ކޮވިޑް-19: މުސާރަ ކުޑަކުރަން ހުށަހެޅީ ކުޅުންތެރިން: މެސީ

ބާސެލޯނާ (މާޗް 31) - ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ދިމާވާ ދަތިތައް ހައްލުކުރަން ބާސެލޯނާ ކުޅުންތެރިންގެ މުސާރަ އިން ބޮޑުބައެއް އުނިކުރަން ހުށަހެޅީ ކުޅުންތެރިން އަމިއްލަ އަށް އިސް ނަގައިގެން ކަމަށް ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.


ބާސެލޯނާ ކުޅުންތެރިން ނިންމީ ކޮރޯނާވައިރަހާ ގުޅިގެން މި މުއްދަތުގައި ކުޅުންތެރިންގެ މުސާރައިގެ 70 ޕަސެންޓް ކުޑަކުރުމަށެވެ. މި ނިންމުމުގެ ބޭނުމަކީ ކްލަބުގެ އާއްމު މުވައްޒަފުންގެ މުސާރައިން އެއްވެސް އަދަދެއް އުނިނުކޮށް ލިބޭގޮތް ހެދުމަށެވެ.

މުސާރަ ކުޑަކުރަން ބާސެލޯނާ ކުޅުންތެރިންގެ މި ނިންމުން މީޑިއާ އަށް ހިއްސާކުރީ މެސީ އެވެ. މެސީ ބުނީ މި ފަދަ ދަނޑިވަޅެއްގައި އެންމެ މުހިއްމު ކަމަކީ އެކަކު އަނެކަކަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށާއި ކްލަބަށް މި ދަނޑިވަޅުގައި އެހީވުމަކީ ކުޅުންތެރިން ވެސް އަދާކުރަން ޖެހޭ ޒިންމާއެއްގެ ގޮތުގައި ކުޅުންތެރިން ގަބޫލުކުރާ ކަމަށެވެ.

ބާސެލޯނާ ކުޅުންތެރިންގެ މި ނިންމުމަކީ އެއްވެސް ބަޔެއްގެ ޕްރެޝަރެއް ކުރިމަތިވެގެން ކުރި ކަމެއް ނޫން ކަން މެސީ ފާހަގަކުރި އެވެ. ފަހަކަށް އައިސް ބާސެލޯނާގެ ވެރިންނާއި ކުޅުންތެރިންނާ މެދު ހިޔާލުތަފާތުވުންތައް ބޮޑުވި އެވެ. ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް އާއި މެސީއާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރެވުނެވެ.

މެސީ ވަނީ ކްލަބްގެ ވެރިންނަށް ވެސް ނުސީދާކޮށް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭނާ ބުނީ ކުޅުންތެރިންގެ މި ނިންމުމަކީ އެއްވެސް ބައެއްގެ ޕްރެޝަރު ކުރިމަތިވެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި މީގެ ފަހަތުގައި ފޮރުވިފައި އެއްވެސް ކަމެއް ނެތް ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް އަހަރަމެން އިސްކުރާނީ ކްލަބް. މި ކްލަބްގައި ބައެއް ފަހަރު އަހަރެމެންނަށް ޕްރެޝަރު ކުރުވައިގެން ކަންތައްތައް ކުރުމުގެ ވިސްނުމުގައި ކަންތައްތައް ކުރަން އުޅުނު ކަމުގައި ވިޔަސް ހަގީގަތުގައި އެ ކަންތައްތަކަކީ އަހަރެމެން ކްލަބަށްޓަކައި ކުރާނެ ކަންތައްތައް،" މެސީ ބުންޏެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު، ސްޕެއިނުގެ އެލްމުންޑޯ ޑިޕޯޓިވޯ އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ކުޅުންތެރިންގެ މި ނިންމުމަށް ޝުކުރުއަދާކޮށްފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިހާތަނަށް ސްޕެއިން އިން ވަނީ 7400 މީހުން މަރުވެފަ އެވެ. ސްޕެއިން އަކީ މި ރޯގާ ޖެހިގެން ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

ދުނިޔެ އަށް ފެތުރިފައިމިވާ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައިވާއިރު، ގިނަ ޓީމުތަކުގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވަނީ ކްލަބުން ހުށަހެޅުމުންނެވެ. މުސާރަ ކުޑަކުރަން އެއްބަސްވެފައިވާ މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ޑޯޓްމަންޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސް ހިމެނެ އެވެ.