އެލް ކްލަސިކޯ މެޗު އިންގްލެންޑަށް ލައިވްކޮށް ނުފެންނާނެ

ލަންޑަން (އޮކްޓޯބަރު 14) - މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅޭ މެޗު އިންގްލެންޑުގެ އެއްވެސް ޓީވީ ޗެނަލަކުން ލައިވް ނުކުރެވޭނެ އެވެ.


ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ މި މެޗު އޮންނާނީ ޑިސެމްބަރު 3 ވަނަ ދުވަހު އިންގްލެންޑް ގަޑިން މެންދުރުފަހު 3:15 ގަ އެވެ. އެކަމަކު ހޮނިހިރު ދުވަސްތަކުގެ މެންދުރު ފަހު 2:45 އިން ފެށިގެން 5:15 އަށް އިންގްލެންޑުގެ އެއްވެސް ޗެނަލަކުން ފުޓްބޯޅައިގެ ހަރަކާތެއް ލައިވްކޮށް ގެނެސްދިނުން މަނާވެފައިވާތީ އެ މެޗު އިންގްލެންޑުގެ އެއްވެސް ޗެނަލަކުން ނުދެއްކޭނެ އެވެ. އެކަން މަނާވީ އިނގިރޭސި އެފްއޭ އިން މި ފަހަރު ހެދި ޓީވީ ރައިޓް ގަވާއިދުގެ ދަށުންނެވެ.

ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓޭބަސް ވިދާޅުވީ އިންގްލެންޑަކީ ފުޓްބޯޅައިގެ ބޮޑު މާކެޓެއް އޮތް ގައުމެއް ކަމަށާއި އެ ގައުމުގައި މެޗު ނުދެއްކޭތީ މާލީ ގޮތުން ވެސް ގެއްލުންވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މެޗު ކުޅޭ ގަޑި ބަދަލުކުރަން މަސައްކަތްކުރި ކަމަށާއި އެކަމަކު އެ ފުރުސަތެއް ނެތް ކަމަށެވެ. ސަބަބަކީ މެޗު އަވަހަށް ފަށައިފި ނަމަ އެމެރިކާ ބައްރަށް އެއީ ފަތިސް ވަގުތަށް ވާނެތީ އަދި ލަސްކޮށްފި ނަމަ އޭޝިއާ އަށް މާބޮޑަށް ދަންގަޑިއަކަށް ވާނެތީ އެވެ.

އިންގްލެންޑުގައި މި މެޗު ލައިވް ނުކުރެވުނު ނަމަވެސް ދުނިޔޭގެ 111 އަށް ވުރެ ގައުމުތަކުން މި މެޗު ވަގުތުން ފެންނާނެ އެވެ. ބާސެލޯނާ އާއި ރެެއާލް ވާދަކުރާ އެލްކްލަސިކޯ މެޗަކީ ޔޫރަޕްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ކުޅެވޭ އެންމެ ވާދަވެރި މެޗެވެ.