ރޮނާލްޑޯ ޔުވެންޓަސްގައި މަޑުކުރާނެ: ރިޕޯޓް

ޓިއުރިން (އޭޕްރިލް 26) – ޔުވެންޓަސްގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2022 ވަނަ އަހަރު ހަމަވަންދެއް މަޑުކުރާނެ ކަމަށް އިޓަލީގެ ޓުޓޯސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.


ރެއާލް މެޑްރިޑުން، 100 މިލިއަން ޔޫރޯގެ އަގެއްގައި 2018 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ އެ ޓީމާ އެކު ހެދި ހަތަރު އަހަރުގެ ކޮންޓްރެކްޓުގައި ބާކީ އޮތީ ދެ އަހަރެވެ. އޭނާ އަލުން އަނބުރާ ރެއާލަށް ބަދަލުވާން އުޅޭ ކަމަށް ވެސް ދާދި ފަހުން އަޑުފެތުރުނެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ޔުވެންޓަސް އަށް ކުރިމަތިވި މާލީ ދަތިކަން ފޫބެއްދުމަށް ރޮނާލްޑޯ، 35، ވިއްކާލަފާނެ ކަމަށް މިދިޔަ މަހު ރިޕޯޓްތައް ބުނެފައިވެ އެވެ. އޭނާގެ ސޮއި ހޯދުމުގެ މާލީ ފުދުންތެރިކަން އޮތް ކްލަބްތަކަކީ ރެއާލާއި ބާސެލޯނާ އާއި ޕީއެސްޖީ އާއި ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އެވެ.

ރެއާލްއާ އޮތް ވާދަވެރިކަމުގެ ސަބަބުން އޭނާ ބާސެލޯނާ އަށް ނުދާނެކަން ޔަގީނާ ގާތަށް ކަށަވަރެވެ. ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކޮށްފައި އޮތުމުން އެ ޓީމަށް އޭނާ ގެނައުމުގެ އެ ފުރުސަތު ހަންޏެވެ. ބަޔާން މިއުނިކުން އެ އުމުރުގެ ކުޅުންތެރިން ބޮޑު އަގުގައި ނުގަންނާނެ ކަމަށްވެ އެވެ. އެހެންވެ އޭނާ ޔުވެންޓަސް ދޫކޮށްލިޔަސް ގުޅޭނެ ކަމަށް ބެލެވިފައި އޮތީ ރެއާލް، ޕީއެސްޖީ ނުވަތަ ކުރީގެ ކްލަބް ޔުނައިޓެޑެވެ. އޭނާ ވަނީ ޔުނައިޓެޑަށް އަލުން ކުޅޭ ހިތްވާ ކަމަށް ކުރިން ބުނެފަ އެވެ.

އެކަމަކު ޓުއްޓޯސްޕޯޓްސް އިން ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އާއި ޔުވެންޓަސްއާ އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި ކޮންޓްރެކްޓް ހަމަވަންދެން ކްލަބުގައި މަޑުކުރަން ރޮނާލްޑޯ ބޭނުންވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިޓަލީގެ ކުޅިވަރު ހަރަކާތްތައް ހުއްޓާލައި މުޅި ގައުމު ލޮކްޑައުންކުރިއިރު ރޮނާލްޑޯ ހުރީ ސިއްހީ މައްސަލަތަކެއް ދާދި ފަހުން ކުރިމަތިވި އޭނާގެ މަންމަ އަށް ގޮވާލަން ޕޯޗުގަލަށް ގޮހެވެ. އޭނާ އެނބުރި އިޓަލީ އަށް އަންނާނީ ޔުވެންޓަސްގެ ތަމްރީންތައް ފަށަން ގާތްވުމުންނެވެ. ބެލެވޭ ގޮތުގައި އިޓާލިއަން ލީގު އެންމެ އަވަހަށް ފެށިޔަސް ފަށާނީ އަންނަ މޭ މަހުގެ ފަހުކޮޅެވެ. އެހެންވެއްޖެ ނަމަ އަންނަ މަހުގެ ކުރީކޮޅު ތަމްރީންތައް ފަށާނެ އެވެ.