ފީފާ ބެސްޓް އެވޯޑްސް ފަސްކޮށްފި

ޒިއުރިކް (މެއި 16) - އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ "ބެސްޓް އެވޯޑްސް" ފަސްކޮށްފި އެވެ.


ފީފާއިން ކުރިން ނިންމާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައި ފީފާ އެވޯޑްސް ބާއްވާށެވެ. މިދިޔަ އަހަރު ވެސް އެވޯޑްސް ބޭއްވީ މިލާނުގަ އެވެ. އެކަމަކު މިހާރު ކޮވިޑް-19ގެ ސަބަބުން ގިނަ ބަޔަކު އެއްވެ އުޅެވޭގޮތަށް ހިންގޭ އެއްވެސް ހަރަކާތެއް ކައިރި މުސްތަގުބަލެއްގައި ބޭއްވޭނެ ޖާގައެއް ނެތުމުން ފީފާ އެވޯޑްސް ވެސް ވަނީ ފަސްކުރަން ނިންމައިފަ އެވެ.

"މިހާރުގެ ހާލަތު މި އޮތްގޮތުން މި އެވޯޑް އެ ތާރީހުގައި ނުބޭއްވޭނެ. އެކަމަކު ކުރިއަށްދެވޭނެ ގޮތަކާ ބެހޭގޮތުން ފީފާ އިން މި އަންނަނީ މަޝްވަރާކުރަމުން،" އޭއެފްޕީ އަށް އިން އިންޓަވިއުއެއްގައި ފީފާގެ ތަރުޖަމާނު ބުންޏެވެ.

ބައެއް މިޑިއާ ރިޕޯޓްތައް ބުނާގޮތުން ފީފާ އިން މަޝްވަރާކުރަމުން އަންނަ އެއް ކަމަކީ އެވޯޑް ހަފްލާ އެހެން ގައުމެއްގައި ބޭއްވުމަށެވެ. އެއީ އިޓަލީ އަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު އެއް ގައުމު ކަމަށްވާތީ އެވެ. އަދި އެވޯޑް ހަފްލާ ބާއްވަން ރާވާފައިވާ މިލާނުން ވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ.

ފީފާ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯ އެވެ. މޮޅު ކުޅުންތެރިޔާގެ އިތުރުން ފީފާ އިން އިތުރު ގިނަ އެވޯޑްތަކެއް ދެ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުގެ އެވޯޑާއި އެންމެ މޮޅު ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑާއި ފީފާ ފޭން އެވޯޑާއި ފީފާ ފެއާ ޕްލޭ އެވޯޑް އަދި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ހޮވާ ފީފާ ޕްރޯ އިލެވެން ހިމެނެ އެވެ.

ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. ބެސްޓް އެވޯޑްސް ދޭން ފެށި ފަހުން އެ އެވޯޑް ހާސިލްކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗް އަދި ލިއޮނަލް މެސީ އެވެ.

ބެސްޓް އެވޯޑްސް ފެށުމަށް ފަހު ފީފާ އިން ގެނައި އެންމެ މުހިއްމު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނެވެ.