އެފްއޭ ކަޕް: މެގުއާގެ ގޯލުން ޔުނައިޓެޑް ސެމީ އަށް

ނޯވިޗް (ޖޫން 28) - ކެޕްޓަން ހެރީ މެގުއާ ޖެހި ގޯލުން 2-1 އިން ނޯވިޗް ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


މިއީ މި މުބާރާތުގެ ސެމީ ފައިނަލުގައި ޔުނައިޓެޑް ކުޅޭނެ 30 ވަނަ ފަހަރެވެ. އެ ޓީމަކީ އެންމެ ގިނައިން މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމެވެ. ސެމީ ފައިނަލުގައި ޔުނައިޓެޑް ކުޅެން ޖެހޭ ޓީމެއް އެނގޭނީ މިއަދު ބާއްވާ ޑްރޯއަށް ފަހު އެވެ.

ނޯވިޗްގެ ކެރޯ ރޯޑްގައި ރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. ކޮވިޑް-19ގެ ބްރޭކަށް ފަހު އަލުން މެޗުތައް ފަށައިގެން މީގެ ކުރިން ޔުނައިޓެޑް ކުޅުނު ދެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބި ތިބި ބައެއް ކުޅުންތެރިން ރޭގެ މެޗުގައި ވަނީ ބޭނުންކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑާއި ނޯވިޗުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެކަމަކު ދެ ވަނަ ހާފްގެ ކުރީކޮޅުގައި ނޯވިޗް އޭރިއާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި އޮޑިއޯން އިގާލޯ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. އޭރިއާތެރެއިން ނޯވިޗް ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިގާލޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ނޯވިޗުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން ޓޮޑް ކާންޓްވެލް ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ގޯލުގައި ހުރި އާޖެންޓީނާގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އަތް ކައިރިން ގޮހެވެ.

ޔުނައިޓެޑުން އަލުން ލީޑުނަގަން ކުރި މަސައްކަތް ހުއްޓުވުމުގައި ނޯވިޗްގެ ގޯލުގައި ހުރި ނެދަލެންޑްސްގެ ކީޕަރު ޓިމް ކްރުލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް ނޯވިޗަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މެޗުގެ 89 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ޓިމް ކްލޯސާ އަށް ރަތް ކާޑު ދެއްކުމެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ނޯވިޗް ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.

ގަވާއިދުގައިވާ ގޮތުން އެއްވަރުވެފައިވަނިކޮށް މިހާރު 90 މިނިޓް ހަމަވިޔަސް އެއް މެޗުން ނަތީޖާ ނެރެން ޖެހެ އެވެ. އެއީ ރީޕްލޭ މެޗު މަދުކުރުމުގެ ގޮތުންނެވެ. ރޭގެ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ވެސް ނޯވިޗުން ވަނީ ޔުނައިޓެޑް ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ލިބުނު ފުރުސަތެއްގެ ބޭނުންހިފައި މެގުއާ ވަނީ ގޯލެއް ޖަހައި ޔުނައިޓެޑް ސެމީ އަށް ގެންގޮސްދީފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މެގުއާގެ ފަރާތުން ފެނުނު ގޯލާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މިއީ ވަރަށް މަސައްކަތުން ހޯދުނު މޮޅެއް ކަމަށެވެ.

"އަހަރެމެން ތަށްޓެއް ހޯދަން ކުރާ މަސައްކަތުގައި މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ގަބޫލުކުރަން،" ސޯލްޝެއާ ބުންޏެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ދެން އޮންނާނީ ޝެފީލްޑް ޔުނައިޓެޑާއި އާސެނަލްގެ މެޗާއި ލެސްޓާ ސިޓީ އާއި ޗެލްސީގެ މެޗު އަދި މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑުގެ މެޗެވެ.