ވިސްނުން ބަދަލުކޮށް ކްލޮޕް ލިވަޕޫލް ގޮވައިގެން އުހަށް

"ކާމިޔާބު ހޯދަން ބޭނުންނަމަ އެކަން ހާސިލްކުރަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަން ވާނެކަމަށް ގަބޫލުކޮށް އެގޮތަށް ވިސްނުން ބަދަލުކުރުން،"


މިއީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނުވަ ވަނަ ދުވަހު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް އިނގިރޭސި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ބުނި ވާހަކަ އެކެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ދިން އުއްމީދީ ޖަވާބުތަކުން ލިވަޕޫލާ ގުޅުން ހުރި ގިނަ ބަޔަކަށް ދިރުން ލިބުނެވެ. ރަނގަޅު މިސްރާބަކަށް ކްލަބް ގެންދަން އެ ހިސާބުން މަސައްކަތް ފެށި އެވެ.

ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ފަހު 2015 ވަނަ އަހަރު މެއި މަހު ޑޯޓްމަންޑް ދޫކޮށްލައި ކްލޮޕް ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އޭނާ ހުރީ އަހަރެއްގެ ބްރޭކެއް ނަގައި ދިރިއުޅުމުގައި ހަމަޖެހިލަން ވިސްނައިގެންނެވެ. އެކަން ބަދަލުވީ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން ހުށަހެޅުމެއް ލިބުމުންނެވެ. ކްލޮޕް ވަގުތުން ލިވަޕޫލުން ދިން އެ ފުރުސަތުގެ ބޭނުންހިފީ ސަބަބުތަކެއް ހުރުމުންނެވެ.

"ލިވަޕޫލަކީ އާދައިގެ ކްލަބެއް ނޫން. މިއީ ކޮންމެ ކޮންމެ ފަހަރަކު ލިބޭނެ ފުރުސަތެއް ވެސް ނޫން. މި ކްލަބްގެ ގުޅުން އަހަންނަށް ފެނިފައި އޮތީ. މި ކްލަބްގައި މަސައްކަތްކޮށްލުމަކީ އަހަންނަށް ލިބޭނެ ފަހުރެއްގެ ގޮތުގައި ދެކިގެން އައީ،" މަޝްހޫރު ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ދޫކޮށް ލިވަޕޫލާ ހަވާލުވާން ނިންމި ސަބަބު ކްލޮޕް އޮޅުން ފިލުވައިދިނެވެ.

2015 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވުމަށް ފަހު ކްލޮޕް އެ ޓީމުގެ ޖޯޒީ ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ކޯޗުކަމާ ކްލޮޮޕް ހަވާލުވީ ލިވަޕޫލްގެ ވެރިންގެ ފަރާތުން އެތައް ކަމެއް ބަދަލުކުރުމުގެ ޔަގީންކަން ލިބުމުންނެވެ. އެ ގޮތުން އޭނާ ބޭނުންވީ ކްލަބްގެ ފުޓްބޯޅައާ ސީދާ ގުޅުންހުރި ހުރި ހުރިހާ ކަމެއްގައި އޭނާ ކޮންޓްރޯލެއް ހޯދުމެވެ. އެގޮތުން ލިވަޕޫލްގެ ޒަމާންވީ ޓްރާންސްފާ ކޮމިޓީ އުވާލުމާއި ޓެކްނިކަލް ޑިރެކްޓަރެއް ހަމަޖެއްސުމުގެ އިތުރުން ޔޫތު ފުޓްބޯޅަ ސިސްޓަމް ހަރުދަނާ ކުރުން ހިމެނުނެވެ. މިއިން ކޮންމެ ކަމެއްގައި ވެސް ބަސްބުނުމުގެ ފުރުސަތު ކްލޮޕަށް ދޭން ކްލަބްގެ ވެރިން ވެސް ފަސް ނުޖެހުނީ ޖަރުމަނު ފުޓްބޯޅައިގައި މައިންޒާއި ޑޯޓްމަންޑްގައި އޭނާ ކޮށްފައިވާ މަސައްކަތް ކާމިޔާބު ވުމުންނެެވެ.

"މެއިންޒް ފުރަތަމަ ޑިވިޝަނަށް ގެނެސްދިނީ ކްލޮޕްގެ ވިސްނުމުގައި މަސައްކަތްކޮށްގެން. ޑޯޓްމަންޑް އޮތީ ބަގުރޫޓުވެދާނެ ފަދަ ހާލަތެއްގައި ކްލޮޕް އައިއިރު. އޭނާ ކްލަބްގެ މުޅި ސިސްޓަމް ބަދަލުކޮށް އެ ޓީމަކީ ޖަރުމަނުގެ އިތުރުން ޔޫރަޕްގެ ގަދަ ބާރަކަށް ވެސް ހަދައިދިން. މިއީ ލިވަޕޫލުން ކްލޮޕަށް އިތުރުބާރު ކުރި ސަބަބަކީ،" ލިވަޕޫލްގެ ކުރީގެ ޗީފް އެގްޒެކްޓިވް އިއާން އައިރީ މިދިޔަ އަހަރު ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޖަރުމަނު ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފަށައި 2015 އާ ހަމައަށް ޖަރުމަނު ފުޓްބޯޅައިގައި ކްލޮޕް ކޯޗެއްގެ ގޮތުގައި ކުރި މަސައްކަތުން އެތައް ކުޅުންތެރިންތަކެއް ވަނީ އުފެދިފަ އެވެ. އަދި އޭނާ ފުޓްބޯޅަ ކުޅުވާ ސިސްޓަމް "ގާގެން-ޕްރެސިން" އަކީ ސަޕޯޓަރުންނަށް ވަރަށް ޝައުގުވެރިވާ ސިސްޓަމެކެވެ.

"ކްލޮޕް އަބަދުވެސް ބުނާ ވާހަކަ އަކީ ފުޓްބޯޅައިގައި ކާމިޔާބުވާން ބޭނުންނަމަ އަބަދުވެސް ސަޕޯޓަރުން ދެން އޮތް މެޗަކަށް އިންތިޒާރުކުރުވާށޭ. ސަޕޯޓަރުންނަކީ ކުޅުންތެރިންގެ ޒިންމާއެއް ގޮތަށް ދެކެން ޖެހޭނެއޭ. ކްލޮޕް ކޯޗުކޮށްދިން ކޮންމެ ޓީމެއްގެ ސަޕޯޓަރަކީ ވެސް އޭނާގެ ރަހުމަތްތެރިއެއް،" ޖަރުމަނުގެ ކުޅިވަރު ނޫސްވެރިޔާ ރަފައެލް ހޮއިންސްޓެއިން ބުންޏެވެ.

ކާމިޔާބު ހޯދަން ވަގުތު ނެގި، އެކަމަކު އިތުބާރު ދެމެހެއްޓި

ކްލޮޕަކީ ލިވަޕޫލަށް ކޯޗުކޮށްދޭ 20 ވަނަ ކޯޗެވެ. މިިދިޔަ 30 އަހަރު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާ ކޮންމެ ކޯޗަކަށް އޮންނަ ޗެލެންޖަކީ ޕްރިމިއާ ލީގު ހޯދުމެވެ. ކްލޮޕް، ލިވަޕޫލާ ހަވާލުވިއިރު އެ ޓީމު ލީގު ނުހޯދާތާ އޮތީ 25 އަހަރުވެފަ އެވެ. އޭނާ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ދުވަހު ދިން ޔަގީންކަމަކީ އޭނާގެ ފުރަތަމަ ކޮންޓްރެކްޓް ނިމޭއިރު ލިވަޕޫލް އަތުގައި މަދުވެގެން އެއް ތަށި އޮންނާނެ ކަމެވެ.

"ކޮންމެ މީހަކު ވެސް މަސައްކަތްކުރާނީ ކުރިއަށް ވުރެން ރަނގަޅު ކަމެއް ހާސިލްކުރަން. ފަންސަވީސް އަހަރު ތަށި ނުހޯދައި ތިބުމަކީ ވަރަށް ދިގު އިންތިޒާރެއް. ކޮންމެ މީހަކު ވެސް ލިވަޕޫލްގެ މުއްސަނދި ތާރީހާ މެދު ޝައުގުވެރިވާނެ. އެކަމަކު ތާރީހުގެ މޮޅު ވާހަކަ ދައްކައިގެން ނުތިބެވޭނެ. އަހަރެމެން ޖެހޭނީ އެ ތާރީހުގެ އެހީގައި އިތުރު ކާމިޔާބީ ހޯދަން. ހަތަރު އަހަރު ތެރޭގައި މަދުވެގެން އެއް ތަށި ހޯދޭނެ ކަމަށް އަހަރެން ގަބޫލުކުރަން،" ބީޓީ ސްޕޯޓްސް އަށް 2015 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ކްލޮޕް ބުންޏެވެ.

ލިވަޕޫލް ކޯޗުކަމާ ހަވާލުވި ފުރަތަމަ ސީޒަނުގައި ކްލޮޕް ވަނީ ދެ މުބާރާތެއްގެ ފައިނަލުގައި ކުޅެފަ އެވެ. ލީގު ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުން ބަލިވިއިރު، ޔޫރޮޕާ ލީގު ފައިނަލްގައި ސެވިއްޔާ އަތުން ވެސް ބަލިވި އެވެ. އަދި އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ވަނީ ބަލިވެފަ އެވެ. ޖެހިޖެހިގެން ފަސް ފައިނަލުން ބަލިވި ނަމަވެސް ކްލޮޕް ހުރީ އުއްމީދުގަ އެވެ. އަބަދުވެސް ދިޔައީ ކުރިއަށްދެވޭނެ ކަމުގެ އުއްމީދުގައި ޔަގީންކަން ދެމުންނެވެ.

ރެއާލް މެޑްރިޑް އަތުން 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ބަލިވުމުން ޖެހިގެން އައި ދުވަހު ހެނދުނު ކްލޮޕް ވަނީ ލިވަޕޫލް ސަޕޯޓަރުންނާ އެކު އުފާފާޅުކޮށްފަ އެވެ. ސަބަބަކީ އޭނާގެ ނަޒަރުގައި ފައިނަލުން ބަލިވުމުން އެ ހިސާބުން ނިމުނީ އެއް ނޫންކަން ދައްކައިދިނުމެވެ. އެއިން ލިބޭ ހިތްވަރަކީ ދެން އެކަން ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރުންކަން ބުނެދިނުމެވެ. އެ ގޮތަށް މަސައްކަތް ކޮށްގެން ކްލޮޕް ވަނީ ޖެހިގެން އައި ސީޒަނުގައި (މިދިޔަ އަހަރު) ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ.

ޗެމްޕިއަންސް ލީގުގެ މެޗަށް ފަހު ކްލޮޕް (ވ) މެސީގައި ބައްދާލައިގެން. -- ފޮޓޯ: އޭއެފްޕީ

ތަކުރާރުވީ ހަމަ އެއް ކަމެކެވެ. މެންޗެސްޓާ ސިޓީއާ ވާދަކޮށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ލިވަޕޫލް އަތުން ގެއްލުނީ މަދު ޕޮއިންޓުތަކެއްގެ ފަރަގުންނެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލުން ޕޮއިންޓް ހޯދި އަދަދަށް ވުރެން މަދުން ހޯދައިން އެތައް އަހަރެއްގައި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި ޓީމުތައް ވެސް އެބަހުއްޓެވެ. ލިވަޕޫލަށް ނިސްބަތްކޮށް އިނގިރޭސި ފުޓްބޯޅައިގެ ފަރާތްތަކުން ބުނަމުންދިޔައީ އެއީ އެންމެ ކާމިޔާބު ރަނަރަޕް ކަމަށެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލަށް ޕްރިމިއާ ލީގު ގެއްލުނު ނަމަވެސް ކްލޮޕް ކުޅުންތެރިންނަށް ދިން އިތުބާރަކީ މަސައްކަތް ހުއްޓައިނުލާށެވެ. ދެ ވަނަ ބައްޔަކަށް އިންތިޒާރުނުކޮށް ތަށި ހާސިލްކުރާށެވެ.

"މެއިންޒް ގޮވައިގެން ކްލޮޕަށް ޖަރުމަނު ފުރަތަމަ ޑިވިޝަނަށް އާދެވުނީ ތިން އަހަރުން. ޑޯޓްމަންޑް ކޮޅަށް ޖަހައި ޖަރުމަނުގެ ޗެމްޕިއަންކަން ހޯދައިދިނީ ވެސް ތިނެއް ނޫނީ ހަތަރު އަހަރުން. ލިވަޕޫލްގައި ވެސް ކްލޮޕަށް ވަގުތު ދީފި. މިހާރު އެ ޓީމަކީ ޔޫރަޕްގެ ޗެމްޕިއަނުން. ދުނިޔޭގެ ޗެމްޕިއަނުން. އަދި ވަރަށް އަވަހަށް އިންގްލެންޑްގެ ޗެމްޕިއަނުން. ކްލޮޕަކީ ކާމިޔާބު ހޯދަން ކުރާ މަސައްކަތް ހުއްޓާލާ މީހެއް ނޫން،" މިދިޔަ ޖެނުއަރީ މަހު ޑޯޓްމަންޑް ޑިރެކްޓާ އޮފް ސްޕޯޓްސް މައިކަލް ޒޯކް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކްލޮޕް ލިވަޕޫލްގައި ބަދަލުކުރި މުހިއްމު ކަންތައްތައް

ލިވަޕޫލް ކޯޗުކަމާ ހަވާލުވުމަށް ފަހު މިދިޔަ ފަސް އަހަރު ތެރޭ ލިވަޕޫލަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެންމެ ބޮޑު އެއް ބަދަލަކީ ޓްރާންސްފާ ކޮމިޓީގެ ނުފޫޒާއި ބާރު ކަނޑުވާލުމެވެ. މީގެ ކުރިން ލިވަޕޫލުން ހިންގާ ޓްރާންސްފާތަކުގައި ބަސްބުނުމުގެ ބާރު ޓްރާންސްފާ ކޮމިޓީ އަށް ވަރަށް ބޮޑަށް އޮވެ އެވެ. އޭގެ ސަބަބުން ގިނަ ޑީލްތައް މަޝްވަރާކުރުމުގައި ގޮތެއް ނުނިމި ދިގުލައި ގޮސް މޮޅެތި ކުޅުންތެރިންތަކެއް ލިވަޕޫލް އަތުން ގެއްލިފައިވެ އެވެ. އެ ކަންކަމަށް ނިމުމެއް ގެނައީ ކްލޮޕްގެ ވިސްނުމުގައި ހުރި ޒަމާނީ މޮޑިއުލަށް ކްލަބް ހިންގުމުގެ ގޮތުން ސްޕޯޓިން ޑިރެކްޓަރެއް ގެނައުމަށެވެ. އެ ގޮތުން މައިކަލް އެޑްވާޑް ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖައްސައި ޓްރާންސްފާގެ ކަންތައްތަކުގައި ކުރިއަށް ދިއުމުގެ ބާރު އޭނާ އަށް ދިނެވެ. އޭގެ ނަތިޖާ ވަރަށް ރަނގަޅެވެ. ލިވަޕޫލުން އަންނަނީ ޓްރާންސްފާ މާކެޓްގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ދެ އަހަރު ކުރިން ބާސެލޯނާ އަށް ފިލިއްޕޭ ކުޓީނިއޯ ވިއްކާލުމަށް ފަހު އެ ޑީލުން ލިބުނު ފައިސާ އިން ވާޖިލް ވެންޑައިކާއި އެލިސަން ބެކާ ގެނައުމަކީ އެޑްވާޑްގެ ވިސްނުމާ އެކު ކްލޮޕް ނިންމި ނިންމުމެކެވެ. އެއީ ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ސިފަކުރާގޮތުގައި ލިވަޕޫލްގެ މިހާރުގެ ކާމިޔާބީގެ ބޮޑު ހިއްސާއެކެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭ ލިވަޕޫލުން ޓްރާންސްފާ މާކެޓްގައި ހަރަދުކުރީ އެވްރެޖް ގޮތެއްގައި ބަލާއިރު ނިސްބަތުން ރަނގަޅު އަދަދެކެވެ. އެ މުއްދަތުގައި ލިވަޕޫލްގެ ޖުމްލަ ހަރަދު އުޅެނީ 119 މިލިއަން ޑޮލަރުގައި ކަމަށް ގިނަ ރިޕޯޓްތަކުން ދައްކަ އެވެ.

ކްލޮޕް ލިވަޕޫލަށް ގެނައި ދެ ވަނަ އަށް އެންމެ ބޮޑު ބަދަލަކީ ކްލަބްގެ އެކެޑަމީ ލެވެލަށް އުއްމީދު ދިނުމެވެ. ކްލޮޕް ހަވާލުވި ފަހުން އެކެޑަމީ އަށް 20 އަށް ވުރެން ގިނަ ކޯޗުން ވަނީ ހަމަޖައްސައިފަ އެވެ. އެއީ ކްލަބާ ގުޅޭ އުމުރުން 11 އަހަރުގެ ކުއްޖާ އަށް ވެސް ސީނިއާ ޓީމާ ހަމައަށް ދެވޭނެ ފުރުސަތު ފަހިވުމެވެ. ކުޅުންތެރިން އުފައްދައިގެން ކާމިޔާބާ ހަމައަށްދާ ޓީމެއްގެ ސިފަ ލިވަޕޫލަށް ގެނައުމެވެ. އެކަން ކުރަން ކްލަބްގެ ކޯޗިން ޓީމުގެ ގުޅުން ކުރިއަށް ވުރެން އެތައް ގޮތަކަށް ހަރުދަނާ ކުރި އެވެ.

ޑޯޓްމަންޑްގެ މެޗެއްގެ ތެރެއިން ކްލޮޕް: އޭނާ ވަނީ ޑޯޓްމަންޑަށް ދެ ފަހަރު ޖަރުމަނުގެ ޗެމްޕިއަންކަން ހޯދައިދީފައި.-- ފޮޓޯ: އޭއެފްޕީ

"އެކެޑަމީގައި ކްލޮޕް ހޭދަކުރާ ވަގުތު ވަރަށް ގިނަ އޭނާ އަބަދުވެސް ކުޅުންތެރިންގެ ކުރިއެރުން ބަލާނެ. މަސައްކަތްތައް ބަލާނެ. އަހަރެމެންނަށް ހިތްވަރުދޭނެ. ހަގީގަތުގައި އެކެޑަމީގެ ބޭނުން އެންމެ ފުރިހަމަ އަށް މިހާރު ހިފޭ އެންމެ ބޮޑު ސަބަބަކީ ކްލޮޕް. އޭނަ މި ޕްރޮޖެކްޓަށް ވަރަށް ޝައުގުވެރި،" މި ސީޒަނުގައި އެފްއޭ ކަޕާއި ލީގު ކަޕްގެ ދެ މެޗެއްގައި ލިވަޕޫލްގެ ޒުވާން ޓީމު ގޮވައިގެން ނުކުތް ލިވަޕޫލްގެ 23 އަހަރުން ދަށުގެ ކުރީގެ ކޯޗު ނީލް ކްރިޗްލީ ބުންޏެވެ.

ކްލޮޕް ދެން އެންމެ ބޮޑު އިސްކަމެއް ދިނީ ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި އެ ޓީމުގެ ފޯމް ރަނގަޅު ކުރުމެވެ. އެކަން ކުރަން އެނާ އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެންފީލްޑްގެ ފެންވަރު އޭނާ ބޭނުންވާ ލެވަލެއްގައި ނެތުމެވެ. އެގޮތުން ކްލޮޕް ވަނީ ލިވަޕޫލްގެ ވެރިން ގާތުގައި އެންފީލްޑްގެ ވިނަގަނޑު ޒަމާނީ ފެންވަރަށް ގެނެސްދޭން އެދިފަ އެވެ.

މީގެ ތިން އަހަރު ކުރިން 2017 ވަނަ އަހަރު ވަނީ ލިވަޕޫލްގެ ދަނޑުގެ ވިނަގަނޑު ރަނގަޅު ފެންވަރަކަށް ބަދަލުކޮށްފަ އެވެ. ވިނަގަނޑު ބަދަލުކުރަން މީގެ ކުރިން 15 އަހަރު މަޝްވަރާ ކުރިއިރު އެކަން އޮތީ ނުކުރެވި އެވެ. އަދި އާ ދަނޑެއް އެޅުމުގެ ބަދަލުގައި ލިވަޕޫލްގެ ތާރީހީ ސްޓޭޑިއަމް އެންފީލްޑްގައި ދެމިތިބެ އެ ދަނޑަށް ސަޕޯޓަރުން ވަދެވޭ އަދަދު އިތުރުކުރުމަކީ ވެސް ލިވަޕޫލްގެ ވެރިންނާއި ކްލޮޕާ މަޝްވަރާ ކޮށްގެން ނިންމި ނިންމުމެއް ކަމަށް ލިވަޕޫލްގެ ވެރިޔާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) ހިންގާ ޖޯން ހެންރީ ވަނީ މިދިޔަ އަހަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ލިވަޕޫލް ދަނޑުގެ ވިނަގަނޑު ތަރައްގީ ކުރުމުގައި އަސްލަކަށް ބެލި އެއް ދަނޑަކީ ކްލޮޕްގެ ކުރީގެ ޓީމު ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑު ސިގްނަލް އިޑޫނާ ޕާކަށެވެ. ދަނޑުގެ ވިނަގަނޑު ބަދަލުކޮށް ކްލޮޕް ބޭނުންވާ ފުޓްބޯޅަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވޭ ކަމުގެ ނަތީޖާއަކަށްވީ މިދިޔަ ތިން އަހަރު އަމިއްލަ ދަނޑުގައި ލީގު މެޗަކުން ލިވަޕޫލް ބަލިވެފައިނުވުމެވެ. އަދި މި ފަހަރުގެ ލީގުގެ ލީގު ޗެމްޕިއަންކަން ލިވަޕޫލުން ހާސިލްކޮށްފައިވާއިރު، އަމިއްލަ ދަނޑުގައި 100 ޕަސެންޓްގެ ރެކޯޑެއް އެބައޮތެވެ.

ކުރަން ހުރި މަސައްކަތް އަދިވެސް ގިނަ: ކްލޮޕް

ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަ އަހަރުތައް ތަށްޓެއް ނުލިބި ދިއުމުން ކްލޮޕަށް އެ މަގާމުގައި ދެމިހުރެވޭނެތޯ އޭނާ އަށް ވެސް ސުވާލު އުފެދުނެވެ. އެކަމަކު އަބަދުވެސް އޭނާ އަށް އޮތް ޔަގީންކަމަކީ އޭނާ ކުރަމުން އަންނަ މަސައްކަތުގައި ސަޕޯޓަރުންގެ އެއްބާރުލުން ލިބުމެވެ. ހަތަރު އަހަރު އޭނާ ކުރި މަސައްކަތުން މިދިޔަ ދެ ސީޒަނުގެ ތެރޭގައި މިހާރު މި ވަނީ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕްގެ އިތުރުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ލިވަޕޫލް ކާމިޔާބުގެ މަގަށް ގެންނަން ކްލޮޕަށް އުނދަގޫ ނިންމުންތަކެއް ވެސް ނިންމަން ޖެހުނެވެ. އެ ގޮތުން އެއް ކަމަކީ އޭނާއާ އެކު 17 އަހަރު މަސައްކަތްކުރި އެސިސްޓަންޓް ކޯޗު ޒެލްކޯ ބުވަޗްއާ ވަކިވާން ޖެހުމެވެ. މިހާތަނަށް މީޑިއާގައި އެކަމާ ބެހޭގޮތުން ވާހަކަ ދެކެވިފައިނުވި ނަމަވެސް ބުވަޗް ލިވަޕޫލް ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ އޭނާގެ ރޯލު ކުޑަކުރަން ކްލޮޕް ނިންމި ހިސާބުންނެވެ. ބުވަޗްގެ މަގާމަށް ލިވަޕޫލުން ގެނައި ޕިޔެޕް ލިންޑާސް އެވެ. ކްލޮޕް އަންނަނީ ލިންޑާސްއާ އެކު ރަނގަޅު ގުޅުމެއް ދަމަހައްޓަމުންނެވެ.

ކްލޮޕް (ކ) އާއި ބުވަޗް ފޮޓޯއަކަށް ހުއްޓިގެން: ބުވަޗް ވަނީ 17 އަހަރަށް ފަހު ކްލޮޕާ ވަކިވެފައި. -- ފޮޓޯ: އޭއެފްޕީ

ކްލޮޕްގެ މޭސްތިރިކަމުގެ ދަށުގައި 1990 ވަނަ އަހަރަށް ފަހު ލިވަޕޫލުން ފުރަތަމަ ފަހަރަށް އިންގްލެންޑްގެ ޗެމްޕިއަންކަން ހޯދުމާ އެކު ގިނަ ބަޔެއްގެ ލޯ އެ ޓީމަށް ވަނީ އަމާޒުވާން ފަށައިފަ އެވެ. އެންމެ ފަހުން ލިވަޕޫލާ އެކު ކްލޮޕް ހެދި ކޮންޓްރެކްޓް ހަމަވާނީ 2024 ގަ އެވެ. ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ އިތުރު ކާމިޔާބީ ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެމެންގެ މި މަސައްކަތް ދާނީ ކުރިއަށް އިތުރު ކާމިޔާބީތައް ހޯދަން ބޭނުން. މިއީ އަދިވެސް ފުރިހަމަ ކުރެވޭނެ މަސައްކަތެއް. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ ކާމިޔާބީ ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ގިނަވާނެ،" ފީފާ އިން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު މިދިޔަ އަހަރު ހޯދި ކްލޮޕް ބުންޏެވެ.

ދިގު އިންތިޒާރަކަށް ފަހު ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ހޯދައިދެވުމަކީ އޭނާގެ ހަޔާތުގައި ވެސް ހާއްސަ ދުވަހެއް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އަދި މި ކާމިޔާބީ އަކީ ހަމައެކަނި އޭނާގެ މަސައްކަތެއް ނޫން ކަމަށާއި ލިވަޕޫލް މި ހިސާބުގައި މި އޮތީ މި ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި ވެރިން ވެސް އެ ރޫހެއްގައި ތިބުމުގެ ނަތީޖާކަން ކްލޮޕް ފާހަގަކުރި އެވެ.

ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވެ އެ ޓީމުދާ މިސްރާބު ރަނގަޅުކަން ތަޖުރިބާކާރު ގިނަ ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ލިވަޕޫލްގެ އެންމެ ވާދަވެރި ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ވެސް ވަނީ ކްލޮޕަށް ތައުރީފުކޮށްފަ އެވެ. އަދި ހޯސޭ މޮރީނިއޯ އަދި އާސެން ވެންގާ ވެސް ފާހަގަކުރި އެއް ކަމަކީ ޒަމާނީ މޮޑިއުލެއްގައި ލިވަޕޫލް ހިންގަން ކްލޮޕަށް ވަގުތު ދިނުމަކީ ލިވަޕޫލުން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އޭގެ ފައިދާ އަހަރުތަކެއް ވަންދެން ލިވަޕޫލަށް ކުރާނެ ކަމެވެ.