ޗެލްސީން ކުރާ ހަރަދަށް ލިވަޕޫލް ނުބަލާނެ: ކްލޮޕް

ލިވަޕޫލް (ޖުލައި 22) - އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން ޗެލްސީން ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް އެކަމަށް ލިވަޕޫލުން މާ ބޮޑަށް ނުބަލާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


ޓްރާންސްފާ މާކެޓްގައި އެންމެ ހަރަކާތްތެރި އިނގިރޭސި ކްލަބަކީ ޗެލްސީ އެވެ. އެ ޓީމުން ވަނީ އަޔަކްސްގެ ހަކީމް ޒިޔެޗް އާއި އާރްބީ ލިޕްޒިގުގެ ޓިމޯ ވާނާ ގެނެސްފަ އެވެ. އަދި ވަރަށް އަވަހަށް ބަޔާ ލެވަކޫސަންގެ ކާއީ ހާވާޓްޒްގެ ސޮއި ހޯދާނެ ކަމަށް ބެލެވެ އެވެ. މި ހުރިހާ ޓްރާންސްފާއެއްގެ ޖުމްލަ ހަރަދު 160 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިވަޕޫލުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި މާ ބޮޑު ހަރަދުތަކެއް ނުކުރާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. ކްލޮޕް ބުނީ ލިވަޕޫލްގެ ހަރަދުތައް ބައްޓަންކުރަން ބޭނުންވަނީ ވާދަވެރި އެހެން ކްލަބްތަކުން ކުރާ ގޮތް ބަލައިގެނެއް ނޫން ކަމަށެވެ.

"ޗެލްސީން ވެސް ރަނގަޅު ގޮތްތަކެއް ނިންމައި ޓީމު ވަރުގަދަ ކުރަންވީ. އެކަމަކު ޗެލްސީން ކުޅުންތެރިން ގަންނަން ހަރަދުކުރާތީ އެ ކަމަށް ބަލައިގެން އަހަރެމެން ހަރަދެއް ނުކުރާނަން. އަހަރެންގެ ސްކޮޑާ މެދު ހިތްހަމަޖެހޭ. އޭގެ މާނަ އަކީ އަހަރެމެން ހަރަދެއް ނުކުރާނެއެކޭ ނޫން. މީގައި މުހިއްމީ ކޮވިޑް-19ގެ ސަބަބުން މި އައިސްފައި މި އޮތް ހާލަތުގައި ރަނގަޅު ގޮތްތަކެއް ނިންމުން،" މިރޭ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

މިރޭގެ މެޗު ލިވަޕޫލަށް ހާއްސަވާނެ އެންމެ ބޮޑު ސަބަބަކީ މިއީ 30 އަހަރަށް ފަހު އެ ޓީމުން ޕްރިމިއާ ލީގު ތަށި އުފުލާލާ މެޗު ކަމަށްވުމުންނެވެ. ލިވަޕޫލުން ލީގު ޔަގީންކުރީ ބާކީ ހަތް މެޗު އޮއްވަ އެވެ. ކްލޮޕް ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

"މިއީ ކްރިސްމަސް ކަހަލަ ކަމެއް. މާ ކުރިން އަހަރެމެންނަށް ލިބިފައި އޮތް ހަދިޔާއެއް ލިބޭ ދުވަސް އައުން ކަހަލަ އިހުސާސެއް މި ކުރެވެނީ. މިއީ އަހަންނަށް ވެސް އާ ތަޖުރިބާއެއް. އަހަރެމެން މި ތިބީ ވަރަށް އުފަލުން. އެއީ މި މަސައްކަތަކީ މުޅި ޓީމު އެކީގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބެއް،" ކްލޮޕް ބުންޏެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އޭނާގެ ޓީމުން ހަރަދުތަކެއް ކޮށްގެން ޓީމު ވަރުގަދަކުރި ނަމަވެސް އަދިވެސް ލިވަޕޫލް އޮތް ހިސާބަށް ދިއުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

ޗެލްސީގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް. -- ފޮޓޯ: އޭއެފްޕީ

"30 ޕޮއިންޓުގެ ފަރަގަކީ ވަރަށް ބޮޑު ފަރަގެއް. އަހަރެމެންނަށް ފެންނަން އޮތް ހަގީގަތް ގަބޫލުކުރަން ޖެހޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން މިހާރު އެ އޮތް ލެވަލަށް ދިޔައީ ވަރަށް މަސައްކަތުންކަން. އެއީ ފަސޭހަކަމެއް ނޫން. އަހަރެމެން ވެސް އެ ހިސާބަށް ދާން ކުރަން އޮތީ ބޮޑު މަސައްކަތެއް. މީގައި މުހިއްމީ އެއް ފެންވަރެއްގައި ދެމެހެއްޓޭނެ ރަނގަޅު ނަތީޖާތަކެއް ނެރުން،" ލަމްޕާޑް ބުންޏެވެ.

މިރޭގެ މެޗު ޗެލްސީ އަށް މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރުމަށެވެ. މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތް ޗެލްސީ އަށް މިރޭގެ މެޗުން މޮޅެއް ނުހޯދިއްޖެނަމަ އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. ޗެލްސީ މި ވަގުތު ތިން ވަނައިގައި އޮތީ ހަތަރެއްގައި އޮތް ލެސްޓާ ސިޓީ އާއި ފަހެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެން އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

"ކޮންމެ ހާލަތެއްގައި ވެސް ގަދަ ހަތަރެއް ޔަގީންކުރަން އަހަރެން ބޭނުން. އެއީ ސީޒަން ފެށިއިރު ވެސް އަހަރެންގެ ޓާގެޓަކީ،" ލަމްޕާޑް ބުންޏެވެ.

ލިވަޕޫލާ ދެކޮޅަށް މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީ އަށް އޮތް އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެންގޯލޯ ކާންޓޭ އަށް ނުކުޅެވުމެވެ. އެންމެ ފަހުން މެޗުތަކުގައި އަނިޔާގެ ސަބަބުން ނުފެނުނު ލިވަޕޫލްގެ ޖޭމްސް މިލްނާ ވަނީ މެޗަށް ފިޓްވެފަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:15 ގަ އެވެ. އޭގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ކުޅޭ މެޗު ފަށާނީ 22:00 ގަ އެވެ.