ޕޮޗެޓީނޯ އަށް ދޭން ޖެހޭ މުސާރަ ކުޑަކުރަން އެދިއްޖެ

ލަންޑަން (އޭޕްރީލް 19) - މިދިޔަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ވަކިކުރި މައުރީސިއޯ ޕޮޗެޓީނޯ އަށް އެ ކްލަބުން ދޭން ޖެހޭ މުސާރަ ކުޑަކުރަން އެ ކްލަބުން އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ޓޮޓެންހަމަށް ވަނީ ވަރަށް ބޮޑު އަސަރުތަކެއް ކޮށްފަ އެވެ. ފުޓްބޯޅަ މެދުކަނޑާލާފައިވާ މި މުއްދަތުގައި ޓޮޓެންހަމަށް ކޮންމެ ދުވަހަކު ވެސް ވަރަށް ބޮޑު ގެއްލުންތަކެއް ވަމުންދާ ކަމަށާއި މި ދަނޑިވަޅުގައި އެ ޓީމުން ހަރަދުތަށް ކުޑަކުރެވޭނެ ހުރިހާ ގޮތެއް ބަލަމުން އަންނަ ކަމަށް އެ ޓީމުގެ ޗެއާމަން ޑެނިއަލް ލިވީ ވެސް ވަނީ ވިދާޅުވެފަ އެވެ.

ފަސް އަހަރަށް ފަހު އުމުރުން 47 އަހަރުގެ ޕޮޗެޓީނޯ، ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކުރީ އެހެން ޓީމަކާ އޭނާ ހަވާލުވަންދެން އޭނާގެ މުސާރަ އަށް ވާ ވަކި އަދަދެއް ޓޮޓެންހަމުން ދޭ ގޮތަށް އެއްބަސްވުމަށް ފަހު އެވެ. އެ ގޮތުން ޓޮޓެންހަމުން ޕޮޗެޓީނޯ އަށް މި ސީޒަނަށްވާ 8.5 މިލިއަން ޕައުންޑް ފުރަތަމަ ދޭން ޖެހޭ ގޮތަށް ކުރިން އޮތީ އެއްބަސްވެވިފަ އެވެ. އެކަމަކު ޓޮޓެންހަމަށް މި މުއްދަތުގައި ލިބޭ ގެއްލުމުގެ ސަބަބުން އެ ޓީމުން ވަނީ އެ ފައިސާގެ ވަކި އަދަދެއް މަދުކުރަން ޕޮޗެޓީނޯ ކައިރިން އެދިފަ އެވެ. ޕޮޗެޓީނޯގެ ގާތް ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޕޮޗެޓީނޯ ހުރީ ޓޮޓެންހަމްގެ އެ އެދުމާ އެއްގޮތަށް އަމަލުކުރަން ތައްޔާރަށެވެ.

ޓޮޓެންހަމުން އަންނަނީ ޕޮޗެޓީނޯގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރި ކޯޗިން ސްޓާފުންނަށް ދޭން ޖެހޭ މުސާރައިގެ ބައެއް ވެސް މަދުކުރަން މަޝްވަރާކުރަމުންނެވެ. ހަރަދުތައް ކުޑަކުރުމުގެ ގޮތުން ޓޮޓެންހަމުން އެންމެ ފުރަތަމަ ސަރުކާރުގެ ސްކީމްގެ ތެރެއިން ކްލަބްގެ ބައެއް ސްޓާފުން ނޯޕޭ ލީވަށް ފޮނުވަން ނިންމި އެވެ. އެކަމަކު ގިނަ ބަޔެއްގެ ޕްރެޝަރުތަކާ ހެދި އެ ނިންމުން ވަނީ އަނބުރާ ގެނެސްފަ އެވެ.

ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ވަކިކޮށް ޓޮޓެންހަމްގެ ކޯޗަކަށް ބޮޑު މުސާރައެއް ދޭ ގޮތަށް ގެނައީ ހޯސޭ މޮރީނިއޯ އެވެ. މޮރީނިއޯގެ ކޯޗުކަމުގައި ވެސް ޓޮޓެންހަމަށް އެންމެ އެކަށީގެންވާ ވަރުގެ ނަތީޖާތަކެއް ނުނެރެވެ އެވެ. ޓޮޓެންހަމް ބޭނުންވާ މިސްރާބަށް ގެންދަން މޮރީނިއޯ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އަކީ ކުއްލިއަކަށް ޓީމުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލައިގެން ކުޅެން އުޅުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކެވެ.