މިރޭގެ މެޗުގައި މެސީ ކުޅޭނެ، އެކަމަކު ސަމާލުވާން ޖެހޭ: އެންރީކޭ

ބާސެލޯނާ (އޮކްޓޯބަރު 15) - ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި އެ ޓީމު ލިއޮނަލް މެސީ ކުޅޭނެ ކަމަށާއި އެކަމަކު މިއީ ސަމާލުވާން ޖެހޭ މެޗެއް ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


އަނިޔާގެ ސަބަބުން ތިން ހަފްތާ އަށް ކުޅުމާ ދުރުގައި ހުރި މެސީ މިރޭގެ މެޗަށް ފިޓްވެފައިވާއިރު، އެންރީކޭ ބުނީ އޭނާ ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު ގޮތެއް ނުނިންމާ ކަމަށެވެ.

"ކުރިއަށް އެބަހުރި މުހިއްމު މެޗުތަކެއް. އެހެންވުމުން އަވަސް އަރުވާލައިގެން މެސީ ލައްވައި ކުޅުވުމުގެ ބޭނުމެއް ނެތް. އެކަމަކު އޭނާގެ މެޗު ފިޓްނަސް ރަނގަޅު ކުރަން މި މެޗުން ފުރުސަތު ދޭނަން،" އެންރީކޭ ބުންޏެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ މި ވަގުތު އޮތީ، ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ. އެތުލެޓިކޯ އާއި ރެއާލަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ ފައިދާ ލަނޑުން ކުރި ހޯދައިގެންނެވެ. ބާސެލޯނާ އޮތީ ހަތް މެޗުން 13 ޕޮއިންޓާ ލީގުގެ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު ސެވިއްޔާ އެވެ.

އިންޓަނޭޝަނަލް ބްރޭކްތަކަށް ފަހު އަލުން ފަށާއިރު ބާސެލޯނާ އަށް ނަތީޖާ ނެރެން އުނދަގުލެވެ. މިދިޔަ މަހު ގައުމީ ޓީމުގެ މެޗުތަކަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ބާސެލޯނާ ވަނީ އަލަވޭސް އަތުން 2-1 އިން ބަލިވެފަ އެވެ. އެންރީކޭ ބުނީ މި މެޗަށް ނުކުންނައިރު އެކަމަށް ސަމާލުވާނެ ކަމަށެވެ.

"ވަރަށް މަދު ފަރިތަކުރުންތަކަކަށް ފަހު މި މެޗަށް މި ނުކުންނަނީ. އަލަވޭސް މެޗުން އިބުރަތް ލިބިގަންނަން ޖެހޭ. އެންމެ ފަހުން ކުޅުނު މެޗުން ސެލްޓަ އަތުން ބަލިވުމުން މި މެޗުން މޮޅުވުން ކޮންމެހެން ވެސް މުހިއްމު،" އެންރީކޭ ބުންޏެވެ.

ބާސެލޯނާ އާއި ޑިޕޯޓިވޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:15 ގަ އެވެ.