އަލަވޭސް ބަލިކޮށް ރެއާލް ލީގާ ގާތަށް

މެޑްރިޑް (ޖުލައި 11) - ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވޭސް އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑް ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.


ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު، ރޭގެ މޮޅާ އެކު ރެއާލް ވަނީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. ރެއާލަށް 35 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް 35 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. މިރޭ ރެއާލް ވަލޮޑޮލިޑް އަތުން ބާސެލޯނާ އަށް މޮޅުނުވެވި، ހޯމަ ދުވަހުގެ ރޭ ރެއާލުން ގްރަނާޑާ ބަލިކޮށްފިނަމަ ބާކީ ދެ މެޗު ނުކުޅެ އޮއްވައި ރެއާލަށް ލީގު ކަށަވަރުކުރެވޭނެ އެވެ. އަނެއްކޮޅުން ބަލާއިރު ރެއާލަށް އޮތް އަނެއް ހިތްހަމަޖެހުމަކީ ދެ ވަނައިގައި އޮތް ބާސެލޯނާއާ ވާދަކުރާއިރު ރަނގަޅު ހެޑް ޓު ހެޑް ރެކޯޑެއް އޮތުމެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އޭނާގެ ނަޒަރުގައި އަދި އެއްވެސް އެއްޗެއް ޔަގީންނުވާ ކަމަށެވެ.

"ލަލީގާ އަކީ ވަރަށް އުނދަގޫ ލީގެއް. ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރެންގެ ކުރިމަތީގައި އޮތީ ތިން ފައިނަލް. ފޯކަސް ގެއްލުވާނުލައި މޮޅުވާން ޖެހޭ،" ރެއާލަށް ތިން ޗެމްޕިއަންސް ލީގާއި ލަލީގާ މީގެ ކުރިން ހޯދައިދީފައިވާ ޒިދާން ބުންޏެވެ.

ރެއާލަށް ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލީޑުނަގައިދިނީ ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. މި ޕެނަލްޓީ އަކީ ރެއާލުގެ ޑިފެންޑަރު ފޭލަންޑް މެންޑީ އަށް އަލަވޭސްގެ ޒިމޯ ނަވާރޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ފަހަކަށް އައިސް އާންމުކޮށް ރެއާލްގެ ޕެނަލްޓީތައް ޖަހަނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ރޭގެ މެޗަށް އޭނާ ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ރެއާލްގެ ދެ ވަނަ ގޯލު ޖެހީ މާކޯ އަސެންސިއޯ އެވެ. އޭނާ މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޭގެ މެޗުގައި ރެއާލް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބެންޒެމާ އެވެ. އިތުރު ލަނޑު ޖަހަން ރެއާލުން ފުރުސަތު ތަނަވަސްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

އަލަވޭސް އަށް ގޯލެއް ޖަހައިދޭން ސްޕެއިނުގެ ފޯވާޑް ހޮސޭލޫ ޖެހި ބޯޅަ ރެއާލްގެ ގޯލުގައި ހުރި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.