ނޭމާ އަށް ކޯޗުކޮށްދޭން ބާސެލޯނާ ކޯޗު ބޭނުންވޭ

މެޑްރިޑް (މޭ 25) – ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށާއި އޭނާ ބާސެލޯނާ އެނބުރި އަތުވެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށް އެ ޓީމުގެ ކޯޗު ކުއިކީ ސެޓިއެން ބުނެފި އެވެ.


ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް 2017 ވަނަ އަހަރު ބާސެލޯނާ އިން، ޕީއެސްޖީއާ ގުޅުނު ފޯވާޑް އަލުން ގެނައުމަށް މިދިޔަ ސީޒަނުގައި ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ކީ އަގު ކަމަށްވާ 200 މިލިއަން ޔޫރޯ ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ.

ބާސެލޯނާއާ މި އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ސެޓިއެން ބުނީ ކޮންމެވެސް ދުވަހަކުން ނޭމާ އަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބުމަށް އެދޭ ކަމަށެވެ.

"އަހަރެމެން މި ދައްކަނީ މުޅިން އެހެން ފެންވަރެއްގެ ވާހަކަ. ނަސީބު ރަނގަޅު ކަމުން އަހަރެންގެ އެއް ހުވަފެން މިހާރު ވެސް ސީދާކުރެއްވިއްޖެ، އެއީ (ލިއޮނަލް) މެސީ އަށް ކޯޗުކޮށްދިނުން. އެކަމަކު ނޭމާ އަތުވެއްޖެ ނަމަ ވަރަށް އުފާވާނެ،" ބީން ސްޕޯޓްސްއާ ވާހަކަދައްކަމުން ސެޓިއެން ބުންޏެވެ.

ބާސެލޯނާ އިން ނޭމާ ގެނައުމުގެ މަސައްކަތް ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ވެސް ކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި މާލީ ދަތިތަކަމުގެ ތެރެއިން ބޮޑު އަގެއް ހޭދަކުރުމުގެ ފުރުސަތު ކުޑަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާގެ ވިސްނުން ހުރީ ކުޅުންތެރިޔަކާއި ފައިސާ ދީފައި ނޭމާ ގެންނާށެވެ.

ބާސެލޯނާގައި ނޭމާ މޮޅު ކުޅުމެއް ދެއްކީ މެސީ އާއި ލުއިސް ސުއަރޭޒްގެ ޕާޓްނާޝިޕުގަ އެވެ. މީގެ ތެރެއިން ސުއަރޭޒް މި ސީޒަން ނިމުމުން ބާސެލޯނާ ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން މިހާރު ގެންނަން މަސައްކަތްކުރާ ފޯވާޑަކީ އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒެވެ.

ސުއަރޭޒް ކަކުލުގެ އޮޕަރޭޝަނެއްކޮށް ޖެނުއަރީގެ ފަހުން ނުކުޅެ އެވެ. ކޮވިޑާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު އަންނަ މަހު ފަށާއިރު ސުއަރޭޒަށް ކުޅެވޭނެކަމެއް އަދި ނޭގެ އެވެ. ސެޓިއެން ބުނީ ސުއަރޭޒް އަދި ފުރިހަމައަށް ފިޓްނުވާ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އޭނާ ހުރީ ރަނގަޅު ކޮންޑިޝަނެއްގައި އަދި އަންނަނީ ޓީމާ އެކު މަސައްކަތްކުރަމުން. އެކަމަކު އަހަރެމެންނަށް ފެންނަ ގޮތުގައި އޭނާގެ އިތުބާރު ކުޑަކޮށް ދަށްކޮށް އުޅެނީ،" ސެޓިއެން ބުންޏެވެ.