އަންނަ މަހު ނުފެށޭނަމަ ބަންގްލަދޭޝް ލީގު ކެންސަލްކުރަންޖެހޭ: އޮސްކާ

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގު ލަސްވެގެން އަންނަ މަހު ފެށެން ނެތްނަމަ ލީގު ކެންސަލްކުރަން ޖެހޭނެ ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.


ކޮވިޑް-19 ގެ ސަބަބުން ރާއްޖޭން ވަނީ މާޗް މަހުގެ ތެރޭގައި ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. އެފްއޭއެމުން މި ގޮތަށް ނިންމީ ކްލަބްތަކާ އެކު މަޝްވަރާކުރުމަށް ފަހު އެވެ. އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ އައި ލީގު ވެސް ވަނީ ބާކީ 23 މެޗު ނުކުޅެ އޮއްވައި ކެންސަލްކޮށްލައިފަ އެވެ. އައި ލީގުގެ ޗެމްޕިއަންކަން ދިނީ ބޮޑު ލީޑަކާ އެކު އެއް ވަނައިގައި އޮތް މޯހަން ބަގާން އަށެވެ. އަދި އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުން އެއްވެސް ޓީމެއް ރެލިގޭޓްނުވާނެ ކަމަށް ކަނޑައަޅައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު 13 ވަނަ ދުވަހު ފެށި ބަންގްލަދޭޝް ލީގު މެދުކަނޑާލީ މާޗް މަހު 16 ގަ އެވެ. ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވަމުންދާތީ ބަންގްލަދޭޝް ސަރުކާރުން ވަނީ އެ ގައުމުން ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަ ކުރަމުންނެވެ. މިހާރު ކަންތައްތައް ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން އަލުން ފެށޭނެ ތާރީހެއް ބުނަން ނޭނގެ އެވެ.

ބަންގްލަދޭޝް ލީގާ މެދު ގޮތެއް ނިންމުން އަވަސްކުރަން އެ ގައުމުގެ ކްލަބްތަކުން ޕްރެޝަރުކުރަން ފެށި އެންމެ ބޮޑު ސަބަބަކީ ބޮޑު އަގުގައި ބިދޭސީ ކުޅުންތެރިން ގެނެސްފައިވާއިރު، މެޗެއް ނުކުޅެ ކްލަބްގެ ހަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާތީ އެވެ.

ރާއްޖޭގެ ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އޮސްކާ، ބަންގްލަދޭޝްގެ ޑާކާ ޓްރިބިއުން އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު އޮތް ހާލަތުން ލީގު ޖޫންގައި ފެށޭނެ ކަމަށް ވެސް ނުބެލެވޭ ކަމަށާއި އެކަމަކު އޭރު ނުފެށިއްޖެނަމަ ދެން މި ސީޒަން އިތުރަށް ދިގުކުރުމުގެ ސަބަބުން ގޯސް އަސަރުތަކެއް ކުރާނެ ކަމަށެވެ.

"މި ވަގުތުގެ ހާލަތަށް ބަލާއިރު އޮތް ހައްލަކީ ޖޫން މަހު ލީގު އަލުން ފެށުން ނޫނީ ކެންސަލްކޮށްލުން. ވަރަށް އުނދަގޫ ކަމެއް އަލުން ހުރިހާ ކުޅުންތެރިން ފިޓްކޮށް ބައިތިއްބައިގެން ޖޫން މަސް ތެރޭ ލީގު ފެށުމަކީ. އަވަހަށް ފަށައިގެން ވެސް އަހަރެމެން ވަރަށް އަވަހަށް 16 މެޗު އަދި އެބަ ކުޅެން ޖެހޭ ކޮންމެ ޓީމެއް. މިއީ ކުޅުންތެރިންނަށް ދެވޭ ވަރަށް ބޮޑު ލޯޑެއް. ގައުމީ ޓީމުގެ މެޗުތައް ވެސް އަދި ހުންނާނެ. މިއީ ސިއްހީ ގޮތުން ބެލިޔަސް ކުޅުންތެރިންނަށް ދެވޭ ގެއްލުމެއް،" ކުރިން އިންޑިއާގެ ގޯއާ އަށް ވެސް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

ސެލްޓަ ވިގޯގެ ޔޫތު ކޯޗެއްގެ ގޮތުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އޮސްކާ ބުނީ އޭނަގެ އަމިއްލަ ވިސްނުމުގައި އެއްޗެއް ބުނާނަމަ ދެވެން އޮތް ހިޔާލަކީ މި ސީޒަން ކެންސަލްކޮށް އަލުން ސެޕްޓެމްބަރު މަހު ލީގު ފެށުން ކަމަށެވެ.

ބަޝުންދުރާ އިން އަންނަނީ މި އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ވާދަކުރަމުންނެވެ. އޭއެފްސީ ކަޕްގައި ބަޝުންދުރާ ކުޅުނު ފުރަތަމަ މެޗުން ވަނީ ޓީސީ އަތުން އަމިއްލަ ދަނޑުގައި 5-1 އިން މޮޅުވެފަ އެވެ. އެ މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އޭއެފްސީން ވަނީ މި މުބާރާތް ކެންސަލްނުކޮށް މި އަހަރު ތެރޭ ފުރިހަމަކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭއެފްސީން މިހާރު ބަލަމުން އަންނަ އެއް ތާރީހަކީ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެޗުތައް ބޭއްވުމަށެވެ.

ބަންގްލަދޭޝް ލީގުގައި މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު ލީގުގެ އެއް ވަނައިގައި އޮތީ ޗިޓަގޮން އަބަހާނީ އެވެ. އެ ޓީމުގެ ކޯޗު އަދި ބަންގްލަދޭޝް ގައުމީ ޓީމަށް ވެސް ކުރިން އިރުޝާދުދީފައިވާ ކޯޗު މައުރޫފުލް ހައްގު ބުނީ ސީޒަން ކެންސަލްކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ފުރުސަތު ލިބުމާ އެކީ މި ސީޒަން ފުރިހަމަ ކުރުން މުހިއްމު ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި މި ވަގުތު ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ބަންގްލަދޭޝް އިން މިހާތަނަށް މި ބައްޔަށް 14،000 އަށް ވުރެން ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ދެ ހާހަށް ވުރެން ގިނަ މީހުން ބަލިން ރަނގަޅުވިއިރު، މަރުވި މީހުންގެ އަދަދު 200 އަށް ވުރެން މައްޗެވެ.