ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީން ފައިދާ ނަގައިފި

ބާމިންހަމް (ޖޫން 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެ ޗެލްސީން ހަތަރު ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


މިއީ ގަދަ ހަތަރެއްގެ ރޭހުގައި ގިނަ ޓީމުތަކަކުން މޮޅެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ހަފްތާއެއްގައި ޗެލްސީން ހޯދި މުހިއްމު މޮޅެކެވެ. ގަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މި ބުރުގައި މޮޅެއް ހޯދުނީ ޗެލްސީ އާއި ވުލްވްސް އަށެވެ. މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ އާއި މި ބުރުގައި ކުޅުނު މެޗުން މޮޅެއް ނުވެވުނެވެ. އަނެއްކޮޅުން މުހިއްމު މެޗުތަކެއް ކުރިއަށް ހުރިއިރު ޗެލްސީ އަށް މިރޭ މިއީ ރަނގަޅު ފެށުމެކެވެ.

"ވާދަވެރިން އަތުން ޕޮއިންޓް ގެއްލުނު ވަގުތެއްގައި ޗެލްސީ އަށް މި ލިބުނީ މުހިއްމު ތިން ޕޮއިންޓް. މިއީ ރަނގަޅު ފެށުމެއް،" މިރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުންޏެވެ.

ޗެލްސީ ހަތަރު ވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ވުލްވްސް އަށް ވެސް 30 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 3-0 އިން ބަލިވި ޝެފީލްޑް ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 30 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.

ވިލާ ޕާކުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ މޭސަން މައުންޓް ޖެހި ބޯޅައެއް އެސްޓަން ވިލާގެ ކީޕަރު ނޯވޭގެ އޮޔާން ނައިލަންޑް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އެސްޓަން ވިލާގެ އަންވަރު އެލްގާޒީ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު ކެޕަ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ކުޅުމަށް އެނބުރި އައި ޗެލްސީގެ ރުބެން ލޮޓްފަސް-ޗީކް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެ ޓީމުން އެޓޭކް ކުރަމުންދަނިކޮށް އެސްޓަން ވިލާ އިން މެޗުގެ ލީޑުނެގީ މެޗުގެ 43 ވަނަ މިނިޓްގައި ކޯޓްނީ ހޯސް ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން ކެޕާ އަތުގައި ޖެހިފައި ލިބުނު ބޯޅަ ހޯސް ވަނީ ފަސޭހަކަމާ އެކު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފުގައި ލިބުނު ފުރުސަތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ޗެލްސީން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދެ ބަދަލެއް ގެނައުމެވެ. އެ ގޮތުން ރޮސް ބާކްލޭ އާއި ކްރިސްޓިއަން ޕުލިސިޗް ވަނީ ކުޅެން އަރުވައިފަ އެވެ. ބަދަލުތަކާ އެކު ކުޅުން ރަނގަޅުކޮށް ޗެލްސީން ވަނީ ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެގޮތުން މެޗުގެ 60 މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ ޕުލިސިޗް އެވެ. އަދި އޭގެ މިނިޓް ފަހުން އޮލިވިއޭ ޖިރޫޑް ވަނީ ޗެލްސީ އަށް ލީޑުނަގައިދީފަ އެވެ. ދެ ގޯލުގައި ވެސް ބޮޑު ހިއްސާއެއް އަދާކުރީ ޗެލްސީގެ ކެޕްޓަން ސްޕެއިނުގެ ފުލްބެކް ސެޒާ އަޒްޕިލިކުއޭޓާ އެވެ.

މެޗުން ޕޮއިންޓެއް ހޯދަން އެސްޓަން ވިލާ އިން ވެސް ބަދަލުތަކެއް ގެނެސް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޕެއިނުގެ ޔޮޓާ އެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މި މޮޅަކީ ޗެލްސީ އަށް ގަދަ ހަތަރެއްގެ ރޭހުގައި ހޯދުނު މުހިއްމު ތިން ޕޮއިންޓެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗު ލަމްޕާޑަށް މި މޮޅު ހާއްސަ އެވެ. މިދިޔަ ސީޒަނުގައި ލަމްޕާޑް ކޯޗުކޮށްދިން ޑާބީ ކައުންޓީ ވަނީ އެސްޓަން ވިލާ އަތުން ގިނަ މެޗުތަކަކުން ބަލިވެފަ އެވެ. ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ޗެލްސީން ފުރަތަމަ ފަހަރަށް މެޗެއް ކުޅުނުއިރު، މިއީ މި އަހަރު އެ ޓީމުން ރަށުންބޭރުގައި ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.

ރެލިގޭޝަންގެ ބިރު ބޮޑުވެފައިވާ އެސްޓަން ވިލާ އޮތީ ލީގުގެ 19 ވަނައިގަ އެވެ. އެ ޓީމަށް 30 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.