ލީގު ގެއްލުނަސް ހުރިހާ ޒިންމާއެއް ނުނެގޭނެ: ބާސެލޯނާ ކޯޗު

ބާސެލޯނާ (ޖުލައި 16) - މި ފަހަރުގެ ސްޕެނިޝް ލީގު ބާސެލޯނާ އަށް ގެއްލިއްޖެނަމަ އެކަމުގެ ހުރިހާ ޒިންމާއެއް އޭނާގެ ބޮލުގައި ނޭޅުވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.


ޖެނުއަރީ މަހު ސެޓިއެން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވިއިރު އެ ޓީމު އޮތީ ސްޕެނިޝް ލީގުގެ އެއް ވަނައިގަ އެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ދެ މަހަށް ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މިދިޔަ މަހު އަލުން ފެށި ފަހުން ބާސެލޯނާގެ ލީޑު ގެއްލި މިހާރު ލީގުގެ ކުރީގައި ރެއާލް މެޑްރިޑް ވަނީ ލީޑެއް ނަގައިފަ އެވެ. އަދި ލީގުގައި މިރޭ ރެއާލް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ޔަގީންވާނެ އެވެ. ބާސެލޯނާ އަށް ލީގު ލިބެން ދެން އޮތީ ކުރިއަށް އޮތް ދެ މެޗުން ވެސް ރެއާލަށް މޮޅެއް ނުލިބިއްޖެނަމަ އެވެ. ބާސެލޯނާގެ ބައެއް ކުޅުންތެރިން މީޑިއާގައި ދެއްކި ވާހަކަތަކަށް ބަލާއިރު މި ފަހަރު ލީގު އެ ޓީމަށް އޮތީ ގެއްލިފަ އެވެ.

ސެޓިއެން ބުނީ ޓާގެޓަކަށް ވާސިލްނުވެއްޖެނަމަ އެންމެ ފަސޭހަގޮތަކީ ކޯޗުގެ ބޮލުގައި އެކަން އެޅުވުން ކަމަށާއި އެކަމަކު އޭގެ ވެސް ބަލަން ޖެހޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"ލީގު ގެއްލިއްޖެނަމަ އޭގެ ޒިންމާގެ ބައެއް އަހަރެން ނަގަން ޖެހޭ. އެކަމަކު ހުރިހާ ކަމެއްގެ ޒިންމާ އަކާ އަހަންނަށް ހަވާލެއް ނުވެވޭނެ. އަހަންނަށް އެނގޭ އެންމެ އަވަސް ގޮތަކީ މި ކަހަލަ ހާލަތެއްގައި ކޯޗު ބޮލުގައި ހުރިހާ ކަމެއް އެޅުވުންކަން. އެކަމަކު އަހަރެން ދެކޭ ގޮތުގައި ސީޒަނެއްގެ މެދުތެރެއިން އަހަރެން އައިސް ހަވާލުވެގެން ހުރިހާ ކަމެއް ރަނގަޅެއް ނުކުރެވޭނެ،" ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން ސެޓިއެން ބުންޏެވެ.

މިދިޔަ އަށް އަހަރު ތެރޭ ތިން ވަނަ ފަހަރަށް ސްޕެނިޝް ލީގު ހޯދުމާ ފިޔަވަޅަކާ ގާތުގައި ރެއާލް އޮތްއިރު، ސެޓިއެން ބުނީ ރެއާލް މި ފަހަރުގެ ލީގު ކާމިޔާބުކުރުމުގެ ރޭހުގައި ކުރިއަށް ޖެހިލީ ވިސްނުންތެރިކަމާ އެކު އަމިއްލަ އަށް ކުރި މަސައްކަތުން ކަމަށެވެ.

"މީގައި ރެއާލަށް ވެސް ކްރެޑިޓް ދޭން ޖެހޭނެ. ހަގީގަތުގައި އަލުން ފެށި ފަހުން ރެއާލް ފެނުނީ ވަރަށް އޮގަނައިޒްކޮށް ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން ނަތީޖާ ނެރުނުތަން،" ސެޓިއެން ބުންޏެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ އެންމެ މޮޅު ކުޅުން ނުފެންނަ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ސެޓިއެން ވަނީ ޖަވާބު ދީފަ އެވެ. ސެޓިއެން ބުނީ ލަނޑާއި އެ ނޫން ވެސް ކުޅުމުގެ އެހެން ނަމްބަރުތަކަށް ބަލާއިރު މެސީގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.

"ތެދެއް ތިބުނަނީ މެސީ މި ފަހަރު އެހާ ވަރަށް ގޯލެއް ނުޖަހާ އާންމުކޮށް ސީޒަނެއްގައި ފެންނަ ވަރަށް. އެކަމަކު ބަލަންޖެހޭ އަނެއް ކަމަކީ މެސީގެ ފަރާތުން ކިތައް ގޯލުތޯ މިއައީ. އެ ހުރިހާ ކަމަކަށް ނަޒަރު ހިންގާއިރު މެސީގެ ތަފާތު ވަރަށް ސާފުކޮށް ފެންނަން އެބައޮތް. އަނިޔާގެ މައްސަލަތަކުގެ ސަބަބުން މެޗުތަކެއް ގެއްލުނު ނަމަވެސް މެސީ ކުޅޭ މެޗުތަކުގައި އޭނާގެ ލެވަލް އެބަ ސާބިތުކޮށްދޭ،" ސެޓިއެން ބުންޏެވެ.

ސެޓިއެން ސޮއިކުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މި ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓްގައިވާ ވަކި މާއްދާތަކެއް ފުރިހަމަނުވާނަމަ ވަކިކުރާ ގޮތަށް އޮތީ ކޮންޓްރެކްޓްގައި ހިމަނައިފަ އެވެ. ސެޓިއެން ބުނީ އޭނާގެ އުއްމީދަކީ އަންނަ ސީޒަނުގައި ވެސް ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ދެމިހުރުން ކަމަށެވެ.

ސްޕެނިޝް ލީގުގެ ހުރިހާ މެޗެއް ފަށާނީ އެއް ވަގުތެއްގަ އެވެ. މިރޭ 12 ޖަހާއިރަށް ހުރިހާ މެޗެއް ތާވަލުކޮށްފައިވާއިރު، އެއް ވަނައިގައި އޮތް ރެއާލް ކުޅޭނީ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ އެވެ. އަދި ބާސެލޯނާ ބައްދަލުކުރާނީ އޮސަސޫނާއާ އެވެ.