ނިއު ނޯމަލްގައި ކުޅުން ވަރަށް އުނދަގޫ: މުލާ

މިއުނިކް (މެއި 18) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޖަރުމަނު ލީގުގެ ކުޅުން އަލުން ފަށައިގެން ސަޕޯޓަރުން ނުވައްދައި ކުޅޭއިރު ވަރަށް އުނދަގޫ ކަމަށާއި ސިފަވަނީ އުމުރުންދުވަސްވީ މީހުންގެ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ކަމަށް ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ ބުނެފި އެވެ.


ކޮވިޑް-19 ފެތުރޭތީ ދެ މަސް ދުވަހު ފުޓްބޯޅަ ހުއްޓާލާފައި އޮތުމަށް ފަހު މި ހަފްތާ ބަންދުގައި ޖަރުމަނު ލީގުތައް ވަނީ ފަށައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ބަޔާން ރޭ ކުޅުނު މެޗުން ވަނީ 2-0 އިން ޔޫނިއަން ބާލިން ބަލިކޮށްފަ އެވެ.

"މާހައުލު އޮތްގޮތުން އިހުސާސްވީ އުމުރުންދުވަސްވީ މީހުންގެ ފުޓްބޯޅަ މެޗެއް ހެން. ރޭގަނޑު ހަތެއް ޖަހާއިރު ލައިޓްޖަހައިގެން ކުޅޭ ގޮތަށް،" ނިއު ނޯމަލްގައި ފުޓްބޯޅަ ކުޅުމާ ބެހޭގޮތުން ސަމާސާ ރާގަކަށް މުލާ ބުންޏެވެ. "އެކަމަކު މެޗު ހަމަ ފެށުމާ އެކު އަހަރެމެންގެ ސަމާލުކަން އެއްކޮށް ބަދަލުވެއްޖެ. މެޗުގެ ޝައުގުވެރިކަން އުފެދި މޮޅުވާން މަސައްކަތް ފެށިއްޖެ،"

ރޭގެ މެޗު ކުޅޭ ޔޫނިއަން ބާލިންގެ ދަނޑަށް މި ސީޒަނުގައި އެ ޓީމު ކުޅުނު ކޮންމެ މެޗެއްގައި 22،000 ސަޕޯޓަރުން ވަނެ އެވެ. މުލާ ބުނީ ސީޒަނުގެ ކުރީކޮޅުގައި އޭނާ މި ދަނޑުގައި ސަޕޯޓަރުން ކުރިމަތީގައި މެޗެއް ކުޅެލަން ބޭނުންވި ކަމަށެވެ.

"އެއީ އޭރުގެ ހާލަތު. އެކަމަކު މިހާރު މި މެޗުތައް ކުޅެވުމަކީ ވެސް އަހަރެމެންގެ ނަސީބު. ބޮޑު ބްރޭކަކަށް ފަހު އަންނަން ޖެހުމުން ހީވީ އޮގަސްޓްގެ މެޗެއްހެން. އެއީ އާންމުކޮށް މި ވަރުގެ ބްރޭކެއް އަންނަނީ ސީޒަނުގެ ކުރިން،" ޖަރުމަނު ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި މުލާ ބުންޏެވެ.

"އަހަރެމެންނަށް އޮތީ އަމަލުކުރަން ޖެހޭ ގޮތް ކިޔައިދީފައި. ހުރިހާ ގައިޑްލައިނެއްގައި ބުނާގޮތް ހަދައިގެން ކުރިއަށް ދިއުން މި ވަގުތަށް އޮތީ. އަހަރެމެންނަކީ ޕްރޮފެޝަނަލުން."

ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ސަލާމްކުރުމާއި ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދެމެދުގައި ވެސް އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ވަނީ ކަމާބެހޭ ފަރާތްތަކުން އަންގައިފަ އެވެ. އަދި މެޗު ކުޅޭ ބޯޅަތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރިއަށް ގެންދަން ބޯލްބޯއީންނަށް ވަނީ އަންގައިފަ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ޝާލްކާ އަތުން ހޯދި ބޮޑުމޮޅާ އެކު ޑޯޓްމަންޑުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބަޔާނާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެކަމަކު ރޭގެ މެޗުގައި ރޮބަޓް ލެވަންޑޯސްކީ އާއި ބެންޖަމިން ޕަވާޑްގެ ގޯލުތަކުން ބާލިން ބަލިކޮށް ބަޔާން ވަނީ އަލުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ދެ ޓީމު ވެސް 26 މެޗު ކުޅެފައިވާއިރު، ބަޔާން ވަނީ 58 ޕޮއިންޓް ހޯދައިފަ އެވެ. ޑޯޓްމަންޑް އަތުގައި އޮތީ 54 ޕޮއިންޓެވެ.