އަންނަ މަހު 13 ގައި އިޓާލިއަން ލީގު ފަށަނީ

ރޯމް (މެއި 14) – ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ އިޓާލިއަން ލީގު ފަށަން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މަހު 13 ކަމަށް ކަނޑައަޅައި، ޕްލޭނާ އެއްގޮތަށް މަސައްކަތްކުރަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ފަށައިފި އެވެ.


ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވި އެއް ގައުމު ކަމަށްވާ އިޓަލީގައި އަލުން ފުޓްބޯޅަ ފަށަން ފުރަތަމަ ކުރި މަސައްކަތުގައި ހަތް ކްލަބެއްގެ ތާއީދެއް ނުލިބުނެވެ. އެކަމަކު އޭރު ވެސް ލީގު ހިންގާ ލެގާ ސެރިއޭ އިން އޮތީ ސަރުކާރުގެ ހުއްދަ ހޯދައިގެން ނަމަވެސް ލީގު ފުރިހަމަ ކުރާށެވެ. އިޓަލީގެ ސަރުކާރުގެ ހުއްދަ ލިބުމާ އެކު ލެގާ އިން ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާ އެކު މަޝްވަރާކޮށްފަ އެވެ. މި ފަހަރު ލީގު އަލުން ފަށަން ހުރިހާ ކްލަބެއްގެ ރުހުން ލިބުނެވެ.

އިޓަލީ ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކްލަބްތަކުން ވަނީ މި މަހު ހަތަރެއްގައި އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ. އެހެން ގައުމުތަކުން އައި ކުޅުންތެރިންނަށް ޕްރެކްޓިހަށް ނުކުމެވޭނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް ފަހު އެވެ. ޓީމުގެ ޓްރެއިނިންތައް ފަށަން ތާވަލުކޮށްފައި އޮތީ އަންނަ ހޯމަ ދުވަހުގަ އެވެ.

ލެގާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޑިކަލް ޕްރޮޓޮކޯލާއި ސަރުކާރުގެ ގައިޑްލައިނުގެ ތެރެއިން މިހާރު ލީގު ފަށަން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

އިޓަލީގައި ފުޓްބޯޅަ ސީޒަން ހުއްޓާލީ މާޗް ނުވަ ވަނަ ދުވަހު އެވެ. އިޓަލީގެ ބައެއް ކުޅުންތެރިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އަންނަނީ މިހާރު ބަލިން ރަނގަޅުވެ އިންޑިވިޖުއަލް ޓްރެއިނިންތައް ފުރިހަމަކުރަމުންނެވެ.

ފުޓްބޯޅަ ސީޒަން އަލުން ފަށަން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުންކުރާ މަސައްކަތްތައް ބަޔާންކޮށް އެ އިދާރާއިން ވަނީ އިޓަލީގެ ސްޕޯޓްސް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އިޓަލީގެ ޕާލިއަމަންޓުގައި ވާހަކަ ދައްކަވަމުން އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާ ވަނީ ފުޓްބޯޅަ ފެޑެރޭޝަނުގެ މަސައްކަތްތަކަށް ތައުރީފުކުރައްވައިފަ އެވެ.

"އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ސަރުކާރުން ހުށަހެޅި ހުރިހާ ކަމެއް ފުރިހަމަކޮށްފައި. އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ކުރިއަށް ދިއުން،" ސްޕަޑަފޯރާ ވިދާޅުވި އެވެ.

އިޓަލީގެ ސަރުކާރުން ކުޅިވަރު ހަރަކާތްތަކަށް ފުރުސަތު ދިން ނަމަވެސް ހުރިހާ ފަރާތަކުން ވެސް ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން އަމަލުނުކުރަން ވަނީ އަންގައިފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތަކަށް ބަލައި އެކި ގައުމުތަކުގައި އަންނަނީ ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެންމެ އަވަހަށް ފަށާނީ އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ޖަރުމަނު ލީގެވެ. އިޓަލީ އެކޭ އެއްގޮތަށް ސްޕެއިނާއި އިންގްލެންޑް އަދި ޕޯޗުގަލްގައި ފުޓްބޯޅަ މުބާރާތްތައް ފަށާނީ އަންނަ މަހުގަ އެވެ. ސަރުކާރުގެ އެންގުމާ އެއްގޮތަށް ފްރާންސާއި ނެދަލެންޑްސްގައި ވަނީ ފުޓްބޯޅަ ސީޒަން ކެންސަލްކޮށްފަ އެވެ.