ކްލަބްތަކުގެ ޕްރެޝަރާ ހެދި ބަންގްލަދޭޝް ލީގު ކެންސަލްކޮށްފި

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ބަންގްލަދޭޝްގެ ޕްރިމިއާ ލީގު އަވަހަށް ފެށޭނެ ހާލަތެއް ނެތުމުން ގިނަ ކްލަބްތަކެއްގެ ހުށަހެޅުމާ އެއްގޮތަށް ލީގު ކެންސަލްކުރަން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.


ކޮވިޑް-19 ގެ ސަބަބުން ރާއްޖޭން ވަނީ މާޗް މަހުގެ ތެރޭގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ އައި ލީގު ވެސް ވަނީ ބާކީ 23 މެޗު ނުކުޅެ އޮއްވައި ކެންސަލްކޮށްލައިފަ އެވެ. އައި ލީގުގެ ޗެމްޕިއަންކަން ދިނީ ބޮޑު ލީޑަކާ އެކު އެއް ވަނައިގައި އޮތް މޯހަން ބަގާން އަށެވެ. އަދި އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުން އެއްވެސް ޓީމެއް ރެލިގޭޓްނުވާނެ ކަމަށް ކަނޑައަޅައިފަ އެވެ.

އިއްޔެ ބޭއްވި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ބައްދަލުވުމެއްގައި ލީގު ކެންސަލްކުރަން ނިންމީ ދެ ވަނަ ޑިވިޝަނުން އެއްވެސް ޓީމެއް ޕްރޮމޯޓްވުމާއި ފުރަތަމަ ޑިވިޝަނުން އެއްވެސް ޓީމެއް ރެލިގޭޓްނުވާ ގޮތަށެވެ. މި ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ ލީގުގެ ބޮޑުބައި ނުކުޅެވި އޮތުމުންނެވެ. މާޗް މަހު ލީގު މެދުކަނޑާލިއިރު ޓީމުތަކަށް ކުޅެވިފައި އޮތީ ހަަ މެޗެވެ.

ލީގު ކެންސަލްކުރިއިރު، ފެޑެރޭޝަނުން ވަނީ އިންޑިޕެންޑެންސް ކަޕް ވެސް މި ސީޒަނުގައި ނުބާއްވަން ނިންމައިފަ އެވެ. ސީޒަން ކެންސަލްކުރި އެންމެ ބޮޑު ސަބަބަކީ މެޗެއް ނެތި ކްލަބްތަކުން ކުޅުންތެރިންގެ މުސާރަ އަށް ބޮޑު ހޭދައެއް ކުރަން ޖެހިފައި އޮތުމުން ކްލަބްތަކުން އަވަހަށް ގޮތެއް ނިންމަން ޕްރެޝަރު ކުރާތީ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް ވަނީ އަންނަ މަހު ލީގު ނުފެށޭނަމަ އެންމެ ރަނގަޅު ގޮތަކީ ކެންސަލްކޮށްލުން ކަމަށް ބުނެފަ އެވެ. ލީގު ކެންސަލްކުރި ނަމަވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ ކްލަބްތަކުން މުސާރަ ލިބޭނެ ގޮތެއް ނެތުމުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ ފެޑެރޭޝަނަށް ހުށަހަޅައިފަ އެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފުޓްބޯޅަ ފެޑެރޭޝަނުގެ ވިސްނުން ހުރީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާ ސީޒަން ފެށުމަށެވެ.

ދާދިފަހުން ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓްރީން ވަނީ ކޮވިޑް-19ގެ މި އުނދަގޫހާލަތުގައި އެ ގައުމުގެ 1000 ކުޅިވަރު ކުޅުންތެރިންނަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދެން ނިންމައިފަ އެވެ. އެ ގޮތުން ބަންގްލަދޭޝްގެ 27 ކުޅިވަރު އެސޯސިއޭޝަނަކުން އެހީ ބޭނުންވާ ކުޅުންތެރިންގެ ލިސްޓެއް ފޮނުވަން ވަނީ އެދިފަ އެވެ. އެ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 240 ފުޓްބޯޅަ ކުޅުންތެރިންގެ ނަން ހުށަހަޅައިފަ އެވެ. އަދި ލިސްޓުގައި ނުހިމެނޭ ކުޅުންތެރިންނަށް ފުޓްބޯޅަ ފެޑެރޭޝަން މެދުވެރިކޮށް ގޮތްތަކެއް ހަމަަޖައްސައިދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝްގެ އެކި ކުޅިވަރުތަރިން އަންނަނީ އެ ގައުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން އެކި ކެމްޕެއިންތައް ހިންގަމުންނެވެ. އެ ގޮތުން ބައެއް ކުޅުންތެރިންނާއި ރެފްރީން ވަނީ އެ މީހުން ހާއްސަ މެޗުތަކުގައި ބޭނުންކުރި ޖޯޒީތައް ނީލަމުގައި ވިއްކާލައި އޭގެން ލިބޭ ފައިސާ ޗެރިޓީ އަށް ހަދިޔާކޮށްފަ އެވެ. ޗެރިޓީގައި އެންމެ ފަހުން ބައިވެރިވި ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ދާދި ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބޭނުންކުރި ޖޯޒީ ނީލަމުގައި ވިއްކާލައިފަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި މި ވަގުތު ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ބަންގްލަދޭޝް އިން މިހާތަނަށް މި ބައްޔަށް 22،000 އަށް ވުރެން ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދު ދެ ހާހަށް ވުރެން ގިނަ މީހުން ބަލިން ރަނގަޅުވިއިރު، މަރުވި މީހުންގެ އަދަދު 300 އަށް ވުރެން މައްޗެވެ.