ރެއާލް މެޑްރިޑަށް ދެ ޕޮއިންޓުގެ ލީޑެއް

ބާސެލޯނާ (ޖޫން 29) – ތާވަލުގެ ފުލުގައި އޮތް އެސްޕަންޔޯލް އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


ރެއާލަށް ދެ ޕޮއިންޓުގެ ލީޑެއް ނަގަން މަގުފަހިވީ، ދެ ވަނައިގައި އޮތް ބާސެލޯނާ މި ހަފުތާގައި ކުޅުނު މެޗުން ސެލްޓާ ވީގޯއާ 2-2 އެއްވަރުވުމުންނެވެ. ކުރިން ރެއާލް އެއް ވަނައިގައި އޮތީ ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް ހެޑް-ޓު-ހެޑް އިން ކުރި ލިބިގެންނެވެ.

ރެއާލް 32 މެޗުން 71 ޕޮއިންޓް ހޯދާފައިވާއިރު ބާސެލޯނާ އަށް 32 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ބާކީ ހަ މެޗު އޮއްވާ ރެއާލަށް މި ލިބުނު ލީޑަކީ، ލީގު ޗެމްޕިއަންކަން ހޯދަން ކުރިއަށް އެޅި ބޮޑު ފިޔަވަޅަކެވެ. މިދިޔަ ސީޒަނުގައި ކޯޗުން ބަދަލުވެ، އެ ޓީމު ލީގު ނިންމާލީ ތިން ވަނައިގަ އެވެ. އެކަމަކު އެ ޓީމަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން މިދިޔަ ސީޒަނުގެ ފަހުކޮޅު އެނބުރި އައިސް ކުރަން ފެށި މަސައްކަތުގައި، މިހާރު އެ ޓީމު މިއޮތީ، އަށް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ލީގު ހޯދުމާ ގާތުގަ އެވެ.

މިހާތަނަށް ވެސް އެއް ވަނައިގައި ޑޮމިނޭޓްކުރަމުން އައި ބާސެލޯނާ އިން، ކޮވިޑް-19 ގެ ސަބަބުން ލީގު މެދުކެނޑުމަށް ފަހު އަލުން ފަށައިގެން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވީ އެވެ.

މި މެޗުގެ ހަމައެކަނި ގޯލް ރެއާލަށް ކާމިޔާބުކޮށްދިނީ 45 ވަނަ މިނެޓުގައި ބްރެޒިލް މިޑްފީލްޑަރު ކަސެމިރޯ އެވެ. މިއީ ފޯވާޑް ކަރިން ބެންޒެމާ ދިން ހިތްގައިމުން ޕާހަކުން އޭނާ ޖެހި ގޯލެކެވެ.

"މިއީ ވަރަށް މުހިއްމު މޮޅެއް،" ބެންޒެމާ ބުންޏެވެ. "އަހަންނަށް ނުބުނެވޭނެ އަހަރެމެން ބާސެލޯނާ އަށް ނުބަލަމޭ. އަހަރެމެން ބަލަން. އެކަމަކު އަހަރެމެން ސަމާލުކަންދެނީ އަހަރެމެންގެ އަމިއްލަ ލީގަށް. ބާކީ މާ ގިނަ މެޗުތަކެއް ނެތް، އެހެންވެ ކޮންމެ މެޗަކީ ވެސް ފައިނަލެއް."