ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟

ނިޔޯން، ސްވިޒަލެންޑް (ޖުލައި 11) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް އޭނާގެ ކުރީގެ ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހިދާނެ އެވެ.


އިއްޔެ ނެގި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުމުގައިވާ ގޮތުން މެންޗެސްޓާ ސިޓީ އާއި ރެއާލް ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ނުކުންނަން ޖެހޭނީ ލިޔޯނާއި ޔުވެންޓަސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޔުވެންޓަސް އަދި ރެއާލް ވެސް ވަނީ ބަލިވެފަ އެވެ. ލިޔޯން ދަނޑުގައި ޔުވެންޓަސް ބަލިވީ 1-0 އިންނެވެ. އަދި ރެއާލް އަމިއްލަ ދަނޑުގައި ސިޓީ އަތުން ބަލިވީ 2-1 އިންނެވެ. ކުއާޓާ އިން ފުރުސަތު ހޯދަން ރެއާލާއި ޔުވެންޓަސް އަށް އޮތީ އުނދަގޫ މަސައްކަތެކެވެ.

ކޮވިޑް-19 ގެ ސަބަބުން ޗެމްޕިއަންސް ލީގު މެދުކަނޑާލީ އެ މުބާރާތުގެ ދެ ވަނަ ލެގުތައް ކުޅެމުން ދަނިކޮށެވެ. އަލުން ފަށާއިރު ދެ ވަަނަ ލެގުގެ މެޗުތައް ކުޅޭނެ ދަނޑެއް ކަނޑައެޅުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު ޔުއެފާ އިން ނިންމާފައިވަނީ ދެ ވަނަ ލެގުތައް ކުޅޭނީ ހަމަކުރިން ވެސް އޮތްގޮތަށް އެ ކުޅެން އޮތް ދަނޑެއްގަ އެވެ. ޕޯޗުގަލްގެ ލިޒްބަންގައި މެޗުތައް ފަށާނީ ކުއާޓާ ފައިނަލުން ފެށިގެންނެވެ.

ސިޓީ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗާއި ޔުވެންޓަސް ދަނޑުގައި ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. އެ ދުވަހު ރެއާލާއި ޔުވެންޓަސް މޮޅުވެއްޖެނަމަ އޮގަސްޓް 15 ވަނަ ދުވަހަކީ ރޮނާލްޑޯ އަށް ހާއްސަ ދުވަހަކަށްވާނެ އެވެ. އޭނާގެ އުފަން ގައުމުގައި ކުރީގެ ކްލަބް ރެއާލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އެ ދުވަހު އެވެ. މީގެ ދެ އަހަރު ކުރިން ބޮޑު އަގުގައި ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯ ވަނީ ރެއާލާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ރޮނާލްޑޯ ރެއާލުގައި ހުރެ ޖެހި ގިނަ ގޯލުތަކާ އެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލި އެތުލެޓިކޯ މެޑްރިޑް ކުއާޓާގައި ނުކުންނާނީ ޖަރުމަނުގެ އާރްބީ ލިޕްޒިގާ ދެކޮޅަށެވެ. ކުއާޓާގައި ނަޕޯލީ އާއި ބާސެލޯނާ ތެރެއިން މޮޅުވާ ޓީމެއް ނުކުންނާނީ ބަޔާން މިއުނިކާއި ޗެލްސީގެ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަދި މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކޮށް ކުއާޓާ އަށް ދަތުރުކޮށްފައިވާ އިޓަލީގެ އެޓަލަންޓާ ކުއާޓާގައި ނުކުންނާނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް އެއް ލެގު އުސޫލުން ކުޅެ ލިޒްބަންގައި ފައިނަލް މެޗު ކުޅެން ނިންމާފައިވަނީ އޮގަސްޓް 23 ވަނަ ދުވަހު އެވެ.