ރެއާލް މެޑްރިޑަށް ހަތަރު ޕޮއިންޓުގެ ލީޑެއް

މެޑްރިޑް (ޖުލައި 3) – ކެޕްޓަން ސާޖިއޯ ރާމޯސް ޕެނަލްޓީއަކުން ވައްދާލި ގޯލާ އެކު ގެޓަފޭ 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


އެ ޓީމަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނީ ދެ ވަނައިގައި އޮތް ބާސެލޯނާ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑާ 2-2 އިން އެއްވަރުވުމުންނެވެ.

ރެއާލް އެއް ވަނައިގައި އޮތީ 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމާ އެންމެ ގާތުގައި، ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 33 މެޗުން 59 ޕޮއިންޓެވެ.

ރެއާލުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް މޮޅުވެވުނީ އުނދަގުލުންނެވެ. މެޗުގެ ހަމައެކަނި ގޯލް 79 ވަނަ މިނެޓުގައި ރާމޯސް ކާމިޔާބުކުރި ޕެނަލްޓީ ލިބުނީ އެ ޓީމުގެ ޑެނީ ކަރްވަހާލް އަށް ގެޓަފޭގެ މަތިއަސް އޮލިވޭރާ ކުރި ފައުލަކަށެވެ. ރެއާލަށް މި މެޗުގައި މާ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަހެއް ނުކުރެވުނެވެ.

ބާކީ ފަސް މެޗު އޮއްވާ މި ލިބުނު ލީޑާ އެކު ރެއާލް މިވަނީ 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަން ހޯދުމާ ގާތަށް ގޮސްފަ އެވެ. ތާވަލުގެ ހަ ވަނައިގައި އޮތް ގެޓަފޭ އަކީ ރެއާލަށް ބާކީ ހުރި މެޗުތަކުން އެންމެ އުނދަގޫވާނެ މެޗު ވެސް މެ އެވެ. އަނެއްކޮޅުން ހެޑް-ޓު-ހެޑް އިން ބާސެލޯނާގެ މައްޗަށް ރެއާލް ކުރި ހޯދާފައިވާތީވެ، އެ ޓީމަށް ލީގު ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"އަހަރެމެންނަށް އަދި އެއްވެސް އެއްޗެއް ހާސިލެއް ނުކުރެވޭ. އަހަރެމެން މި އަންނަނީ ކަންކަން ރަނގަޅަށް ކުރަމުން. އެކަމަކު އަދިވެސް ފަސް މެޗު އެބައޮތް. މިގޮތަށް ކުރިއަށް ގޮސް، ވަރުގަދަކޮށް އޮތިއްޔާ ރަނގަޅުވާނެ،" ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.

ރެއާލަށް އާދީއްތަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ ބަލިކުރެއްވިއްޖެ ނަމަ، އެރޭ ބާސެލޯނާ އިން ރަށުން ބޭރުގައި، ފޯމުގައި އޮތް ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހަތް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.