ޓޮޓެންހަމުން މޮރީނިއޯ ގެނައީ އިންޒާގީ ނުލިބުމުން: ރިޕޯޓް

ލަންޑަން (މާޗް 31) - މި ސީޒަނުގެ މެދުތެރެއިން ޓޮޓެންހަމް ހޮޓްސްޕާސް އިން އެ ޓީމުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހަމަޖެއްސީ ލާޒިއޯގެ ކޯޗު ސިމޯނޭ އިންޒާގީ ނުލިބުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ގިނަ އަހަރުތަކެއް ވަންދެން ޓޮޓެންހަމަށް ކޯޗުކޮށްދިން މައުރީސީއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ޓީމަށް މި ސީޒަނުގެ ކުރީކޮޅުގައި ނަތީޖާ ނެރެން އުނދަގޫތަކެއް ދިމާވި އެވެ. ޓީމުގެ ހާލަތު ރަނގަޅުކުރަން ތަކުރާރުކޮށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފި އެންމެ ފަހުން ޕޮޗެޓީނޯ މަގާމުން ވަކިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޓޮޓެންހަމުން ދެން އެ ޓީމު ހަވާލުކުރީ ތަޖުރިބާކާރު ކޯޗު މޮރީނިއޯއާ އެވެ. އެހެން ނަމަވެސް އެ ކްލަބުން ފުރަތަމަ މަސައްކަތްކުރީ އިންޒާގީ ގެންނާށެވެ.

އުމުރުން 43 އަހަރުގެ އިންޒާގީ އަންނަނީ ލާޒިއޯގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން 2010 ވަނަ އަހަރު ލާޒިއޯ ޔޫތު ޓީމުން ކޯޗިން ކެރިއަރު ފަށައި އެންމެ ފުރަތަމަ ސީނިއާ ޓީމާ 2016 ވަނަ އަހަރު ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. ފަހުން އެ ޓީމާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަވާލުވެ، ޓީމު ކުރިއަށްގެންދިއުމުގައި ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ.

މި ސީޒަނުގައި ލާޒިއޯ އަންނަނީ އިޓާލިއަން ލީގަށް ވާދަކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލިވީއާ އެކު އިންޒާގީ ބޭއްވި ބައްދަލުވުމުގައި އޭނާ ޓޮޓެންހަމްގެ ހުށަހެޅުމަށް ނޫނެކޭ ބުނި އެންމެ ބޮޑު ސަބަބަކީ ސީޒަނެއްގެ މެދުތެރެއިން ލާޒިއޯ ދޫކޮށްލަން ބޭނުމެއްނުވާތީ އެވެ. ޓޮޓެންހަމުން ވަނީ ލާޒިއޯ އިން ދޭ މުސާރަ އަށް ވުރެން ބޮޑު އަދަދެއް ވެސް އޭނާ އަށް ހުށަހަޅައިފަ އެވެ.

ޓޮޓެންހަމަށް އިންޒާގީ ކަމުދިޔަ އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިން ޑިވެލޮޕްކުރުމުގައި އޭނާގެ ވިސްނުން ރަނގަޅުވުމެވެ. އަދި ޓޮޓެންހަމަކީ ވެސް ޔޫތު ޓީމުން ސީނިއާ ޓީމަށް ޒުވާން ކުޅުންތެރިން ޕްރޮމޯޓްކޮށްގެން ކުރިއަށްދާ ކްލަބަކަށްވާއިރު، އިންޒާގީ ލާޒިއޯގައި ކުރި މަސައްކަތް ޓޮޓެންހަމްގައި ވެސް ތަކުރާރުކުރެވޭނެ ކަމަށް އެ ކްލަބުން ދެކޭތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލާޒިއޯ އިން އަންނަނީ އިންޒާގީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން 2022 ވަނަ އަހަރުގެ ނިޔަލަސް އިންޒާގީގެ ކޮންޓްރެކްޓް އާކޮށް އޭނާ އަށް އަހަރަކު ތިން މިލިއަން ޔޫރޯގެ މުސާރަ އެއް ދޭން ހުށަހަޅާނެ އެވެ.

އިޓަލީގެ މަޝްހޫރު ފޯވާޑް ފިލިޕޯ އިންޒާގީގެ ކޮއްކޮ ސިމޯނޭ އިންޒާގީ އަކީ މި ވަގުތު އިޓާލިއަން ލީގުގައި ވެސް ފާހަގަކޮށްލެވޭ ކޯޗެކެވެ. އޭނާގެ މަސައްކަތަށް އިޓަލީގެ ތަޖުރިބާކާރު ކޯޗުން ވެސް ތައުރީފުކުުރެ އެވެ.