ކޮވިޑް-19: ފްރާންސް ކްލަބްތަކުން ޕީއެސްޖީ ރައީސްގެ އެހީ ހޯދަނީ

ޕެރިސް (އޭޕްރީލް 10) - ކޮރޯނާވައިރަހުގެ ސަބަބުން ފްރާންސް ލީގުގެ ކުޅުން ހުއްޓާލާފައިވުމާ އެކު ކްލަބްތަކަށް ލިބެންޖެހޭ ބްރޮޑްކާސްޓިން ފައިސާ (ޓީވީ ފައިސާ) ނުލިބޭތީ ކުރިމަތިވެފައިވާ ހާލަތުން އަރައިގަންނަން ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީގެ އެހީ އަށް އެދިއްޖެ އެވެ.


ފްރެންޗް ލީގުގެ ރައިޓްސް ގަނެފައިވާ ދެ ބްރޯޑްކާސްޓަރުންނަކީ ބީން ސްޕޯޓްސް އާއި ކެނަލް ޕްލަސް އިންނެވެ. މީގެ ތެރެއިން ބީން ސްޕޯޓްސްގެ މެޖޯރިޓީ ހިއްސާދާރަކީ ހެއްލާފީ އެވެ. އެކި ގައުމުތަކަށް ފްރެެންޗް ލީގުގެ ޓީވީ ރައިޓްސް ވިއްކުމުގެ ކޮންޓްރޯލް އޮންނަނީ ކެނަލް ޕްލަސް އަތުގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ލީގު ހުއްޓާލާފައި އޮތް މުއްދަތުގައި ބްރޮޑްކާސްޓިން ފައިސާގެ ގޮތުގައި ދޭން ޖެހޭ 48 މިލިއަން ޑޮލަރު ބީން ސްޕޯޓްސް އިން ވަނީ ހިފަހައްޓައިފަ އެވެ. ބީން ސްޕޯޓްސް އިން މި ގޮތަށް އަމަލުކުރީ ކެނަލް ޕްލަސް އިން ދައްކަން ޖެހޭ ބޮޑު ޕޭމަންޓެއް ދޭން ދެކޮޅު ހަދަމުންދާތީ އެވެ. މި މަސް ފެށުމުގެ ކުރިން ކެނަލް ޕްލަސް އިން ފްރެންޗް ލީގަށް ދައްކަން ޖެހޭ 121 މިލިއަން ޑޮލަރުގެ ޕޭމަންޓެއް އެބައޮތެވެ. މިއީ މުޅި ސީޒަން ބަލާއިރު 15 ޕަސެންޓް ފައިސާ އެވެ. އޭގެ ތެރޭގައި މާޗް 13 ގައި ލީގު ހުއްޓާލުމުގެ ކުރިން ކުޅުނު މެޗުތަކަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ޓީވީ ފައިސާ އަކީ ފްރާންސްގެ ހުރިހާ ކްލަބްތަކަށް ބަލާއިރު އެ ޓީމުތަކުގެ އާމްދަނީގެ 36 އިންސައްތަ އެވެ. މި ފައިސާ ނުލިބިއްޖެނަމަ ފްރާންސްގެ އެއް ވަނަ ޑިވިޝަނުގައި ހިމެނޭ ގިނަ ކްލަބްތަކަށް ބޮޑު މައްސަލަ އަކަށް ކުރިމަތިވާނެ އެވެ. އަދި އެހެން ސްޕޮންސަރުން މެދުވެރިކޮށް ކުޑަ އާމްދަނީ އެއް ލިބޭ ގިނަ ކްލަބްތަކަކަށް މި ބްރޮޑްކާސްޓިން ފައިސާ ނުލިބިއްޖެނަމަ އެ ޓީމުތައް ބަނގުރޫޓު ވެދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފްރާންސްގެ ލީގުގެ ލިލްގެ ރައީސް ޖެރާޑް ލޮޕޭޒް ވިދާޅުވީ ލީގަށް ފައިސާ ދޭ އެއް ބްރޯޑްކާސްޓަރުގެ ވެރިޔާގެ ގޮތުގައި ހެއްލާފީ ހުންނެވުމަކީ މި ކަމުގައި އޭނަގެ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ގިނަ ކްލަބްތަކަކުން ގަބޫލުކުރާ ކަމަށެވެ. އެކަން އެހެން އޮތް ނަމަވެސް މި ވަގުތު ކްލަބްތަކުން ބޭނުންވަނީ ހެއްލާފީގެ އެހީ ކަމަށް ލޮޕޭޒް ވިދާޅުވި އެވެ.

"ކްލަބްތަކަށް ލިބޭނެ ގެއްލުން ހެއްލާފީ އަށް އެނގޭނެ. ފުޓްބޯޅައިގެ ވިސްނުމުގައި އޭނާ އަށް މި ކަމުގައި ހައްލެއް ހޯދައިދެވިދާނެ. އެއީ މެޖޯރިޓީ ކްލަބްތަކުން ވެސް ގަބޫލުކުރާ ގޮތް،" ލޮޕޭޒް ވިދާޅުވި އެވެ.

އަންނަ ސީޒަނުން ފެށިގެން ފްރާންސް ލީގުގެ ބްރޮޑްކާސްޓިން ރައިޓްސް ގަނެފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ މީޑިއާޕްރޯ އިންނެވެ. ކުރިއަށް އޮތް ހަތަރު އަހަރަށް (އަހަރަކު 1.5 ބިލިއަން ޑޮލަރު)ގެ އެއްބަސްވުމެއްގައި މީޑިއާޕްރޯ އިން ސޮއިކުރިއިރު، އޭގެއިން ބީން ސްޕޯޓްސް އަށް ލިބެނީ ކުޑަ ޕަސެންޓެކެވެ. މި ޑީލާ މެދު ހެއްލާފީ ހިތްހަމަނުޖެހޭ ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މީޑިއާޕްރޯ އިން ތުހުމަތުކުރާ ގޮތުގައި ފްރާންސް ލީގުގެ މި ސީޒަނުގެ ބްރޮޑްކާސްޓިން ރައިޓްސްއާ ގުޅޭ ކަންތައްތަކުގައި ހެއްލާފީ އަންނަނީ ގަސްދުގައި ގިނަ ކްލަބްތަަކަށް ގެއްލުންވާ ގޮތަށް އަމަލުކުރަމުންނެވެ. އަދި އޭގެ ބޭނުމަކީ މި ސީޒަނަށް ފަހު ހެއްލާފީ އަތުން ފްރެންޗް ލީގުގެ ބްރޮޑްކާސްޓިންގެ ބާރު ގެއްލިދާތީ އޭގެ ކުރިން އޭނާ ބޭނުންވާ ފައިދާ ހޯދުމަށެވެ. މީޑިއާޕްރޯ އިން ތުހުމަތުކުރާ ގޮތުގައި ކެނަލް ޕްލަސް އިން ފައިސާ ނުދޭން ކުރާ މަސައްކަތަށް ހެއްލާފީ ވެސް ބާރު އަޅަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަނުގައި ދެން އެއްވެސް މެޗެއް ކުޅެވޭ ގޮތް ނުވެއްޖެނަމަ ފްރެންޗް ލީގާއި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކުޅޭ މެޗުތަކަށް ބަލައި ޖުމްލަ ހުރިހާ ގޮތަކުން އެ ޓީމަށް 230 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނެ އެވެ. ޕީއެސްޖީ އަކީ ދުނިޔޭގެ ފަސް ވަނަ އަށް އެންމެ މުއްސަނދި ކްލަބެވެ. އެ ޓީމަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑު މުސާރަ ދީފައި ކުޅުންތެރިން ގެނެސްފައިވީ ނަމަވެސް ޔޫރަޕްގެ މުބާރާތްތަކުގައި ކާމިޔާބެއް ނުހޯދުމެވެ.

މި ސީޒަނުގައި ޕީއެސްޖީ އަށް ޔޫރަޕްގައި ކާމިޔާބެއް ނުލިބިއްޖެނަމަ އަންނަ ސީޒަނަށް ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ތެރެއިން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ގޮތުން ކްލަބްގެ ހަރަދުތައް ކުޑަކުރަން ޖެހޭނެ އެވެ. މި ސީޒަނަށް ފަހު ޕީއެސްޖީން އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ ބޮޑު އަގުގައި ވިއްކާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.