ކޮވިޑް-19: އިނގިރޭސި ޕްރިމިއާ ލީގު ފެށުން ފަސްކޮށްފި

ލަންޑަން (މާޗް 19) - ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ހެދި މެދުކަަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް އަލުން ފެށުން ފަސްކޮށްފި އެވެ.


އިނގިރޭސި އެފްއޭ އިން އެންމެ ފުރަތަމަ އެ ގައުމުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ނިންމީ އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށެވެ. އެ ފަހަރު ލީގު މެދުކަނޑާލަން ނިންމީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ތަރި ކަލުމް ހަޑްސަން-އޮޑޯއި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމުންނެވެ.

އެކަމަކު މިއަދު އިނގިރޭސި ކްލަބްތަކާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސަަށް ފަހު މިހާރު ނިންމާފައިވަނީ އަންނަ މަހު 30 ވަނަ ދުވަހުގެ ފަހުން ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެހެންވެ އިނގިރޭސި ޕްރިމިއާ ލީގާއި އީއެފްއެލް ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން)، އިނގިރޭސި ތިން ޑިވިޝަނާއި ވިމެންސް ސުޕަ ލީގު ފަށާނީ މެއި މަހުން ފެށިގެންނެވެ.

ގަވާއިދުގައިވާ ގޮތުން އިނގިރޭސި ފުޓްބޯޅަ ސީޒަން ޖޫން އެއް ވަނަ ދުވަހަށް ނިންމަން ޖެހޭ ގޮތަށް ލިޔެވިފައިވެ އެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން މިއަދު ވަނީ ހާއްސަ ހާލަތެއްގެ ސަބަބުން އެ ގަވާއިދަށް އަމަލުނުކުރަން ނިންމައިފަ އެވެ. އަދި މިހާރު އޮތްގޮތުން ގިނަ ކްލަބްތަކުން ވަނީ ފުޓްބޯޅަ ސީޒަން ނިންމުމަށް ހުރިހާ ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޔަގީންކަން ދީފަ އެވެ.

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއިން ވަނީ އަންގާރަ ދުވަހު ޔުއެފާގެ މެމްބަރު ގައުމުތަކާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، މި ފަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ނިންމަން ހުރިހާ މެމްބަރު ގައުމުތަކުގެ އިއްތިފާގުން ވަނީ އެއްބަސްވެފަ އެވެ. އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން ޔުއެފާ އިން ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޯލްއާ މަޝްވަރާކޮށް އަންނަ ޖޫން މަހު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވަން ތާވަލުކޮށްފައިވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ގައުމުތަކުން މި ފަހަރުގެ ފުޓްބޯޅަ ސީޒަން ކުރިއަށް ނުގެންދާ ގޮތަށް ނިންމައިފިނަމަ ކޮންމެ ގައުމެއްގެ ލީގު ޗެމްޕިއަންގެ ގޮތުގައި ކަނޑައެޅޭނީ މި ވަގުތު އެއް ވަނައިގައި އޮތް ޓީމު ކަމަށް ބުނެ މީޑިއާގައި މީގެ ކުރިން ވަނީ އަޑުފެތުރިފަ އެވެ. އެކަމަކު ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ އެ ވާހަކަތަށް ދޮގުކުރައްވައިފަ އެވެ. ކެފެރިން ވިދާޅުވީ އެއީ ދޮގު ހަބަރެއް ކަމަށާއި ޔުއެފާ އިން އެ ފަދަ ގޮތަކަށް އަންގާފައިނުވާނެ ކަމަށެވެ. އަދި ޔުއެފާގެ ވިސްނުމަކީ ގައުމުތަކާ ގުޅިގެން މި ކަމަށް އެންމެ ރަނގަޅު ހައްލެއް ހޯދުން ކަމަށާއި އެ ގޮތުން އެންމެ ބޮޑަށް ބާރު އަޅަނީ މިހާރު އެއްބަސްވެފައިވާ ގޮތަށް ގައުމުތަކުގެ ފުޓްބޯޅަ ސީޒަން އެއްކޮށް ފުރިހަމަކުރުމަށް ކަމަށް ވިދާޅުވި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ ހަ ޕޮއިންޓެވެ. ލީގު ހުއްޓާލައިފިނަމަ ލިވަޕޫލަށް ލީގު ތަށި ދޭން ޖެހޭނެ ކަމަށް ބުނެ، އިނގިރޭސި ފުޓްބޯޅައިގެ އެކި ތަޖުރިބާކާރުން އަޑުއުފުލަމުންދިޔަ ނަމަވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ވަނީ ނުނިމޭ ސީޒަނެއްގެ ޗެމްޕިއަނެއް ކަނޑަނޭޅޭނެ ކަމަށް ބުނެފަ އެވެ.

އަގުބޮޑު ގިނަ ސްޕޮންސަޝިޕް އެއްބަސްވުންތަކަކާ އެކު ކުރިއަށްދާ އިނގިރޭސި ޕްރިމިއާ ލީގު އެއްކޮށް ނިންމާލުމަށް ގިނަ ސްޕޮންސަރުން ވެސް ވަނީ ބާރު އަޅައިފަ އެވެ. އަދި އިނގިރޭސި ފުޓްބޯޅަ ސީޒަން އެއްކޮށް ނިންމާނުލެވިއްޖެނަމަ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އިނގިރޭސި އެފްއޭގެ ފުރަތަމަ ވިސްނުމަކީ ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުރިއަށްގެންދެވޭނެ މާހައުލެއްގައި އެކަން ކުރުމެވެ. އެކަމަކު އެ ފަދަ ފުރުސަތެއް ނުލިބިއްޖެނަމަ ސަޕޯޓަރުން ނުވައްދައި މެޗުތަށް ކުރިއަށްގެންދަން ވެސް އިނގިރޭސި އެފްއޭ އޮތީ ތައްޔާރަށެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފަ އެވެ. މިހާރު މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ޔޫރަަޕަށެވެ. މި ވަގުތު މި ބަލީގެ ސަބަބުން އެންމެ ބޮޑު އަޑިގަޑެއްގެ ތެރޭގައި އޮތް އިޓަލީން ވެސް އަންނަނީ މެއި މަހު އަލުން ލީގު ފެށުމަށް މަސައްކަތް ކުރަމުންނެވެ. އިންގްލެންޑުގައި ވެސް މި ބަލި ފެތުރެމުން އަންނައިރު، މީގެ ސަބަބުން ދިމާވާނެ ގެއްލުންތައް އެކި ގޮތްގޮތުން ދިރާސާ ކުރަމުން އަންނަ ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފަ އެވެ. އިނގިރޭސި އެފްއޭ އިން ވަނީ ކުޅިވަރުގެ ދާއިރާ އަށް ބަލާއިރު ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ އެއް ބަޔަކީ ފުޓްބޯޅަ ކްލަބްތަށް ކަމަށް ބުނެފަ އެވެ.