ދެކުނު ކޮރެއާގެ ފޯވާޑް ސޮން އަސްކަރީ ތަމްރީން ފުރިހަމަކޮށްފި

ސޯލް، ދެކުނު ކޮރެއާ (މޭ 8) - ޔުނިޓުގެ އެންމެ ރަނގަޅު ފަސް ރެކްރޫޓުންގެ ތެރޭ ހިމެނި، ދެކުނު ކޮރެއާގެ މަޝްހޫރު ފޯވާޑް ސޮން މިން ހެއުން، ތިން ހަފުތާގެ މަޖުބޫރު އަސްކަރީ ތަމްރީންތައް ފުރިހަމަކޮށްފި އެވެ.


ސިއްހީ ގޮތުން ކުޅަދާނަ ދެކުނު ކޮރެއާގެ ކޮންމެ ފިރިހެނަކު ވެސް ދެ އަހަރެއްހާ ދުވަހު އަސްކަރިއްޔާ އަށް ހިދުމަތްކުރަން އެ ގައުމުގެ ގާނޫނުން މަޖުބޫރުކުރެ އެވެ. އެކަމަކު 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅައިން ރަން މެޑަލް ހޯދި ޓީމަށް އެކަމުން ދިން ލުއިގެ ދަށުން ސޮން އަށް އެހާ ދުވަހު ހިދުމަތްކުރަން ނުޖެހޭނެ އެވެ.

ބަދަލުގައި ޖެހުނީ ތިން ހަފުތާގެ އަސާސީ ތަމްރީންތައް ހަދައި 500 ގަޑިއިރުގެ އިޖްތިމާއި ހިދުމަތްކުރާށެވެ. ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ސޮން އަށް މިވަގުތު ތަމްރީން ފުރިހަމަކުރަން ފުރުސަތު ކޮވިޑް-19 ގެ ސަބަބުން ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮތުމުންނެވެ.

އޭޕްރިލް މަހުން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އޭނާ ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ މެރިންސް ކޭމްޕެއްގައި ހެދި ތަމްރީންތަކުގެ ތެރޭގައި ކަރުނަ ގޭސް ތަމްރީނާއި ރައިފަލް ތަމްރީން ހިމެނެ އެވެ. އޭނާ ގަދަ ފަހެއްގައި ހިމެނުނީ ތަމްރީނުގައި ބައިވެރިވި 157 ބައިވެރިންނާ ވާދަކޮށެވެ.

އުމުރުން 27 އަހަރުގެ ސޮން އެންމެ ފުރަތަމަ ވިދާލީ ޖަރުމަން ލީގުގެ ހެމްބާގާއި ބެޔާ ލެވަކޫސަންގަ އެވެ. އަދި 2015 ގައި ޓޮޓެންހަމަށް ބަދަލުވެ އެ ޓީމަށް 220 މެޗުން 83 ގޯލް ޖަހައިދީފައިވެ އެވެ. އެ ޓީމުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު އަދި 2017 ވަނަ އަހަރު ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދިއިރު ސޮންގެ ދައުރު ބޮޑެވެ.