މެސީގެ ޕެނަލްޓީން މޮޅުވެ ބާސެލޯނާ އެއް ވަނަ އަށް

ބާސެލޯނާ (އޮކްޓޯބަރު 23) - ސްޕެނިޝް ލީގުގައި ރޭ އިތުރު ވަގުތު ލިއޮނަލް މެސީ ވައްދާލި ޕެނަލްޓީން 3-2 އިން ވެލެންސިއާ ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.


މި މޮޅާ އެކު ބާސެލޯނާ އެއް ވަނަ އަށް ޖެހިލީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބާސެލޯނާ އަށް ނުވަ މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެތުލެޓިކޯ ކުޅޭނީ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށެވެ.

މި މެޗުން މޮޅުވިނަމަވެސް ބާސެލޯނާ އަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އެ ޓީމުގެ ކެޕްޓަން އަންދްރެސް އިނިއެސްޓާގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމެވެ. ރިޕޯޓްތައް ބުނާގޮތުން އިނިއެސްޓާ މަދުވެގެން އަށް ހަފްތާ ވަންދެން ކުޅުމާ ދުރު ހުންނަން ޖެހޭނެ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ފުރަތަމަ ހާފްގައި މެސީ އެވެ. ދެ ވަނަ ހާފް ފެށިގެން 16 މިނިޓް ތެރޭގައި ވެލެންސިއާ އިން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ވެލެންސިއާ އަށް އެއްވަރުކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް އެ ކްލަބަށް ބަދަލުވި މުނީރު އަލް ހައްދާދީ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ވެލެންސިއާ އަށް ލީޑުނަގައިދިނީ ރޮޑްރިގޯ އެވެ.

ވެލެންސިއާ އިން ލީޑު ނެގުމާ އެކު ބާސެލޯނާ އިން އެޓޭކް ވަރުގަދަކުރި އެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. ބާސެލޯނާ މޮޅުކޮށްދިން ލަނޑު މެސީ ކާމިޔާބުކުރީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ ވެލެންސިއާ އޭރިއާ ތެރެއިން އެ ޓީމުގެ ފަހަތަށް ކުޅޭ އައިމެން އަބްދެނޫރް ބާސެލޯނާގެ ސުއަރޭޒަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

"މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް. ލީގުގެ ރޭހުގައި ކުރިއަށްދާން ބަލާއިރު މި ތިން ޕޮއިންޓުގެ މުހިއްމުކަން ފަހުން ފެންނާނެ. އެކަމަކު އެންމެ ބޮޑު ހިތާމަ އަކީ އިނިއެސްޓާ ދިގު މުއްދަތަކަށް ގެއްލުން. މިއީ ޓީމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް،" ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.