އުފާފާޅުކުރާ ގޮތަކުން އަދަބެއް ނުދެވޭނެ: ޖަރުމަނު ލީގު

މިއުނިކް (މެއި 17) - ކޮވިޑް-19 ގެ ސަބަބުން ދެ މަހުގެ މެދުކެނޑުމަކަށް ފަހު ޖަރުމަނު ލީގު ރޭ އަލުން ފެށިއިރު، ގޯލު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅުކުރާގޮތެއްގެ ސަބަބުން ދޭނެ އަދަބެއް ކަނޑައަޅާފައިނުވާނެ ކަމަށް ޖަރުމަނު ފުޓްބޯލް ލީގު (ޑީއެފްއެލް) އިން ބުނެފި އެވެ.


ޖަރުމަނު ސަރުކާރުން އެ ގައުމުގައި އަލުން ފުޓްބޯޅަ ކުޅެން ފަށަން ހުއްދަ ދިނީ ވަރަށް ހަރުކަށި ގަވާއިދުތަކެއް ކަނޑައަޅައިފަ އެވެ. އެ ގަވާއިދުތައް ހިމެނޭގޮތަށް ޑީއެފްއެލް އިން ވަނީ ޓީމުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އެ ގޮތުން މެޗު ފެށުމުގެ ކުރިން ސަލާމްކުރުމާއި ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދެމެދުގައި ވެސް އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ވަނީ އަންގައިފަ އެވެ. އަދި މެޗު ކުޅޭ ބޯޅަތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރިއަށް ގެންދަން ބޯލްބޯއީންނަށް ވަނީ އަންގައިފަ އެވެ.

ރޭ ލީގުގެ ހަ މެޗެއް ކުޅުނުއިރު ލަނޑު ޖެހުމަށް ފަހު ގިނަ ކުޅުންތެރިން އެއްވެ އުފާފާޅުނުކުރެ އެވެ. އޭގެ ބަދަލުގައި ގައިގޯޅިވުން ވީހާވެސް މަދުކޮށް ކުޅުންތެރިން އުފާފާޅުކުރި އެވެ. އެހެން ނަމަވެސް ރޭ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ހޮފެންހައިމް އަތުން 3-0 އިން ހާތާ ބާލިން މޮޅުވި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އަދި މެޗަށް ފަހު ވެސް ވަރަށް ބޮޑަށް ގައިގޯޅިވެ އުފާފާޅުކުރުމުންނެވެ.

މެޗަށް ފަހު ހާތާގެ ކޯޗު ބްރޫނޯ ލަބާޑިއާ ބުނީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމަކީ ފުޓްބޯޅައިގެ ބަޔެއް ކަމަށާއި ކުޅުންތެރިން އެހާ ގިނައިން ޓެސްޓްކުރެވިފައިވާއިރު، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގައި ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ.

"މެޗު ކުޅެނީ އެކުގައި. އެކަމަކު އެކުގައި އުފާފާޅެއް ނުކުރެވޭ. އަލުން ފުޓްބޯޅަ ފަށައިގެން މިއީ ކިހިނެއްކުރަންވީ ކަމެއްތޯ އަހަންނަށް ނުވިސްނޭ،" ލަބާޑިއާ ބުންޏެވެ.

ހާތާގެ ކުޅުންތެރިންގެ މެދުގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން ޑީއެފްއެލްގެ އޮފިޝަލަކު މީޑިއާ އަށް ބުނީ ގަވާއިދުތައް ހެދިއިރު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުން ދޭނެ އަދަބެއް ލިޔެވިފައިނުވާ ކަމަށެވެ.

"ފައިން ޓަޗެއް ޖަހައިގެން އެ ކަހަލަ ގޮތަކަށް ލަނޑު ޖަހާފައި އުފާފާޅުކުރަން ވަނީ ލަފާދީފައި. މިއީ އެއްވެސް ގޮތަކަށް ގަވައިދެއް އޮތް ކަމެއް ނޫން. އެހެންވީމަ މި ކަމަށް އަދަބެއް ނުދެވޭނެ،" އޮފިޝަލް ބުންޏެވެ.

ސަރުކާރާ އެކު ޑީއެފްއެލް އިން ވެފައިވާ އެއްބަސްވުންތަކަށް ބަލާއިރު ޖަރުމަނުގެ ސިއްހީ ކަންތައްތަކާ ބެހޭ ވުޒާރާ އަށް ކޮންމެ ދުވަހަކު ޑީއެފްއެލް އިން މެޑިކަލް ރިޕޯޓްތައް ހުށަހަޅަން ޖެހެ އެވެ. ގިނަ ޓީމުތަކުން ވަނީ މި ފަދަ އުނދަގޫ ހާލަތެއްގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ނަފްސާނީ ގޮތުން ވެސް ކުރިމަތިވާ ކަމަށް ބުނެފަ އެވެ. އެ ގޮތުން ކުޅުންތެރިންނަށް އެހީވުމަށް ޖަރުމަނުގެ ބައެއް ކްލަބްތަކުން އަންނަނީ ސައިކޮލޮޖިސްޓުންގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.