ލިވަޕޫލް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް

ލިވަޕޫލް (ޖޫން 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 އިން ހޯދި މޮޅާ އެކު 30 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ލިވަޕޫލުން ޖެހިލައިފި އެވެ.


ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 23 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 31 މެޗުން ލިބިފައިވަނީ 86 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އޮތީ 30 މެޗުން 63 ޕޮއިންޓެވެ. ލީގުގައި މިރޭ ޗެލްސީ ދަނޑުގައި ކުޅޭ މެޗުން ސިޓީ އަށް މޮޅުނުވެވިއްޖަނަމަ ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. މިރޭ ސިޓީ މޮޅުވެއްޖެނަމަ އަންނަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ލީގު ހޯދޭނެ އެވެ.

ލިވަޕޫލުން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުން ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަބީނިއޯ ދިން ބޯޅައަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ.

އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެން ފަބީނިއޯ ވަނީ މެޗުގެ 55 ވަނަ މިނިޓްގައި ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ސަލާހު ހުސްކޮށްލާފައި ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސަޑިއޯ މާނޭ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި ފަދަ މެޗުތަކަކީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ނަމަ އެންމެ ފުރިހަމަވާނެ މެޗުތަކެއް ކަމަށާއި އެކަމަކު މި ވަގުތުގެ ހާލަތުގެ ގޮތުން އެކަން އެގޮތަށް ވާން ނެތް ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ސަޕޯޓަރުން ވެސް ތިބީ ޓީމާ އެކީ ކަން. މިހާރު އެންމެންގެ އިންތިޒާރަކީ ލީގު ޔަގީންކުރުން. ދެން މާ ދިގު އިންތިޒާރެއް ނެތް،" ކްލޮޕް ބުންޏެވެ.

ގަދަ ހަތަރެއްގެ ރޭހުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް އިން ވަނީ މުހިއްމު މޮޅެއް ހޯދައިފަ އެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް ވެސް 31 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ޔުނައިޓެޑް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ޔުނައިޓެޑް އަމިއްލަ ދަނޑުގައި ވަނީ 3-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑްގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ހެޓްރިކެއް ހެދިއިރު، މިއީ ފާއިތުވި ހަތް އަހަރު ތެރޭ ޔުނައިޓެޑްގެ ކުޅުންތެރިޔަކު ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ.

ރައުލް ހިމެނޭޒް ދެ ވަނަ ހާފުގައި ވައްދާލި ހަމައެކަނި ގޯލުން 1-0 އިން ބޯންމައުތުގެ މައްޗަށް ވުލްވްސް ކުރިހޯދިއިރު އެ ޓީމު މި ވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. މި މެޗުގައި ހިމެނޭޒް ޖެހި ގޯލާ އެކު އޭނާ ވަނީ މި ފަހަރު ލީގުގައި 15 ގޯލު ހަމަކޮށް ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި މެކްސިކޯ އަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފަ އެވެ.