ވަގުތު ޖެހުމުން އުފާފާޅުކުރަން މަޑުކުރޭ: ކްލޮޕް

ލިވަޕޫލް (ޖޫން 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 30 އަހަރަށް ފަހު ލިވަޕޫލުން ހޯދުމާ އެކު އެ ޓީމުގެ ސަޕޯޓަރުން ގިނަ އަދަދަކަށް އެކި ތަންތަނަށް އެއްވެ، ގަވާއިދާ ހިލާފަށް އުފާފާޅުކުރުންތައް ބައްވަމުންދާތީ މި ވަގުތު އެކަން އެގޮތަށް ނުކުރަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެދިއްޖެ އެވެ.


ބާކީ ހަތް މެޗު އޮއްވާ ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވުމާ އެކު އުފާފާޅުކުރަން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމެއް ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކުރިއިރު ގިނަ ސަޕޯޓަރުންތަކަކަށް ވަނީ އަނިޔާވެފަ އެވެ.

ސަޕޯޓަރުންނަށް ހާއްސަކޮށް ކްލޮޕް އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ މިއީ އެންމެ އެކުވެ އުފާފާޅުކުރުންތައް ބޭއްވުން ރަނގަޅު ވަގުތެއް ނޫން ކަމަށާއި ކޮވިޑް-19ގެ ނުރައްކަލުގެ ސަބަބުން ހަދާފައިވާ ގައިދުރުކުރުމުގެ އުސޫލުތަކަށް ހުރިހާ ސަޕޯޓަރުން ބޯލަނބަށް ޖެހޭނެ ކަމަށެވެ.

ލިވަޕޫލްގެ ސަޕޯޓަރުން އެންފީލްޑް ބޭރުގައި ބޭއްވި އުފާފާޅުކުރުމެއްގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

"މި ވަގުތު މި ފެންނަ ބައެއް ކަންތައްތަކާ މެދު ހިތްހަމައެއްނުޖެހޭ. އަހަރެމެން އުފާފާޅުކުރަންވީ. އެކަމަކު އެ ހެދިފައި އޮންނަ ގަވާއިދާ އެއްގޮތަށް މީހުން އެއްވެ އުފާފާޅުކުރަން އަދި ވަގުތު ލިބޭނެ. އެއީ އެންމެ އެކުވެގެން މިހާރު މި އޮތް ހާލަތުން އަރައިގަނެގެން. ރަނގަޅު ވަގުތު ޖެހުމުން އެންމެން އެކުވެ އުފާފާޅުކުރެވޭނެ. މި ވަގުތު އޮތީ އެ ހިސާބަށް ދެވެން ދެން މަޑުކުރުން،" ކްލޮޕް ބުނެފައިވެ އެވެ.

ފުލުހުންނާއި ލިވަޕޫލް ނިސްބަތްވާ މާސީސައިޑް ކައުންސިލުން ވަނީ ލިވަޕޫލްގެ ޓްރޮފީ ޕެރޭޑް ބާއްވަން ހާލަތު ތަން ދިންހާ އަަވަހަކަށް ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.

ލިވަޕޫލަށް ޗެމްޕިއަންކަން ޔަގީންވީ މިދިޔަ ބުރާސްފަތި ދުވަހު މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ޗެލްސީ އަތުން ބަލިވުމުންނެވެ. އެ މެޗުގެ ނަތީޖާ ނުކުތުމާ އެކު ލިވަޕޫލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ދަނޑު އެންފީލްޑް ކައިރިއަށް ޖަމާވެ އުފާފާޅުކުރުންތައް ބާއްވައިފަ އެވެ. އަދި ދަނޑުކައިރީގައި މިހާރު ވެސް އެކި ސަޕޯޓަރުންގެ ގްރޫޕްތަކުން އުފާފާޅުކުރުންތައް ބާއްވަމުންދެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި އަަމަލުތައް ތަކުރާރުވާނަމަ ލިވަޕޫލަށް ލީގުގައި ބާކީ ހުރި އެ ޓީމުގެ ހޯމް މެޗުތައް އެހެން ދަނޑެއްގައި ވެސް ކުޅެން ޖެހިދާނެ އެވެ.

ލީގު ޗެމްޕިއަންކަން ޔަގީންކުރުމަށް ފަހު ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ލިވަޕޫލުން ޗެމްޕިއަންކަން ހޯދާފައިވާތީ ސިޓީގެ ކުޅުންތެރިން ލިވަޕޫލަށް ގާޑް އޮފް އޮނާ އެއް ދޭނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.