ޔުވެންޓަސް އަށް ހަތް ޕޮއިންޓުގެ ލީޑެއް

ޓިއުރިން (ޖޫން 27) – އަމިއްލަ ދަނޑުގައި ލެއްޗޭ އަތުން 4-0 އިން މޮޅުވެ ޗެމްޕިއަން ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


ޔުވެންޓަސް 28 މެޗުން 69 ޕޮއިންޓް އެއްކޮށްފައިވާއިރު ތާވަލުގެ ދެ ވަނައިގައި އޮތް ލާޒިއޯ އަށް 27 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. އެހެންވެ އެ ޓީމުން މިރޭ ފިއޮރެންޓީނާ އަތުން މޮޅުވެގެން، ޔުވެންޓަސްއާ ހަތަރު ޕޮއިންޓަށް އަނެއްކާ ވެސް ގާތްކުރެވޭނެ އެވެ. އެ ދެ ޓީމާ އެކު ޗެމްޕިއަންކަމަށް ވާދަކުރާ އިންޓަ މިލާން ތިން ވަނައިގައި އޮތީ 27 މެޗުން 58 ޕޮއިންޓާ އެކު އެވެ. އެ ޓީމުން މާދަމާރޭ ނުކުންނާނީ ޕާމާއާ ދެކޮޅަށެވެ.

ޔުވެންޓަސް އާއި ލެއްޗޭ ރޭ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގައި ލެއްޗޭގެ ފަބިއޯ ލުސިއޯނީ އަށް ރަތްކާޑެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެކަކު މަދުކޮށެވެ. ޔުވެންޓަސްގެ ހަތަރު ގޯލް ވެސް ފެނިގެން ދިޔައީ ފަހު ހާފުގަ އެވެ. ފުރަތަމަ ގޯލް ޕައޮލޯ ޑީބަލާ ޖެހިއިރު، ދެ ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފަހު ދެ ގޯލް ޖެހީ ގޮންޒާލޯ ހިގުއައިން އާއި މަތިއަސް ޑި ލީޓް އެވެ.

ރެލިގޭޝަން ޒޯނުގައި، ފުލުން ތިން ވަނައިގައި އެންމެ 25 ޕޮއިންޓާ އެކު އޮތް ލެއްޗޭ ކޮޅަށް ދެ މެޗުން މިވަނީ އަށް ގޯލް ވަދެފަ އެވެ. މި ހަފުތާގައި ކުޅުނު އަނެއް މެޗުން އޭސީ މިލާން އަތުން ބަލިވީ 4-1 އިންނެވެ.