ސިޓީން ސާނޭ ދޫކޮށްލައި، ބަދަލުގައި ފެރަން ޓޮރޭޒް ގެންނަނީ؟

މެންޗެސްޓާ (މެއި 17) - މެންޗެސްޓާ ސިޓީން ލެރޯއީ ސާނޭ ދޫކޮށްލުމަށް ފަހު ބަދަލުގައި ވެލެންސިއާ ވިންގް ފެރަން ޓޮރޭޒް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ސިޓީ އަށް 2016 ވަނަ އަހަރު 55 މިލިއަން ޑޮލަރުގެ ފީ އަކަށް ބަދަލުވުމުގެ ކުރިން ސާނޭ ވަނީ ބަޔާންއާ ވާހަކަ ދައްކައިފަ އެވެ. އޭރު ސާނޭގެ ވިސްނުން ހުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރުމަށެވެ. އެކަމަކު މި ސީޒަން ފެށުމުގެ ކުރިން ސާނޭ ހޯދުމުގެ މަސައްކަތް ބަޔާނުން ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ އަށް މި އައި މެދުކެނޑުމުގެ ތެރޭގައި ވެސް ބަޔާނުން ވަނީ ސާނޭއާ ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީން މިހާރު ނިންމާފައިވަނީ އުމުރުން 24 އަހަރުގެ ސާނޭ ކްލަބް ބަދަލުކުރަން ބޭނުންނަމަ ރަނގަޅު އަގެއްގައި އޭނާ ބަޔާނަށް ވިއްކާލުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ސިޓީން މަދުވެގެން 60 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ޑިމާންޑްކުރާނެ އެވެ. މި ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާނޭ ހުރީ އަނިޔާގަ އެވެ. އެކަމަކު އަލުން ސީޒަން ފަށާއިރު ސާނޭ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ އެވެ.

ބަޔާނަށް ސާނޭ ފަދަ ކުޅުންތެރިޔެއް މުހިއްމުކަމަށް އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފައިވާއިރު، ކުރިން ބަޔާނާއި ސިޓީ އަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު އޮވެން ހާގްރީވްސް ވަނީ ރަނގަޅު ކުރިއެރުމެއް ބޭނުންނަމަ ސިޓީގައި ސާނޭ މަޑުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ސާނޭ ގޮސްފިނަމަ އޭނާ ނެތްތަނަށް ސިޓީން ފާރަލާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސްޕެއިންގެ ޓޮރޭޒް އެވެ. އުމުރުން 20 އަހަރުގެ ޓޮރޭޒް އަކީ މި ވަގުތު ސްޕެނިޝް ލީގުގައި އެންމެ ބާރު ދުވެއްޔެއްގައި ކުރި އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ އެވެ. މީގެ ކުރިން ލިވަޕޫލާއި ޗެލްސީން ވަނީ ޓޮރޭޒަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ޗެލްސީން އަޔަކްސް އަށް ކުޅޭ ހަކީމް ޒިޔެޗްގެ ސޮއި ހޯދުމަށް ފަހު ޓޮރޭޒް ގެންނަން ކުރި މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެކަމަކު ވިލިއަން އާއި ޕެޑްރޯ ރޮޑްރިގޭޒް މަޑުކުރުވަން ޗެލްސީން ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެނަމަ އަލުން ޓޮރޭޒް އަށް ފާރަލުމުގެ ފުރުސަތު އެބައޮތެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސާނޭ ދޫކޮށްލަން ޖެހިއްޖެނަމަ އެ މަގާމަށް ބޭނުމީ ޓޮރޭޒް ކަމަށް އެ ކްލަބްގެ ބޯޑަށް އަންގައިފަ އެވެ. އަދި ޓޮރޭޒް ހޯދަން ކުރާ މަސައްކަތުގައި ސިޓީގެ ކެޕްޓަން އަދި ކުރިން ވެލެންސިއާ އަށް ކުޅުނު ޑޭވިޑް ސިލްވާގެ އެހީތެރިކަން ހޯދަން ވެސް ގާޑިއޯލާ ވަނީ ނިންމައިފަ އެވެ.

އަންނަ އަހަރުގެ ޖޫން މަހަށް ޓޮރޭޒާ އެކު ވެލެންސިއާ އިން ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ކޮންޓްރެކްޓް އާ ކުރަން ވެލެންސިއާ އިން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ޓޮރޭޒް ގަންނަން ބޭނުންނަމަ ސިޓީން 45 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.