ކޮވިޑް-19: ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ނިޔޯން (މާޗް 17) – މި އަހަރުގެ ޖޫން 12 އިން ޖުލައި 12 އަށް ބާއްވަން ރާވާފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް، ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ގުޅިގެން އެއް އަހަރަށް ފަސްކުރަން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާ އިން ނިންމައިފި އެވެ.


ޔުއެފާ އިން އެގޮތަށް ނިންމީ އެ ޖަމިއްޔާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުންނާ އެކު އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގަ އެވެ.

މުބާރާތް އަންނަ އަހަރު އޮންނާނީ ޖޫން 11 އިން ޖުލައި 11 އަށެވެ.

ޔޫރޯ ފަސްކުރީ، ޔޫރަޕުގެ ފުޓްބޯޅަ ލީގުތަކާއި ޔުއެފާގެ ކްލަބް މުބާރާތްތައް ފުރިހަމަކުރަން ވަގުތު ދިނުމަށެވެ. މިހާރު ރާވާފައި އޮތީ ބަލިމަޑުކަން ހަމަޔަކަށް އެޅިއްޖެ ނަމަ އަންނަ މަހު ނުވަތަ މޭ މަހު އަލުން ލީގުތައް ފަށައި ޖޫން މަހުގެ ނިޔަލަށް ނިންމާލުމަށެވެ. ޔުއެފާ އިން ވަނީ، ސީޒަން ފުރިހަމަކުރުމަށް ކަލަންޑަރެއް އެކުލަވާލަން މަސައްކަތްކުރުމަށް، ލީގުތަކާއި ކްލަބްތައް ހިމެނޭ ގޮތަށް ވޯކިން ގްރޫޕެއް އެކުލަވާލައިފަ އެވެ. ޖޫން މަހުގެ ނިޔަލަށް ސީޒަން ނިންމާލުމަށްޓަކައި ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ނޮކްއައުޓް މެޗުތައް ދެ ލެގުގެ ބަދަލުގައި ޕްލޭއޮފް މެޗަކަށް ބަދަލުކޮށްފާނެ އެވެ.

އަންނަ އަހަރަށް ޔޫރޯ ފަސްކުރުމާ އެކު، އަންނަ އަހަރުގެ ޖޫން މަހަށް ޝެޑިއުލްކޮށްފައިވާ، 21 ޓީމުގެ އާ ފީފާ ކްލަބް ވޯލްޑް ކަޕާ ފުށުއަރާނެ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެ މުބާރަތް ފަސްކުރަން ހުށަހަޅުއްވައިފަ އެވެ. އިންފަންޓީނޯ ވިދާޅުވީ މިއަދު ފީފާގެ އޮފިޝަލުންނާ އެކު ވީޑިއޯ ކޯލް ބައްދަލުވުމެއް ބާއްވައި، އެ މުބާރާތް ދެން ބާއްވާނެ ތާރީހެއް، ހާލަތު ސާފުވުމުން ނިންމަން ހުށަހަޅުއްވާނެ ކަމަށެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 މުޅި ދުނިޔޭން 182,881 މީހަކަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 79,886 މީހުން އެ ބަލިން ފަސޭހަވެފައިވާއިރު، 7،174 މީހުން ވަނީ މަރުވެފަ އެވެ. ޗައިނާ އިން މިދިޔަ ޑިސެމްބަރު ފެނުނު މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގަ އެވެ.

ޔޫރޯ މި އަހަރު ބާއްވަން ރާވާފައި އޮތީ އެހެން އަހަރުތަކާ ހިލާފަށް، ތަފާތު 12 ގައުމެއްގެ 12 ސިޓީގަ އެވެ. އެހެންވެ އެހެން މުބާރާތްތަކަށް ވުރެ ދަތުރުފަތުރުތައް ގިނަވެ މީހުން އެކިތަންތަނަށް ޒިޔާރަތްކުރާ އަދަދު އިތުރުވާނެ އެވެ. ކުރިން ނަމަ ސަޕޯޓަރުން ޖަމާވާނީ އެއް ގައުމަކަށެވެ. މިހާރު އެކި ގައުމުތަކަށް ޒިޔާރާތްކުރަން ސަޕޯޓަރުންނަށް ޖެހޭނެ އެވެ. މުބާރާތް ހުޅުވާ މެޗު ރޯމުގެ އޮލިމްޕިކޯގައި ކުޅޭއިރު ފައިނަލް އޮންނާނީ ލަންޑަނުގެ ވެމްބްލީގަ އެވެ.

ގްރޫޕް އޭގެ މެޗުތައް އިޓަލީގެ ރޯމާއި އަޒަރުބައިޖާނުގެ ބަކޫގައި ކުޅޭއިރު ގްރޫޕް ބީގެ މެޗުތައް އޮންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގާއި ޑެންމާކުގެ ކޯޕެންހޭގަންގަ އެވެ. އަދި ގްރޫޕް ސީގެ މެޗުތައް ނެދަލެންޑްސްގެ އެމްސެޓެޑަމް އާއި ރޫމޭނިއާގެ ބުކަރެސްޓުގައި ބާއްވާއިރު ގްރޫޕް ޑީގެ މެޗުތައް އޮންނާނީ އިންގްލެންޑުގެ ލަންޑަނާއި ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ. ގްރޫޕް އީގެ މެޗުތައް ސްޕެއިނުގެ ބިލްބާއޯ އާއި އަޔަލެންޑުގެ ޑަބްލިންގައި ކުޅޭއިރު ގްރޫފް އެފްގެ މެޗުތައް އޮންނާނީ ޖަރުމަނުގެ މިއުނިކާއި ހަންގޭރީގެ ބުޑަޕެސްޓުގަ އެވެ.

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ޔުއެފާ އިން 1958 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތަކީ ގައުމީ ޓީމުތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ފީފާ ވޯލްޑް ކަޕް ނެގުމަށް ފަހު ދުނިޔޭގެ އެންމެ މަގުބޫލު މުބާރާތެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމުތަކީ ތިން ފަހަރު ތަށި އުފުލާލާފައިވާ ޖަރުމަނާއި ސްޕެއިނެވެ. ދެން އެންމެ ކާމިޔާބީ ދެ ފަހަރު ތަށި އުފުލާލި ފްރާންސެވެ. އަދި ހަތް ގައުމަކުން އެއް ފަހަރު ތަށި ހޯދި އެވެ. އެއީ ސޯވިއެޓް ޔޫނިއަން، އިޓަލީ، ޗެކް ރިޕަބްލިކް، ޕޯޗުގަލް، ނެދަލެންޑްސް، ޑެންމާކް އަދި ގްރީކެވެ.