ޕޯޗުގީސް ލީގު އަންނަ މަހު ފަށަން ނިންމައިފި

ލިޒްބަން (މެއި 13) - ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޕޯޗުގީސް ޕްރިމޭރާ ލީގާ އަންނަ މަހު ހަތަރު ވަނަ ދުވަހު ފަށަން ނިންމާފައިވާކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.


ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ނުރައްކާބޮޑުވެ ޕޯޗުގަލްގެ ފުޓްބޯޅަ ސީޒަން ހުއްޓާލީ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. މިދިޔަ މަހުގެ ފަހު ކޮޅުގައި ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއޯ ކޮސްޓާ ވަނީ މި މަހުގެ ފަހުކޮޅުގައި އަލުން ފުޓްބޯޅަ ސީޒަން ފެށުމުގެ ހުއްދަދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޕޯޗުގަލްގެ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލީގުގެ މެޗުތައް ފެށުމަށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ޓީމުތަކަށް ކަންތައްތައް ކުރިއަށްގެންދަންވީ ގޮތުގެ މައުލޫމާތުތަށް ފޯރުކޮށްދޭނެ ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ޓެސްޓްކުރަން ޖެހޭނެ. މެޗުތައް ކުރިއަށްގެންދަން ތަފާތު މަޝްވަރާތަކެއް ދަނީ ކުރެވެމުން. ވީހާވެސް މަދު ދަނޑުތަކެއްގައި މެޗުތައް ކުޅުމަކީ އެންމެ ބޮޑަށް ގެންގުޅޭ ވިސްނުން،" ފެޑެރޭޝަނުގެ ބަޔާނުގައިވެ އެވެ.

ލީގު މެދުކަނޑާލީ 24 މެޗަށް ފަހު އެވެ. ބާކީ ކޮންމެ ޓީމަކަށް 10 މެޗު އޮތްއިރު، މި ވަގުތު އެއް ވަނައިގައި ޕޯޓޯ އޮތީ ދެ ވަނައިގައި އޮތް ބެންފީކާ އަށް ވުރެން އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގު މެދުކަނޑާލީ ބެންފީކާގެ މިޑްފީލްޑަރު ޑޭވިޑް ޓަވަރޭސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން ލީގުގެ އިތުރު ހަތް ކުޅުންތެރިއަކަށް ވަނީ މި ވައިރަސް ޖެހިފަ އެވެ.

ކޮވިޑް-19 އަށް ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށް ފަހު އަލުން ފެށުމުގެ ހުއްދަ އެކި ގައުމުތަކުގެ ސަރުކާރުން އަންނަނީ ދެމުންނެވެ. އެ ގޮތުން މިހާތަނަށް ފުޓްބޯޅަ ސީޒަން ފަށަން ފުރުސަތު ދިން ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ސްޕެއިން އަދި އިންގްލެންޑް ހިމެނެ އެވެ. އަންނަ ހޮނިހިރު ދުވަހު ޖަރުމަނު ލީގު ފަށާއިރު، ސްޕެނިޝް ލީގު މެޗުތައް ފަށަން މަސައްކަތްކުރަނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. އަދި އަންނަ މަހު ކުރީކޮޅުގައި އިނގިރޭސި ލީގު ފަށަން ވަނީ ހުއްދަދީފަ އެވެ.

ސަރުކާރުގެ އެންގުމާ އެކު ލީގު ކުރިއަށްދެވޭނެ ފުރުސަތެއް ނެތުމުން ނެދަލެންޑްސް އާއި ފްރާންސްގެ ލީގު ވަނީ ކެންސަލްކޮށްފަ އެވެ. ފްރެންޗް ލީގު ނިންމާލީ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދީފަ އެވެ. އެކަމަކު ނެދަލެންޑްސް ލީގުން މި ފަހަރު ޗެމްޕިއަނެއް ކަނޑަނާޅަ އެވެ.