ފްލޮއިޑް: އަޑުއުފުލާ ކުޅުންތެރިންނަށް ފީފާގެ ތާއީދު

ޒިއުރިކް (ޖޫން 3) - އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމުން އެކަމަށް އިންސާފު ހޯދައިދޭން އަޑުއުފުލާ ކުޅުންތެރިން އަދަބުނުދޭން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ގޮވާލައިފި އެވެ.


ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން، 44، އެވެ. އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ. މިއީ ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގާ ރޭސިޒަމްގެ ހައްދުފަހަނަ އަޅާފައި އަމަލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

ދާދި ފަހުން ކުޅުނު ޖަރުމަނު ލީގުގެ މެޗުތަކުގެ ތެރެއިން ގިނަ ކުޅުންތެރިން ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި އަޝްރަފް ހަކީމީ އަދި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފޯވާޑް މާކަސް ތުރާމް ވެސް ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށް ބުނެ ޝުއޫރުފާޅުކޮށްފަ އެވެ.

ފްލޮއިޑްގެ މަރާގުޅިގެން އެމެރިކާގައި ހަޅުތަލާލުތަކެއް ކުރަމުން އަންނައިރު ސިޔާސީ ހަލަބޮލިކަމެއް ވެސް ވަނީ ފެށިފަ އެވެ. ފުޓްބޯޅަ މެޗުގެ ތެރެއިން އެފަދަ ކަމަކާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށް ބުނެ، ޖަރުމަނު އެފްއޭ އިން އަންނަނީ މެޗުގެ ތެރެއިން ޝުއޫރުފާޅުކުރި ކުޅުންތެރިންގެ މައްސަލަތައް ބަލަމުންނެވެ. އެކަން މީޑިއާގައި އާންމުވުމާ އެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެ ކުޅުންތެރިންނަށް އަދަބު ދިނުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެ ކުޅުންތެރިން ނަސްލީ ތަފާތު ކުރުމުގެ އެ ފަދަ މައްސަލަ އަކާ ދެކޮޅަށް އަޑުއުފުލުމަކީ ހަގީގަތުގައި އަދަބު ދިނުމަށް ވުރެން ތަރުހީބު ދިނުން ރަނގަޅުކަމެއް،" ފީފާ އިން ނެރުނު ބަޔާނުގައި އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

ފީފާ އިން ބުނީ ފްލޮއިޑްގެ މަރުގެ ކަންތައްތަކުގެ ތެރޭގައި ސިޔާސީ ކަމެއް ހިނގާނަމަ އެކަމެއް ވެސް ފެންނަން އޮންނާނެ ކަމަށާއި އެކަމަކު ޖަރުމަނު ލީގުގައި ކުޅުންތެރިން އުފާފާޅުކުރުމުގެ ތެރޭގައި އެ އޮންނަ އުސޫލުން ބޭރުން ކަމެއް ކޮށްފައިވާކަން ފެންނަން ނެތް ކަމަށެވެ.

ނަސްލީ ތަފާތު ކުރުން ފަދަ މުޖުތަމައު ބައިބައިކުރާ ކަންތައްތައް ނައްތާލަން ފުޓްބޯޅައިގެ ތެރެއިން ވީ އެންމެ ވަރުގަދަ އަށް މަސައްކަތްކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް ފީފާ އިން ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް)ގެ ގަވާއިދުގައިވާ ގޮތުން މެޗެއްގެ ތެރެއިން އެ މާހައުލާ ނުގުޅޭ އެއްވެސް ކަމެއް ކުރުން އޮންނަނީ މަނާކޮށްފަ އެވެ. އެކަމަކު ފީފާ އިން ބުނީ ފްލޮއިޑްގެ ކަންތައްތަކާ ބެހޭގޮތުން ކުޅުންތެރިން އަޑުއުފުލަނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކަމަށްވާއިރު، މިއީ ތަފާތު ކަމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.