ކޮވިޑް-19: އާސެނަލްގެ ކުޅުންތެރިން ކަރަންޓީންކޮށް މެޗު ފަސްކޮށްފި

މެންޗެސްޓާ (މާޗް 11) – ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުންތަކެއް ކަރަންޓީންކޮށް، ޕްރިމިއާ ލީގުގައި މިރޭ އެ ޓީމާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.


މި ނިންމުން ނިންމީ ޔުރޮޕާ ލީގުގައި މީގެ ދެ ހަފުތާ ކުރިން އާސެނަލުން ވާދަކުރި ގްރީކުގެ ކްލަބް، އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ލަންޑަނުގައި ކުޅުނު މެޗަށް ފަހު އޭނާއާ އާސެނަލްގެ ބައެއް ކުޅުންތެރިން ބައްދަލުކުރި އެވެ.

އާސެނަލުން ބުނީ އެ ކްލަބުން އަންނަނީ ސަރުކާރުގެ އެންގުންތަކަށް ފުރިހަމަ އަށް ތަބާވަމުން ކަމަށާއި އޭގައިވާ ގޮތުން ކޮރޯނާވައިރަސް ހުރި މީހަކާ ކޮންޓެކްޓްވި މީހަކު، އެ ބައްދަލުވުމެއް ހިނގި ފަހުން 14 ދުވަސް ވަންދެން އަމިއްލަ އަށް އެކަހެރިވާން ޖެހޭ ކަމަށެވެ. އެހެންވެ މިރޭގެ މެޗަށް އާސެނަލްގެ ކުޅުންތެރިންނަށް ދެވޭނެ ގޮތެއް ނެތުމުން މެޗު ފަސްކުރަން ޕްރިމިއާ ލީގުން ނިންމީ އެވެ.

އަލާމާތެއް ފެންނަންދެން އަމިއްލަ އަށް ކަރަންޓީންވާން ޖެހޭ 14 ދުވަހުގެ މުއްދަތު ހުކުރު ދުވަހު ހަމަވާނެ އެވެ. އެހެންވެ ލީގުގައި ހޮނިހިރު ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅުންތެރިން އެނބުރި އަންނާނެ ކަމަށް އާސެނަލުން އުއްމީދުކުރެ އެވެ.

އޮލިމްޕިއާކޯސް އިން ޔުރޮޕާ ލީގުގައި މާދަމާރޭ އިންގްލެންޑުގެ ވުލްވްސްއާ ވާދަކުރާނެ އެވެ. ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގު ފަސްކޮށްދޭން ވުލްވްސް އިން އެދުނު ނަމަވެސް ޔުއެފާ އިން އެގޮތަށް ނިންމާފައެއް ނުވެ އެވެ. އެކަމަކު އެ މެޗު ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

އިނގިރޭސި ވިލާތުގައި މިހާތަނަށް މި ވައިރަސް 382 މީހެއްގެ ގައިން ފެނި ހަ މީހަކު ވަނީ މަރުވެފަ އެވެ. މުޅި ދުނިޔޭން 118،911 މީހުންނަށް ޖެހި 4270 މީހުން ވަނީ މަރުވެފަ އެވެ. އަދި ޖެހުނު މީހުންގެ ތެރެއިން 65،150 މީހުން ވަނީ ރަނގަޅުވެފަ އެވެ.