ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ލީގާ ކައިރިއަށް

ޓިއުރިން (ޖުލައި 12) – ފަހު ވަގުތު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ގޯލާ އެކު އެޓަލާންޓާއާ 2-2 އިން އެއްވަރުކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ތާވަލުގެ ކުރީގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައި ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.


ތާވަލުގެ ދެ ވަނައިގައި އޮތް ލާޒިއޯ ރޭ ސަސުއޯލޯ އަތުން 2-1 އިން ބަލިވެފައިވާތީވެ ރޭ ޔުވެންޓަސް މޮޅުވި ނަމަ އެ ޓީމަށް 10 ޕޮއިންޓުގެ ލީޑެއް ލިބުނީހެވެ. ޔުވެންޓަސް 32 މެޗުން 76 ޕޮއިންޓް ހޯދާފައިވާއިރު ލާޒިއޯ ދެ ވަނައިގައި އޮތީ 32 މެޗުން 68 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 32 މެޗުން 67 ޕޮއިންޓް ހޯދައިގެން އެޓަލާންޓާ އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި އެޓަލާންޓާގެ ޑެނިއަލް ޒަޕާޓާ ވަނީ ލީޑު ނަގައިދީފަ އެވެ. ޔުވެންޓަސް އަށް ފުރަތަމަ ފަހަރަށް ރޮނާލްޑޯ އެއްވަރުކޮށްދިނީ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެޓަލާންޓާ އިން އަލުން ލީޑު ނެގީ 80 ވަނަ މިނެޓުގައި ރުސްލާން މަލިނޯސްކީ ޖެހި ގޯލުންނެވެ. ރޮނާލްޑޯ ޔުވެންޓަސް އަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ޕެނަލްޓީ ވައްދާލީ 90 ވަނަ މިނެޓުގަ އެވެ.

އިޓާލިއަން 2000 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ހޯދަން ލާޒިއޯ އަށް ލިބިފައިވާ ރަނުގެ ފުރުސަތު ރޭގެ މެޗުން ބަލިވުމާ އެކު މިވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ޔުވެންޓަސް އަތުން އެންމެ ފަހުން ކުޅުނު ދެ މެޗުން ފަސް ޕޮއިންޓް ގެއްލުމުގެ ފައިދާ ލާޒިއޯ އަށް ނެގޭ ގޮތްނުވީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމުންނެވެ.

ރޭ ރޯމާ ވަނީ ރަށުން ބޭރުގައި ބްރެޝިއާ އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 32 މެޗުން 54 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތާވަލުގެ ހަ ވަނައިގައި 51 ޕޮއިންޓާ އެކު އޮތް ނަޕޯލީ އާއި ހަތް ވަަނައިގައި 49 ޕޮއިންޓާ އެކު އޮތް އޭސީ މިލާން މިރޭ ވާދަކުރާނެ އެވެ. މިރޭ މޮޅުވެގެން މިލާނަށް ހަ ވަނަ އަށް އެރޭނެ އެވެ.