ހާއްސަ އިހުތިޔާރަކާ އެކު ޒަވީ އަލް ސާދުގައި މަޑުކޮށްފި

ދޯހާ، ގަތަރު (ޖުލައި 6) - ހާއްސަ އިހުތިޔާރެއް ލިބޭގޮތަށް ކޮންޓްރެކްޓް އާކޮށް ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭސް ގަތަރުގެ އަލް ސާދުގެ ކޯޗެއްގެ ގޮތުގައި މަޑުކުރަން ނިންމައިފި އެވެ.


ޒަވީއާ އެކު އަލް ސާދުން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށެވެ. އެކަމަކު އެ އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއް ބުނާގޮތުން މުއްދަތު ހަމަވުމުގެ ކުރިން ޒަވީ އަށް ހާއްސަ އިހުތިޔާރެއްގެ ދަށުން އޭނާ ބޭނުންވާ ކްލަބަކަށް ވަކި މުއްދަތެއްގެ ނޯޓިސް އެއް ދީފައި ބަދަލުވެވޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ މި މާއްދާ ހިމެނީ އަންނަ އަހަރު ބާސެލޯނާގެ އިންތިހާބަށް ފަހު އެ ޓީމަށް ބަދަލުވާން ބޭނުންވާތީ އެވެ. އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ބާސެލޯނާ އިންތިހާބު އޮންނާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗު ކަމުން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ޒަވީ ގެންދަން ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ޒަވީ ހުށަހެޅި ކަންތައްތަކަށް ކްލަބްގެ ވެރިން އެއްބަހެއްނުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާގެ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއުގެ ދައުރުގައި އެ ކްލަބުގައި މަސައްކަތްކުރަން ޒަވީ ބޭނުންނުވާ ކަމަށް އޭނާގެ ގާތް ފަރާތަކާ ހަވާލާދީ ސްޕެއިނުގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޒަވީ އާއި ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބާސެލޯނާ އަށް ނޫނެކޭ ބުނުމުން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ރެއާލް ބެޓިސްގެ ކޯޗުކަން ކުރި ކީކޭ ސެޓިއެން އެވެ. ސެޓިއެންގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ މާޗް މަހު ޒަވީ ވަނީ ބާސެލޯނާ އަށް ކޯޗުކޮށްދިނުމުގެ ހުވަފެން އަދިވެސް ދެކޭ ކަމަށް ބުނެފަ އެވެ. ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާނުކޮށްފައިވާ ވިކްޓަ ފޮންޓް ވަނީ ޒަވީ އެ ޓީމުގެ ކޯޗަކަށް ގެނައުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އަލް ސާދާ އެކު ކޮންޓްރެކްޓް އާ ކުރުމަށް ފަހު ޒަވީ ބުނީ އެ ޓީމަށް ކާމިޔާބު ހޯދައިދޭން އިތުރު އަހަރެއް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ކުޅުންތެރިއެއްގެ ގޮތުގައި ކުރި ހިދުމަތަށް ވުރެން ކޯޗެއްގެ ގޮތުގައި ކާމިޔާބު މަސައްކަތެއް ކުރަން ބޭނުންވާ ކަމަށެވެ.

ސްޕެއިނުގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ޓީމަށް ކުޅެދިނުމަށް ފަހު ޒަވީ ކޯޗެއްގެ ރޯލުގައި އެ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. އަލް ސާދު ގޮވައިގެން ކްލަބް ވޯލްޑް ކަޕްގައި މިދިޔަ އަހަރު ވާދަކުރި ޒަވީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އަލް ސާދާ އެކު ހަތަރު ތަށި ހޯދައިފަ އެވެ. އަދި އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ގަތަރު ކަޕާއި ގަތަރު ސުޕަ ކަޕް ތަށި އުފުލާލި އެވެ.