އޮލިމްޕިކްސް ފުޓްބޯޅައިގެ އުމުރު ލިމިޓް މަތިކޮށްފާނެ

ލަންޑަން (އޭޕްރިލް 5) – އަންނަ އަހަރަށް ފަސްކޮށްފައިވާ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ޓީމުތަކުގައި ކުޅުންތެރިންގެ އުމުރު ލިމިޓް، 23 އަހަރުން 24 އަހަރަށް ފީފާ އިން މަތިކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އޮލިމްޕިކްސްގައި ވާދަކުރެވޭނީ ކޮންމެ ގައުމެއްގެ ވެސް 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އަދި ސީނިއާ ތިން ކުޅުންތެރިން ޓީމުގައި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރު ލިމިޓް 24 އަށް މަތިކުރަން ފީފާ އިން ހުށަހެޅީ، މި ގޭމްސްއަކީ މި އަހަރަށް ޝެޑިއުލްކުރި މުބާރާތަކަށް ވާތީ، މި އަހަރު ބާއްވާ ނަމަ ކުޅެވޭނެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަންނަ އަހަރު ފުރުސަތު ދިނުމެވެ. އެ ކުޅުންތެރިންނަށް އަންނަ އަހަރު 24 ފުރޭނެތީ، އުމުރު ލިމިޓް މަތިކޮށްގެން ނޫނީ ފުރުސަތެއް ނުލިބޭނެ އެވެ. މި ނިންމުން ފައިނަލް ވާނީ ފީފާ ބިއުރޯ އިން ނިންމުމުންނެވެ.

ޖަޕާނުގެ ޓޯކިޔޯގައި ޖުލައި 24 އިން އޮގަސްޓް 9 އަށް ބާއްވަން ރޭވި ގޭމްސް ދެން އޮންނާނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ވުރެ ފަސްނުވާނެ ތާރީހެއްގަ އެވެ. އަންނަ އަހަރު ބޭއްވި ނަމަވެސް، ގޭމްސް ބްރޭންޑްކުރާނީ "އޮލިމްޕިކްސް 2020" ގެ ގޮތުގަ އެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މި ފަހަރުގެ ގޭމްސްގައި 33 ކުޅިވަރަކުން 339 އިވެންޓް އޮންނާނެ އެވެ. އަދި ދުނިޔެ 205 ގައުމަކުން 11،000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ އެވެ.