މެސީ އަންނަ އަހަރު ބާސެލޯނާ ދޫކޮށްލަނީ: ރިޕޯޓް

ބާސެލޯނާ (ޖުލައި 4) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަންނަ އަހަރު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާއާ އެކު އެންމެ ފަހުން 2017 ވަނަ އަހަރު ސޮއިކުރި ކޮންޓްރެކްޓް އާ ކުރަން ކުރެވޭ މަޝްވަރާތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ބާސެލޯނާގެ ބޯޑާ މެދު ހިތްހަމަނުޖެހި މެސީ ވަނީ އަންނަ އަަހަރު މުސްތަގުބަލާ ބެހޭގޮތުން މުހިއްމު ނިންމުމެއް ނިންމަން ތައްޔާރުވެފަ އެވެ. މި ވަގުތު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައިވާ ގޮތުން ސީޒަން ނިމޭތާ ވަކި މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ އަގަކަށް ކްލަބް ދޫކޮށްލުމުގެ އިހުތިޔާރު އޭނާ އަށް އޮވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މެސީ ބޭނުންވަނީ އަންނަ ސީޒަނުގައި އެ މުއްދަތު ތެރޭގައި ކްލަބް ދޫކޮށްލާށެވެ.

މެސީގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ކްލަބްގެ ނިންމުންތަކުގައި އޭނާގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް ހުއްޓުވަން ކްލަބްގެ ބޯޑުން މަސައްކަތްނުކުރުމެވެ. އަދި ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތްކުރުމަކީ ވެސް ކްލަބުގެ ވެރިންނާ މެސީއާ ދެމެދު މައްސަލަ ގޯސްވި އެއް ސަބަބެކެވެ.

މީގެ ކުރިން ވެސް މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ވިސްނައިފަ އެވެ. އެއީ 2017 ވަނަ އަހަރު ބެލި މެސީ ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި ސްޕެއިނުގެ ޕްރޮސެކިއުޓަރުން އޭނާއާ މެދު ނާއިންސާފުން ގިނަ ކަންތައްތަކެއް ކުރަމުންދާތީ އޭގެ ސަބަބުން އެހެން ގައުމަކަށް ބަދަލުވާން ބޭނުންވުމެވެ. މެސީ ބުނީ އެ ފަހަރު އޭނާ އަށް ރަސްމީކޮށް އެއްވެސް ކްލަބެއްގެ ހުށަހެޅުމެއް ނުލިބޭ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ އޭނާ ބާސެލޯނާ ދޫކޮށްލަފާނެކަން އެއްވެސް ބަޔަކަށް ގަބޫލުނުކުރެވުން ކަމަށެވެ.

ސްޕެއިނުގެ މީޑިއާގައި މެސީގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދާ މި ދަނޑިވަޅުގައި އެ މައުލޫ އަށް ނޫސްވެރިން ވަނީ ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ގާތުގައި ސުވާލުކޮށްފަ އެވެ.

"އަހަންނަށް ނޭނގޭ ވާނެ ގޮތެއް. އަހަރެން ބޭނުމެއް ނޫން މެސީ މި ލީގު ދޫކޮށް ދާކަށް. އަހަރެމެން ބޭނުން އެންމެ މޮޅު ކުޅުންތެރިން މި ލީގުގައި ތިބެން،" ޒިދާން ބުންޏެވެ.

ބާސެލޯނާގެ ވެރިންނާ ދެމެދު މެސީގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފަހަކަށް އައިސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ފެނިގެން ގޮސްފަ އެވެ. ބާސެލޯނާގެ ޑިރެކްޓަރު އެރިކް އަބިދާލް ވަނީ ބާސެލޯނާގެ ކޯޗުކަމުން ޖެނުއަރީ މަހު އާނެސްޓޯ ވަލްވޭޑޭ ވަކިކުރުމުގައި ކުޅުންތެރިންގެ ރޯލެއް އޮތް ކަމަށް ބުނެފަ އެވެ. އަބިދާލަށް ރައްދުދެމުން މެސީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ލިޔުނީ "ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ" ކަމަށެވެ.

ފަހުން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ އެ މައްސަލައިގެ ވާހަކަތަކަށް ދޭ ސަމާލުކަން ކުޑަކޮށް ކްލަބްގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކްލަބްގެ ޓްރާންސްފާ ޕޮލިސީގައި އެއްވެސް އުސޫލެއް ނެތްގޮތަށް މިހާރު އަމަލުތައް ކުރަމުން އަންނާތީ ވެސް މެސީގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. މިދިޔަ ފެބްރުއަރީ މަހު ދިން އިންޓަވިއުއެއްގައި ބުނީ އެ ކްލަބްގެ ފޯމު އޮތްގޮތުން މި ސީޒަނުގައި ތަށްޓެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބުރަކަމަށާއި ވާދަވެރި ޓީމުތައް ފެންނަނީ އެއް ޓީމެއް ލައްވައި ގިނަ އަހަރުތަކެއް ވަންދެން ކުޅުވައި އިތުރަށް ވަރުގަދަ ވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ފުޓްބޯޅަ ތަޖުރިބާކާރުންގެ ނަޒަރުގައި މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ އޭނާ ގެންދަން މަސައްކަތްކުރާނެ ޓީމުތަކަކީ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަދި ޔުވެންޓަސް އެވެ. މީގެ ކުރިން ސިޓީން ވަނީ މެސީ ގެންދަން މަސައްކަތްކޮށްފަ އެެވެ.