ޝަރުތަކާ އެކު ބާސެލޯނާއާ ހަވާލުވާން ޒަވީ ތައްޔާރު

މެޑްރިޑް (މާޗް 30) - ޝަރުތަކަކާ އެކު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް މިދިޔަ ޖެނުއަރީ މަހު އެ ފުރުސަތު ދޫކޮށްލި ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.


ބާސެލޯނާގެ ކޯޗަކަށް ކިކޭ ސެޓިއެން ހަަމަޖެއްސުމުގެ ކުރިން އެ ޓީމުން ފުރަތަމަ ގެންނަން މަޝްވަރާކުރީ ކުރިން އެ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ޒަވީއާ އެވެ. ޒަވީ ބޭނުންނަމަ ބާސެލޯނާއާ ހަވާލުވުމުގެ ފުރުސަތު އޮތް ކަމަށް އަލް ސާދުން ވަނީ އޭރު މީޑިއާގައި ވަނީ ބުނެފަ އެވެ. އެކަމަކު ޒަވީ ބާސެލޯނާ އަށް ނޫނެކޭ ބުނީ މިއީ އަދި ކޯޗިން ކެރިއަރުގެ ފުރަތަމަ މަރުހަލާ ކަމަށް ބުނެ އުޒުރެއް ދެއްކުމަށް ފަހު އެވެ.

ޒަވީ ބާސެލޯނާއާ ހަވާލުވާން އެދުނު ކަންތައްތައް ބާސެލޯނާ އިން ފުރިހަމަ ނުކޮށްދިން ކަމަށް ސްޕެއިނުގެ މީޑިއާގައި އޭރު ވެސް އަޑުފެތުރުނެވެ. ޒަވީ އެދުނީ ބާސެލޯނާގެ ކޯޗުކަމުން ވަކިކުރި އާނެސްޓޯ ވަލްވޭޑޭއާ މެދު އޮންނަ އުސޫލުން ކަންތައްތައް ކުރިއަށް ގެންގޮސް އޭނާއާ ވާހަކަ ދެއްކުމަށް ފަހު މަގާމުން ވަކިކުރާކަން އޭނާގެ ހާޒިރުގައި އިއުލާނުކުރާށެވެ. އެއީ 2003 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސީޒަނެއްގެ މެދުތެރެއިން ބާސެލޯނާ އިން ކޯޗު ބަދަލުކުރާތީ އެވެ. އެ ގޮތަށް ބާސެލޯނާ އިން ކަންތައްތައް ކޮށްފިނަމަ ބާސެލޯނާއާ ވަގުތުން ހަވާލުވާން ޒަވީ ހުރީ ތައްޔާރަށް ކަމަށް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ. ޒަވީގެ އެ ވާހަކަތަކަށް އޭނާއާ އެކު ބާސެލޯނާ އަށް ކުޅުނު އަންދްރެސް އިނިއެސްޓާ ވެސް އެއްބަސްވި އެވެ.

ދާދި ފަހުން ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒަވީ ވަނީ ރަނގަޅު އުސޫލުގެ ތެރެއިން ކްލަބްގެ ހިންގުން ދާނަމަ މި ވަގުތު ވެސް ހުރީ ބާސެލޯނާއާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ.

"އެންމެނާ ގުޅޭ މާހައުލެއްގައި މަސައްކަތްކުރެވޭނެ ގޮތަކަށް މިހާރު ވެސް މިހުރީ ބާސެލޯނާއާ ހަވާލުވާން ތައްޔާރަށް. ޓީމުގެ ޗޭންޖިން ރޫމްގައި ވެސް އެއްވެސް ކަމަކާ ނެގެޓިވް ވިސްނުންތަކެއް ހުރެގެން ނުވާނެ. ވަރަށް އެކުވެރި މާހައުލެއް އޮންނަން ޖެހޭނީ. އެންމެންގެ ފޯކަސް ވެސް އޮންނަން ޖެހޭނީ އެއް މިސްރާބަކަށް. ދެފުށް ފެންނަ ގޮތަކަށް މުޅި ކްލަބްގެ ކަންތައްތައް ކުރިއަށްދާން ޖެހޭނީ،" އުމުރުން 40 އަހަރުގެ ޒަވީ ބުންޏެވެ.

"އަހަރެން ހަވާލުވާން ބޭނުންވަނީ ފުޓްބޯޅައިގެ ވިސްނުމުގައި އަހަންނާ އެކު ރަނގަޅު ޓީމެއް ބިނާކުރެވޭނެ ބަޔަކު ގޮވައިގެން."

ރިޕޯޓްތައް ބުނާގޮތުގައި ޖެނުއަރީ މަހު ބާސެލޯނާ އިން އަވަސް އަރުވާލައިގެން ކޯޗު ބަދަލުކުރީ އެ ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއުގެ އިތުބާރު އެ ކްލަބްގެ ބޯޑް މެމްބަރުންގެ މެދުގައި ގެއްލެމުންދާތީ އެވެ. އަދި އާ ކޯޗެއް ހޯދުމުގެ ކަންތައްތަކުގެ ތެރޭގައި އޮޅުވާލައިގެން ކަންތައްތައްކެއް ކުރި ކަމުގެ ތުހުމަތު ބާޓޮމެއުގެ މައްޗަށް ކުރެވުނެވެ. އޭގެ ފަހުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްގެ މެދުގައި މީޑިއާގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ބާސެލޯނާގެ ސްކޮޑުގެ ގިނަ ކުޅުންތެރިން، މި ވަގުތު އޮތް އެ ކްލަބްގެ ބޯޑާ މެދު ހިތްހަމަނުޖެހެ އެވެ.