އަހަންނަށް ވުރެ ޓޮނާލީ ފުރިހަމަ: ޕިރްލޯ

މިލާން (މޭ 12) – އިޓަލީގެ އެންމެ އުއްމީދީ އެއް މިޑްފީލްޑަރު ބްރެޝިއާގެ ސަންދްރޯ ޓޮނާލީ އަކީ އޭނާ އަށް ވުރެ މާ ފުރިހަމަ ކުޅުންތެރިޔެއް ކަމަށް އިޓަލީގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.


އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ބްރެޝިއާ އަށް ކުޅެނިކޮށް އިޓަލީ ގައުމީ ޓީމުން ޖާގަ ހޯދި އުމުރުން 20 އަހަރުގެ ޓޮނާލީ ހޯދަން ޔުވެންޓަސް، އިންޓަ މިލާން އަދި އޭސީ މިލާނުން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕިރްލޯ އަކީ ވެސް ޓޮނާލީ ފަދައިން ބްރެޝިއާގައި ވިދާލި ކުޅުންތެރިޔެކެވެ. އަދި އޭނާ ވެސް ފުރަތަމަ ގުޅުނީ އިންޓައާ އެވެ. އެކަމަކު އެ ޓީމުގައި އެދެވޭ ކުޅުމެއް ނުދެއްކި ފަހުން މިލާނަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށްވި އެވެ.

ޓޮނާލީ އަކީ އިޓަލީ ފުޓްބޯޅައިގެ އާ ޕިރްލޯ ކަމަށް ސިފަކުރެވެ އެވެ. ޕިރްލޯ ވެސް ބުނީ ޓޮނާލީ އަކީ އިޓަލީ ފުޓްބޯޅައިގައި އޭނާގެ ކުޅުން ވާރުތަވާނެ ކުޅުންތެރިޔާ ކަމަށް ކިޔައި އުޅޭ ކަމަށެވެ.

"އެކަމަކު އަހަންނަށް އެއްގޮތް މާގިނަ ކަންތައްތަކެއް ފާހަގައެއް ނުކުރެވޭ. އޭނާ އަކީ އެހެން ވައްތަރެއްގެ ކުޅުންތެރިޔެއް. ޑިފެންސިވް ފޭސްގައި އަދި ކުރިއަށް އަރާ ގަޑީގައި އޭނާ އަކީ މާ ފުރިހަމަ ކުޅުންތެރިޔެއް. އޭނާ އަކީ އަހަރެންގެ ގޮތްތަކާއި ބައެއް އެހެން ކުޅުންތެރިންގެ ގޮތްތައް އެކުވެފައިވާ މަސްހުނި ކުޅުންތެރިޔެއް."

"އޭނާ އަކީ މިޑްފީލްޑަރުންގެ ތެރެއިން އެންމެ އުއްމީދީ ކުޅުންތެރިޔާ. އޭނާ ޔަގީނުން ވެސް ތަފާތު ކުޅުންތެރިޔަކަށް ވާނެ."

ޓޮނާލީ އަކީ ސެންޓްރަލް މިޑްފީލްޑް ނުވަތަ ޑިފެންސިވް މިޑްފީލްޑް މަގާމުގައި ހުރެ ޓީމުގެ ކުޅުން ކޮންޓްރޯލް ކުރާ ސްޓައިލުގެ ޕްލޭމޭކަރެކެވެ. އެކަމަކު ހަމައެކަނި ދިގު ރާސްތާ ޕާސްތަޖެއް ޖަހައިގެން އެޓޭކް އުފެއްދުމުގެ ބަދަލުގައި އިދިކޮޅު ޓީމުގެ ހަމަލާ ރޫޅާލައި، ބޯޅައާ އެކު ކުރިއަށް އަރައި އެޓޭކް އުފެއްދުމުގައި ވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކުރެ އެވެ.