ޕޮގްބާގެ އަގު 35 މިލިއަން ޔޫރޯ އަށް ވެއްޓެނީ؟

ލަންޑަން (މާޗް 31) - ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ދަތިކަމާ ހެދި، ކުރިއަށް އޮތް ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގު ދަށްވާނެ ކަމަށް ސީއައިއީއެސް ފުޓްބޯލް އޮބްޒަވޭޓަރީން ރިޕޯޓްކޮށްފި އެވެ.


ޔޫރަޕާއި އެމެރިކާ އަށް މި ބަލިމަޑުކަމުގެ ނުރައްކާ ވަރަށް ބޮޑަށް ބޮޑުވެފައިވާއިރު، މި ގައުމުތަކުގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރިންގެ މުސާރަތަށް ކްލަބްތަކުން އަންނަނީ ކުޑަކުރަމުންނެވެ. އަދި ބައެއް ކްލަބްތަކުން ވަނީ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްނުވުމުން ކޮންޓްރެކްޓް އުވާލައިފަ އެވެ.

ފީފާގެ ޕާޓްނަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ސީއައިއީއެސް އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ފުޓްބޯޅަ ކުޅުންތެރިންގެ އަގުތަކަށް ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގެ ތެރޭގައި ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި މި ވަގުތު ލަފާކުރާ ގޮތަށް ބަލާއިރު ކޮންމެ ކުޅުންތެރިއެއްގެ އަސްލު އަގަށް ވުރެ 28 ޕަސެންޓް ކުޑަކުރަން ޖެހޭނެ ކަމަށެވެ.

ސީއައިއީއެސް އިން މި ރިޕޯޓް ތައްޔާރުކުރުމުގައި ބަލާފައިވަނީ ޖޫން މަހުގެ ނިޔަލަށް އެއްވެސް މެޗެއް ކުޅެވޭގޮތް ނުވެއްޖެނަމަ އެ ހާލަތަށް ވިސްނުމަށް ފަހު އެވެ. އެ ދަނޑިވަޅުގައި އެއްވެސް ކްލަބަކުން ކުޅުންތެރިޔަކާ އެކު ހަދާފައިވާ އެއްބަސްވުމެއް އާ ނުކުރާނެ ކަމަށް ބަލައި ސީއައިއީއެސް އިން ރިޕޯޓްކުރާގޮތުގައި މިއީ ހުރިހާ ކްލަބަކާއި ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ބޮޑު ފަސް ލީގަށް ބަލާއިރު ކުޅުންތެރިންގެ އަގު ވަރަށް ބޮޑަށް ދަށްވުމުގެ ފުރުސަތު އެބައޮތް. ކުރިން 32.7 ބިލިއަން ޔޫރޯގައި ރެކޯޑް ކުރެވޭ ޓްރާންސްފާ މާކެޓްގެ ހަރަދުތަށް 23.4 ބިލިއަން ޔޫރޯ އަށް ދަށްވާނެ،" ސީއައިއީއެސްގެ ރިޕޯޓްގައިވެ އެވެ.

ކުޅުންތެރިންގެ އަގު ކަނޑައެޅުމުގައި ސީއައިއީއެސް އިން ބެލި އަނެއް މިންގަނޑަކީ މިދިޔަ ދެ ސީޒަނުގައި އެ ކުޅުންތެރިއަކު ކުޅެފައިވާ މެޗުތަކުގެ މުއްދަތަށެވެ. އެ އުސޫލުން ބަލައި ސީއައިއީއެސް އިން މިސާލެއްގެ ގޮތުގައި ދެއްކީ މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އެވެ. ކުޅުނު މެޗުތަކުގެ އަދަދާއި މުސާރަ އަށް ބަލާއިރު ސީއައިއީއެސް އިން ކަނޑައަޅާ ޕޮގްބާގެ އަގަކީ 65 މިލިއަން ޔޫރޯ އެވެ. އެކަމަކު މިހާރު ކޮވިޑް-19އާ ގުޅިގެން މި ހޭދަވާ މުއްދަތުގައި ލިބޭ ގެއްލުމަށް ބަލާއިރު ޕޮގްބާގެ އަގު 35 މިލިއަން ޔޫރޯ އަށް ވެއްޓޭނެ ކަމަށް ސީއައިއީއެސް އިން ލަފާކުރެ އެވެ.

މިދިޔަ އަހަރު ސީއައިއީއެސް އިން ވަނީ ޔޫރަޕްގެ މެޖޯރިޓީ ފުޓްބޯޅަ ކްލަބްތަށް ހިންގަމުން އަންނަ މޮޑިއުލަށް ބަދަލުތަކެއް ގެންނަން ގޮވާލައިފަ އެވެ. އެ ގޮތުން ޓީވީ ރައިޓްސް އާއި އެހެނިހެން ގޮތްގޮތުން ކްލަބްގެ ބްރޭންޑް ވިއްކޭނެ ގޮތްތަކެއް ހަދަން ޖެހޭނެ ކަމަށާއި ކޮންމެ ކޮންޓްރެކްޓެއްގައި ވެސް ކްލަބަށްވާ ގެއްލުން ކުޑަކުރަން ޖެހޭނެ ކަމަށް އެންގި އެވެ. އަދި ޔޫރަޕްގެ ގިނަ ކްލަބްތަކުގެ އާމްދަނީގެ ބޮޑު އިންސައްތަ އެއް ކުޅުންތެރިންގެ މުސާރަ އަށް ހޭދަކުރުމަކީ އަހަރުން އަހަރަށް ކްލަބް ޑިވެލޮޕްކުރަން ބަލާއިރު ދަތިތަކެއް ދިމާވާނެ ކަމެއްކަން ސީއައިއީއެސް ފާހަގަކޮށްފައިވެ އެވެ.