުއްޓާލަން ޖެހޭ ކަމަށެވެ.

އޭނާގެ ވާހަކަތަކަށް ތާއީދުކޮށް އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނީ މިއީ އެންމެން ހޭލަންޖެހޭ ވަގުތު ކަމަށެވެ ބަލޮޓެލީ ބުނީ ސަޕޯޓަރުން ނުވައްދާ ވިޔަސް މެޗުތައް ކުޅޭ ނަމަ، ބަހުންނާއި ރޭލުންނާއި މަތިންދާބޯޓުން ދަތުރުކުރަން ޖެހޭނެ ކަމަށާއި ހޮޓާތަކުގައި ނިދަން ވެސް ޖެހޭނެ ކަމަށެވެ. އޭގެ ސަބަބުން، އެކުގައި މަސައްކަތްކުރާ މީހުން ފިޔަވައި އެހެން މީހުންނާ ކޮންޓެކްޓެ ނުރައްކާ ބޮޑުވާނެ ކަމަށް ބަލޮޓެލީ ދެކެ އެވެ. ސިއްހަތަކީ ޖޯކެއް ނޫން ކަމަށާއި ފައިސާ އަކީ އެންމެންގެ ސިއްހަތާ ބަލާއިރު އަގެއް ހުރި އެއްޗެއް ނޫން ކަމަށް ބުނެ ބަލޮޓެލީ ވަނީ، ލީގު ހުއްޓާލަން އެދިފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެމް، އިޓަލީގެ އުތުރުގެ ސަރަހައްދުގައި ކުޅެން ހަމަޖެހިފައި އޮތް ބޮޑެތި ފުޓްބޯޅަ މެޗުތައް މިހާތަނަށް އައީ ފަސްކުރަމުންނެވެ. އޭގެ ތެރޭގައި އިންޓަ މިލާނާއި ޔުވެންޓަސް ކުޅެން އޮތް މެޗާއި އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި އޭސީ މިލާނާއި ޔުވެންޓަސް ކުޅެން އޮތް މެޗުގެ އިތުރުން އިންޓަ މިލާނާއި ނަޕޯލީގެ މެޗު ހިމެނެ އެވެ. އެކަމަކު އެހެން ސަރަހައްދުތަކުގައި އައީ ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެމުންނެވެ.

ސަރުކާރުގެ އާ އެންގުމާ އެކު ހުރިހާ ސަރަހައްދެއްގައި ވެސް ދެން މެޗުތައް ބޭއްވޭނީ ސަޕޯޓަރުން ނެތި އެވެ. އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މެޗުތައް ކުރިއަށްދާއިރު ކުޅުންތެރިންނާއި އޮފިޝަލުން އިތުރަށް ސަމާލުވާން އަންގައިފަ އެވެ. އެގޮތުން ގަވާއިދުން ސްކްރީން ކުރަން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން މެޗުތަކާއި ޕްރެކްޓިހުގެ ތެރެއިން ކުޅުންތެރިން އެއް ފުޅި ބޭނުންނުކުރުމަށާއި ތުވާއްޔާއި ހެދުންފަދަ ތަކެތި ވަކިވަކިން ގެންއުޅެން ވަނީ އަންގައިފަ އެވެ.