އިންޓަގެ އެނބުރި އައުން މޮޅަކުން

މިލާން (ޖޫން 22) – ކޮވިޑުގެ މެދުކެނޑުމަކަށް ފަހު އިޓާލިއަން ލީގު އަލުން ފަށައި އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗުން ރޭ އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.


މި މޮޅާ އެކު އިންޓަ ތިން ވަނައިގައި އޮތީ 57 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ އެއް ވަަނައިގައި 63 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި 62 ޕޮއިންޓާ އެކު އޮތީ ލާޒިއޯ އެވެ. ރޭ އެޓަލާންޓާ ވަނީ އަމިއްލަ ދަނޑުގައި ސަސުއޮލޯ އަތުން 4-1 އިން މޮޅުވެ ތާވަލުގެ ހަތަރު ވަނައިގައި 51 ޕޮއިންޓް ހަމަކޮށްފަ އެވެ.

ރޭގެ މެޗުގައި އިންޓަ އަށް ލީޑު ނަގައިދިނީ 10 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ އެވެ. މިއީ ލޮޓާރޯ މާޓިނޭޒާއި ކްރިސްޓިއަން އެރިކްސެން ގުޅިގެން އުފެއްދި ހަމަލައެއްގައި އޭނާ ޖެހި ލަނޑެކެވެ. އަދި ދެ ވަނަ ގޯލް 33 ވަނަ މިނެޓުގައި ޖެހީ މާޓިނޭޒް އެވެ. ކްލައުޑިއޭ ރަނިއޭރީ ކޯޗުކޮށްދޭ ސަމްޕްޑޯރިއާގެ ހަމައެކަނި ލަނޑު 52 ވަނަ މިނެޓުގައި ޖެހީ މޯޓެން ތޯސްބީ އެވެ.

އިންޓަ އަކީ ސީޒަނުގެ ފުރަތަމަ ބައިގައި ތާވަލުގެ އެއް ވަނައިގައި އޮތް ޓީމެވެ. އެކަމަކު ފަހުން ބައެއް މެޗުތަކުގައި ނަތީޖާ ނުނެރެވި ފަހަތަށް ވެއްޓުނީ އެވެ. އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އަދިވެސް އެ ޓީމު އޮތީ ޔުވެންޓަސްއާ ހަ ޕޮއިންޓް ފަހަތުގައި ކަމަށާއި ބާކީ އޮތް 12 މެޗުން، ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.