ޓޮޓެންހަމް މޮޅުވިއިރު، ސޮން އާއި ލޮރިސްގެ ކޯޅުމެއް

ލަންޑަން (ޖުލައި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން އެވަޓަން 1-0 އިން ބަލިކުރި މެޗުގައި ޓޮޓެންހަމްގެ ދެ ކުޅުންތެރިން ކަމަށްވާ ހޫގޯ ލޮރިސް އާއި އެ ޓީމުގެ ސޮން ހެއުން މިންގެ ދެމެދުގައި ކޯޅުމެއް ހިނގައިފި އެވެ.


ލޮރިސް ހިތްހަމަނުޖެހުނީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގައި އެވަޓަން ކުޅުންތެރިން އެޓޭކް ކުރަމުން ދިޔައިރު ބޯޅަ ހޯދަން ސޮންގެ ފަރާތުން އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުފެންނާތީ އެވެ. އެ ހިތްހަމަނުޖެހުންތަކާ އެކު ފުރަތަމަ ހާފު ނިމުމާ އެކު ލޮރިސް ވަނީ ސޮންއާ ދިމާލަށް ގޮސްފަ އެވެ. އެކަމަކު އެ ވަގުތު އެ ދެ ކުޅުންތެރިން ދެމެދަށް ޖިއޮވާނީ ލޮ ސެލްސޯ އާއި މޫސާ ސިސޯކޯ ވަދެ ދުރުކުރި އެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ މިއީ ފުޓްބޯޅައިގެ ކަމެއް ކަމަށާއި އެ ކަންތައްތައް ފެނުމުން އޭނާ އަށް ހިތްހަމަޖެހުން ލިބޭ ސަބަބަކީ ކުޅުންތެރިންގެ ފަރާތުން މޮޅުވާން ބޭނުންވާ ރޫހު ފެންނާތީ ކަމަށެވެ.

"މިއީ އަހަރެން ބޭއްވި ބައްދަލުވުމެއްގެ ނަތީޖާ. އަހަންނަށް މިއީ މައްސަލައެއް ނޫން. އެކަމާ މީހަކު ކުށްވެރިކުރާނަމަ ކުރަންވީ އަހަރެން. އެއީ އަހަރެން ބޭނުންވޭ ކޮންމެ ހާލެއްގައި ވެސް މޮޅުވާން،" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން ޓޮޓެންހަމް ކޯޗު މޮރީނިއޯ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފްރާންސް ގައުމީ ޓީމާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކީޕަރު ލޮރިސް ބުނީ ސޮންއާ މެދު ހިތްހަމަނުޖެހުނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ އަށް ވެސް އެނގޭނެ ކަމަށާއި ކޮންމެ ގޮތެއް ވިޔަސް ހުރިހާ ކުޅުންތެރިންގެ ވިސްނުމަކީ މޮޅުވުން ކަމަށެވެ.

"އަހަރެމެން މި ތިބީ އެއް މިސްރާބެއްގައި. ހިތްހަމަނުޖެހޭ ވަގުތު އެ ޝުއޫރު ވެސް ފާޅުކުރެވެނީ މޮޅުވާން ބޭނުންވާތީ،" ލޮރިސް ބުންޏެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ މެޗުގެ 24 ވަނަ މިނިޓްގައި އެވަޓަންގެ މައިކަލް ކީން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭރިއާ ތެރެއިން ލޮ ސެލްސޯ ޖެހި ބޯޅަ މިސްރާބު ބަދަލުވެގެން ގޯލުގެ ތެރެއަށް ވަނީ ކީން ގައިގައި ޖެހިފަ އެވެ. ނަތީޖާ ހަމަހަމަ ކުރަން އެވަޓަންގެ ރިޗާލިސަން އާއި ޑޮމިނިކް ކަލްވެޓް-ލެވިން ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބެއްނުވި އެވެ.

މި މޮޅާ އެކު ޓޮޓެންހަމް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 33 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ. ގަދަ ހަތަރަކާ ޓޮޓެންހަމާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ރޭގެ މެޗުން ލިބުނު މޮޅާ އެކު މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި ޕްރިމިއާ ލީގުގައި 200 މޮޅު ހަމަކޮށްފަ އެވެ. މޮރީނިއޯ އެ އަދަދަށް މޮޅު ހަމަކުރީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމަށް ކޯޗުކޮށްދިން 326 މެޗުންނެވެ. މޮރީނިއޯ އަށް ވުރެން އަވަހަށް 200 މޮޅު ހަމަކުރި ހަމައެކަނި ކޯޗަކީ ކުރިން ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އެލެކްސް ފާގަސަން އެވެ. ފާގަސަން އެ އަދަދަށް މޮޅު ހަމަކުރީ 322 މެޗުންނެވެ.